އެފްއޭއެމުން ކުރިއަށް ގެންދާ އެމްޓީސީސީ ނޯތު ލީގުގެ ގްރޫޕް ސީގައި މިއަދު ކުޅެވުނު މެޗުތަކުން ކެނދިކުޅުދޫއަށް މާޅެންދޫ އަތުން އުދަނގޫ މޮޅެއް ލިބުނުއިރު ހޮޅުދޫއާއި ކުޑަފަރި ބައްދަލުކުރި މެޗު އެއްވަރުވެއްޖެ އެވެ.
މިއަދު އަމިއްލަ ދަނޑުގައި ކެނދިކުޅުދޫއިން މާޅެންދޫގެ ޓީމު ބަލިކުރީ 3 - 2 ގެ ހަނި ތަފާތަކުންނެވެ. މިމެޗުގައި ފުރަތަމަ ލީޑު ނެގީ ކެނދިކުޅުދޫއިންނެވެ. 17 ވަނަ މިނެޓުގައި އަފްރާހް މުހައްމަދުގެ ލަނޑަކުން ކެނދިކުޅުދޫ ލީޑު ނެގިނަމަވެސް އޭގެ މިނެޓެއް ފަހުން އިބްރާހިމް ނިޔާޒުގެ ލަނޑުން މާޅެންދޫ އެއްވަރުކުރި އެވެ.
30 ވަނަ މިނެޓުގައި ހުސެއިން ޖަވާދުގެ ލަނޑުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގި އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެނދިކުޅުދޫއިން ވަނީ ނަތީޖާ އެއްވަރުކޮށްފަ އެވެ. 2 - 2 ން ފުރަތަމަ ހާފު ނިމުނުއިރު ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ލަނޑެއް ޖަހާ ކެނދިކުޅުދޫއިން ފަހަތުން އަރާ ކަމްބެކެއް ހެދި އެވެ
މިއަދުގެ އަނެއް މެޗުގައި އަމިއްލަ ދަނޑުގައި ކުޑަފަރިއާ ދެކޮޅަށް ހޮޅުދޫއިން ނުކުތްއިރު މެޗު ނިމުނީ 3 - 3 ން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލީޑުނެގީ ކުޑަފަރިންނެވެ. 17 ވަނަ މިނެޓުގައި މުހައްމަދު ނާހިޒްގެ ލަނޑުން ލީޑު ނެގިއިރު އޭގެ ދެމިނެޓު ފަހުން އަނެއްކާވެސް ކުޑަފަރިން ލީޑު ފުޅާކުރި އެވެ. މިލަނޑު ޖެހީ މުހައްމަދު ވަހީދު އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ހޮޅުދޫގެ އަހްމަދު އާސިފް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިން ނަމަވެސް ފުރަތަމަ ހާފު ނިމުނީ 1 ލަނޑުގެ ލީޑަކުން ކުޑަފަރި ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް 65 ވަނަ މިނެޓުގައި އަނެއްކާވެސް ލަނޑެއް ޖަހާ 2 ލަނޑުގެ ލީޑެއް ކުޑަފަރިން ނެގި އެވެ. މިލަނޑު ޖެހީ ދެވަނަ ލަނޑު ޖަހައިދިން މުހައްމަދު ވަހީދެވެ.
އޭގެ 10 މިނެޓުފަހުން އަހްމަދު ސައްޔާހް ލަނޑެއް ޖަހާ ހޮޅުދޫއަށް ލީޑު ކުޑަކޮށްދިންއިރު ފުރިހަމަ ވަގުތު ހަމަވެ ދިން އިތުރުވަގުތުގެ ފަހު މިނެޓުގައި އަހްމަދު އާސިފް ވަނީ ހޮޅުދޫއަށް ނަތީޖާ އެއްވަރުކޮށްދީ ޕޮއިންޓެއް ހޯދައިދީފަ އެވެ.
ބުރާސްފަތި ދުވަހު ކުޅެވޭ މެޗުގައި ހޮޅުދޫއިން ނުކުންނާނީ ގަދަފަދަ ކެނދިކުޅުދޫއާ ދެކޮޅަށެވެ. އަދި މާޅެންދޫ ބައްދަލުކުރާނީ ކުޑަފަރިއާ އެވެ.