ދިރާގުން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބާޝިފް އާކޮށްފިއެވެ. ދިރާގުން ބުނީ އެއީ ދިވެހި ރެޑް ކްރެސެންޓުން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން ދިރާގުން ވަނީ ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބާޝިޕް އައުކޮށް، ރެޑް ކްރެސެންޓުގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދިރާގުން ބުނީ އާ ކުރި މެމްބާޝިޕްގެ ސަބަބުން، ކާރިސާތަކުގެ ވަގުތުތަކުގަޔާއި އާންމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެ ކުންފުނިން އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެ ކަމަށެވެ.
ރެޑް ކްރެސެންޓުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން ހިމެނެއެވެ.
ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވަނީ ރެޑް ކްރެސެންޓްގެ ޓީމާއި ހުރިހާ ވޮލަންޓިޔަރުން ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް، ރެޑް ކްރެސެންޓް ދުވަހުގެ ތަހުނިޔާ ދިރާގުގެ މެނޭޖްމަންޓާއި ހުރިހާ މުވައްޒަފުންގެ ފަރާތުން އަރިސް ކުރާ ކަމަށް ވިދާޅުވެފައެވެ.
"އަދި ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބާޝިޕް އާކޮށް ދިވެހި ރެޑް ކްރެސެންޓުން ކުރައްވާ އަގުހުރި ގައުމީ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވިއެވެ.
ދިރާގުގެ ކޯޕަރޭޓް މެމްބާޝިޕްގެ އިތުރުން، ރެޑް ކްރެސެންޓުން ފޯރުކޮށްދޭ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށް ދިނުމަށާއި ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި ޓޯލް ފްރީ ހެލްޕްލައިން ފަދަ ޓެލެކޮމިއުނިކޭޝަނާ ގުޅުން ހުރި ހިދުމަތްތައް ދިނުމުގައި ދިރާގުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެ ކުންފުނިން ފާހަގަކުރިއެވެ.