އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުޤައްޔޫމަށް ރޭ އަރުވައިފި އެވެ.
އެ މަނިކުފާނަށް އެ ޓިކެޓް ހަވާލުކުރަން "ހަވާލޭ ވަތަން" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބާއްވަމުން ގެންދާ ބިޔަ ޖަލްސާގައި ޓިކެޓް ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށް އެ ޕާޓީގެ ސެނެޓުން ވަނީ ނިންމާފައެވެ. ނަމަވެސް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓަކަށް ރައީސް ޔާމީން ޕްރައިމަރީއަކާ ނުލައި ހަމަޖެއްސުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
ޔާމީނާ ޓިކެޓް ހަވާލުކޮށް ދެއްވީ ހުރިހާ ރަށެއްގެ ޕީޕީއެމްގެ މަންދޫބުން އެކަކު އަތުން އަނެކަކު އަތަށް ޓިކެޓް ހަވާލުކުރަމުން ގޮސް، އަބްދުއްރަހީމާ ހަވާލު ކުރުމަށް ފަހު އެވެ. ގިނަ އަދަދެއްގެ މީހުން ބައިވެރިވި އެ ޖަލްސާގައި ހުރިހާ ރަށެއްގެ މަންދޫބުން ބައިވެރިވި އެވެ.
އެކަމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީނަށް ޓިކެޓު ދިނީ ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް ކަމަށެވެ. އަދި އެކަމަށް އެހެން ޕާޓީތަކުން ފާޑުކިޔަން ނުޖެހޭނެ ކަމަށާއި އެ ޕާޓީތަކުން އެކަމަށް ފާޑުކިޔަނީ ރައީސް ޔާމީނަށް ޖެހިލުންވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދޭން ނިންމާފައިވާއިރު، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއް ކްރިމިނަލް ކޯޓުގައި އެބަ ހިނގައެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު އެމަނިކުފާނުގެ ކިބައިން އުނިވާނެއެވެ.