24 އަހަރަށްފަހު، ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒުން އޯލެވެލް އިމްތިހާނު ހެދި ފުރަތަމަ ބެޗުން ހަތަރު ދަރިވަރަކު ގައުމީ ގަދަ ދިހައެއްގައި ހިމެނިއްޖެ އެވެ.
ޕްރައިމަރީ ގުރޭޑްތަކަށް ހާއްސަ ސްކޫލެއްގެ ގޮތުގައި ތައުލީމް ފޯރުކޮށްދެމުންދިޔަ އެ ސްކޫލުގައި މިދިޔަ އަހަރު ފުރަތަމަ ފަހަރަށް 30 ދަރިވަރަކު ވަނީ އޯލެވެލް އިމްތިހާނުގައި ބައިވެރިވެރިވެ ރަންވަނަތަކެއް ހޯދާފަ އެވެ.
އެ ސްކޫލުގެ އޯލެވެލް ހެދި ފުރަތަމަ ބެޗުގެ ދަރިވަރުންތަކުގެ ތެރެއިން ގައުމީ ގަދަ ދިހައެއްގެ ހަތަރު ވަނައިގައި އާއި ފަސް ވަނަައިގެ އިތުރުން 8 ވަނަ އަދި ނުވަ ވަނައިގައިވެސް ދަރިވަރުން ހިމެނުނެވެ.
އެ ސްކޫލުގެ އޯލެވެލް ފުރަތަމަ ބެޗުގައި ގައުމީ ގަދަ ދިހައެއްގައި ހިމެނު ހަތަރު ދަރިވަރުންނަކީ، މަރިޔަމް އިބާދާ އަބޫބަކުރާއި އައިޝަތު މުޒުނާ މުހައްމަދުގެ އިތުރުން އަހުމަދު އަތޫފް މުހައްމަދު އަދި އައިމިނަތު ރިސްމާ ހަސަނެވެ.
20 އޭ ސްޓަރ އާއި 33 އޭ ހޯދިއިރު ހަތަރު މާއްދާއަކުން 100 އިންސަތަ ދަރިވަރުން ފާސްވި އެވެ. އެއީ ފިޒިކްސް އާއި ކެމިސްޓްރީ، އެކައުންޓްސް އަދި ކޮމްޕިއުޓަރެވެ. އެކޮނޮމިކްސް އިން 82 އިންސަތަ ދަރިވަރުން ފާސްވިއިރު ބަޔޮލޮޖީ 89 އިންސަތަ ދަރިވަރުން ފާސްވި އެވެ.
މީގެ އިތުރުން ބިޒްނަސް އާއި އިސްލާމާއި ދިވެހި އަދި އިނގިރޭސިން 78 އިންސަތަ ދަރިވަރުން ފާސްވި އެވެ. ހިސާބުން 72 އިންސަތަ ދަރިވަރުން ފާސްވިއިރު މެރިން ސައިންސުން ފާސްވީ 50 އިންސަތަ ދަރިވަރުންނެވެ. މިދިޔަ އަހަރު އެ ސްކޫލުގައި ބީޓެކް ކިޔަވައިދީފައެއްނުވެ އެވެ.
67 އިންސަތަ ދަރިވަރުން ފަސް މާއްދާއިން ފާސްވިއިރު ތިން މާއްދާއިން ފާސްވެފައިވަނީ 82 އިންސަތަ ދަރިވަރުންނެވެ.
ފާއިތުވި އަހަރުތަކަކުގެ ތެރޭގައި އެ ސްކޫލުގައި ވެރިން ހަމަނުވެ ދިޔުމަށްފަހުން ވެރިން ހަމަވެފައިވަނީ މިއަހަރު އެވެ. ހދ އޭއީސީގައި އެންމެ ފުރަތަމަ ދިހައެއް ނިންމީ 1996 ވަނަ އަހަރެވެ. އެއަށްފަހު 1997 ވަނަ އަހަރުވެސް ޖީސީ އޯލެވެލް ހެދި އެވެ.