އެމްޑީޕީ ހިންގުމުގައި އެމްޑީޕީގެ ކައުންސިލްތަކާއި، ޕާޓީގެ ގޮފިތަކަށް އިތުރު ފުރުސަތު ފަހިވާންޖެހޭކަމަށާއި އެމްޑީޕީ ހިންގުމުގައި މިހާތަނަށްވެސް ކައުންސިލްތަކަށް އެންމެ އެކަށީގެންވާ ދައުރެއް ދެވިފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ހިންގުމުގައި މިހާތަނަށްވެސް ކައުންސިލްތަކަށް އެންމެ އެކަށީގެންވާ ދައުރެއް ދެވިފައި ނުވާކަމަށާއި މިހާރު ހުށަހެޅިފައިވާ އިސްލާހު ތަކުގައިވެސް އެޖާގަ އެންމެ އެކަށީގެންވާ ގޮތަކަށް ދެވިފައިނުވާކަމަށެވެ.
އެމްޑީޕީއަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އެންމެ ބޮޑަށް އިސްކަމެއްދޭ ޕާޓީއަށްވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިހާބު ވެފައިވާ އެމްޑީޕީގެ ކައުންސިލްތަކަށް އެމްޑީޕީގެ ޤައުމީ މަޖިލީހާއި، އެމްޑީޕީގެ ކޮންގްރެސްފަދަ ބޮޑެތި ސިޔާސީ ހަރަކާތްތަކުން ޖާގަ ލިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. ހުރިހާ ކައުންސިލްތަކަށް އެޖާގަ ނުދެވޭނަމަ ސިޓީ ތަކަށް އެޖާގަ ދީގެން ނަމަވެސް ކައުންސިލްތަކަށް އެމްޑީޕީ ހިންގުމުގެ ފުރުސަތު ލިބެންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ޕާޓީގެ ހަރަކާތްތައް ހިންގުމުގައި ޕާތީގެ ގޮފިތަކުގެ ދައުރު މިހާރަށްވުރެ ބޮޑުކުރަން ޖެހޭކަމަށެވެ. ކޮންމެ ކޮންގްރެސްއަކާއި ގުޅިގެން އިންތިހާބެއް ބާއްވައިގެން ކޮންގްރެސްގައި ބައިވެރިވާ މީހުން ކަނޑައެޅުމުގެ ބަދަލުގައި ގޮފިތަކުގެ ރައީސުންނަށް އެޖާގަ ދެވޭގޮތަށް އަސާސީ ގަވާއިދަށް އިސްލާހު ގެނައުމަކީވެސް ބޭނުން ތެރި ކަމެއްކަމަށެވެ.
އެމްޑީޕީ ހިންގުމުގައި އެންމެ އިސްކަންދޭންވީ ޕާޓީގެ ގޮފިތައް ހަރުދަނާކޮށް، ހިންގޭނެ ގޮތްތަކެއް ފަހިކުރުމަށް ކަމަށް ރައީސް ވިދާޅުިވިއެވެ.