ހދ. މަކުނުދޫ ކައުންސިލުން މާލެއަށް ކުރި ދަތުރަކީ އުންމީދީ ދަތުރެއް ކަމަށް މަކުނުދޫ ކައުންސިލުން ބުނެފި އެވެ. މި މަހު 14 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ މުއްދަތަށް ކައުންސިލުން ކުރި މި ދަތުރުގައި އެކި މިނިސްޓްރީތަކާ ބައްދަލުކޮށް ރަށުގެ ހާލަތު މިނިސްޓްރީތަކާ ހިއްސާކުރި އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ ދަތުރުގައި ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުގެ ތެރޭގައި ހޯމްސްޓޭއާއި ލޯކަލް ޓޫރިޒަމްގެ މަކުނުދޫއަށް ތައާރަފުކުރުމާއި އެ ކަންތައްތައް މަކުނުދޫ ސަރަހައްދަށް ގެނެވުމުގައި ހުރި ދަތިތަކާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ.
ސޮނޭވާ ބަޔަކު މަކުނުދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރަމުންއަންނައިރު ސަރަހައްދުގައި ދަތުރުފަތުރުގެ ގޮންޖެހުންތައް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އެހެންނަމަވެސް އާރުޓީއެލްގެ ފެރީގެ ހިދުމަތާއެކު ކުޅުދުއްފުއްޓަށާއި ހަނިމާދުއަށް ކުރާ ދަތުރުތަކަށް ބޮޑު ފަސޭހައެއް ލިބިފައިވާކަމަށް އައުޒަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މަކުނުދޫގައި ޓޫރިސްޓުން ފެސިލިޓޭޓްކުރާނެ ގޮތާއި އެރަށުގައި އެއާޕޯޓެއް އޮތުމުގެ މުހިންމުކަމާމެދުވެސް މަޝްވަރާކުރެވުނުކަމަށެވެ. ޒޫރިޒަމް މިނިސްޓްރީއާއެކު ބޭއްވި ބައްދަލުވުންތަކުގައި ރަށުގެ ބިޔަ ފަޅު ހެޔޮގޮތުގައި ބޭނުން ހިފުމުގެ މައްޗަށް އަލިއަޅުވާލައި މަޝްވަރާކުރިކަމަށް އައުޒަމް ވިދާޅުވި އެވެ.
އެގޮތުން މަކުނުދޫގެ ފަޅުގައި ޑައިވިން ސްޕޮޓްއަކާއި ސްނޯކްލިން ސްޕޮޓްސްތަކުގެ އިތުރުން ސަފާރީ އާއި ޔޮޓް ފަދަ އުޅަނދުތަކަށް ރަނގަޅު ޕޮއިންޓެއްގެ ގޮތުގައި އިސްތިހާރުކުރުމަށްޓަކާ ކުރެވެން ހުރި ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި އެވެ.
މިނިސްޓްރީން ފަހިކޮށްދިން ފުރުސަތެއްގައި މަކުނުދޫ ކައުންސިލުން ބޯޓިން އެސޯޝިއޭޝަންއާވެސް ބައްދަލުކުރިކަމަށް އައުޒަމް ވިދާޅުވި އެވެ.
މި ދަތުރުގެ ތެރެއިން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) ބައްދަލުކޮށް ކައުންސިލް ހިންގުމުގައި ހުރި ދަތިތަކާބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން މިހާރު ކައުންސިލަށް ބޭނުންވާ ކަންތައްތަކާ ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް އައުޒަމް ވިދާޅުވި އެވެ.
މީގެ އިތުރުން އެސްޓީއޯގެ މެނޭޖްމެންޓް ޓީމާ ބައްދަލުކޮށް މިހާރު ހުރި ކާޑު ގުދަނާ ބެހޭގޮތުންނާއި ހުޅަނގު މޫސުމުގައި ދަތުރު ފަތުރުގެ ނިޒާމަށް އަންނަ ދަތިތަކާ ގުޅިގެން މަކުނުދޫއަށް ކާޑާއި ކައްކާ ގޭހުގެ ދަތިތަކާ ބެހޭގޮތުން މަޝްވަރާކޮށް، ހައްލު ހޯދުމާ ބެހޭގޮތުން ވާހަކަ ދެއްކެވި އެވެ.
އައުޒަމް ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީއާ ބައްދަލުކޮށް މަސްވެރިކަމުގެ ދިމާވާ ދަތިތަކާއި އަދި މަސްވެރިކަން ކުރި އެރުވުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދެކެވުނުކަމަށެވެ. އަދި މަކުނުދޫގެ ބޮޑު ފަޅުގައި ކުރެވިދާނެ މަސްވެރިކަމާ ގުޅުން ހުރި ކަންކަމަކާއި އެކަމުގައި ސަރުކާރުން އަދާކުރެވޭނީ ކިހާވަރެއްގެ ރޯލެއްތޯ މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި އޭގެ އިތުރުން ދަނޑުވެރިކަމާ ބެހޭ ގޮތުން ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށާއި އެގޮތުން އައުޒަމް ވިދާޅުވީ، މަކުނުދޫގައި ދަނޑުވެރިން އުފެއްދުމަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ވިދާޅުވެފައިވާތީ އޭނާ އެކަން ފާހަގަކުރެއްވި އެވެ.
މަކުނުދޫ ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީއާވެސް ބައްދަލުކުރެއްވި އެވެ. އެގޮތުން ސްކޫލުގައި ހުރި ދަތިތަކާބެހޭގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ދަރިވަރުންގެ އަހުލާގާއި ސުލޫކީ މިންގަނޑުތަކަށް ހެޔޮ ބަދަލެއް ގެންނަ ބޭނުންވާތީ ސްކޫލުގައި ޔުނީފޯމް ބޮޑީއެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށް އައުޒަމް ވިދާޅުވި އެވެ.
ސިވިލް ސާވިސްއާ ބައްދަލުކޮށް އިދާރީ މުވައްޒަފުންގެ މުސާރައިގެ ވާހަކަވެސް ދެއްކިފައިވާނެ ކަމަށާއި އިދާރީ މުވައްޒަފުންގެ މުސާރަ ކުޑަކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ވާހަކަ ދެކެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އައުޒަމް ވިދާޅުވީ އުންމީދީ މި ދަތުރު ކާމިޔާބީ ދަތުރަކަށްވެގެންދާނީ މަޝްވަރާކުރެވުނު ކަންކަމުގައި އަމަލީ މަސައްކަތްތަކެއް ކުރެވިގެން ކަމުގަ އެވެ.