twitterviber whatsapp telegramfacebookyoutube instagram
6th May 2024

ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުން ދަރިވަރުން ކުރިއަށްދާން ރައީސް އެދިވަޑައިގެންފި

Aug 25, 2022

ދަރިވަރުން ހާސިލްކުރާ އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކުގެ ހުނަރުވެރިންނަށްވުމަށްޓަކައި ދަރިވަރުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު ދަރިވަރުންނަށް މިކަމަށް ގޮވައިލެއްވީ، މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދަރިވަރުންނަކީ ކޮންމެ ކޮންމެ ފިކުރަކަށް ނުހެއްލޭ، ހޭލުންތެރި ބަޔަކަށްވުމަށް އަޒުމް ކަނޑައަޅައިގެން، ދުނިޔެ އާއި ރާއްޖޭގެ އާޖުފާޖު ދަންނަ މީހަކަށްވެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން އިސްލާމީ އަގުތައް ހިފަހައްޓައި ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް، ދަރިވަރުންގެ ޒުވާން ހަކަތަ ބޭނުން ކުރުމަށްވެސް އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ މިފަހަރުގެ އަރުތަވެރިންގެ ކާމިޔާބީ ރަމްޒުކޮށްދެނީ، ދިރިއުޅުމުގެ އަމަލީ މައިދާނަށް ކުދިން ތައްޔާރުކޮށްދިނުމުގައި ސްކޫލުތަކުންނާއި ބެލެނިވެރިން ކުރެއްވި ބުރަ މަސައްކަތްކަމަށެވެ. އަދި ކޯވިޑްގެ ދަތިކަމުގެ ތެރޭގައި ސްކޫލްތަކުންނާއި ބެލެނިވެރިން އުފުއްލެވި ބުރަ އިޙްސާސް ކުރެއްވޭ ކަމަށާއި، އެ ދަތިކަމުގެ ތެރޭގައި ދުނިޔޭގެ ފެންވަރުން ވެސް މަތީ ވަނަތަކެއް ރާއްޖޭގެ ދަރިވަރުން ހާސިލްކުރީ، ޓީޗަރުންނާއި ބެލެނިވެރިންގެ ވަރަށް މަތިވެރި ޤުރުބާނީއެއްގެ ސަބަބުން ކަމުގައި ވިދާޅުވިއެވެ.

އަދި އެއީ އެމަނިކުފާނު ދެކެވަޑައިގަންނަވާ، ގޮތުގައި އެބޭފުޅުން ޤައުމަށްޓަކައި ކޮށްދެވި ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށްޝުކުރު އަދާކުރެއްވިއެވެ.

ތައުލީމީ ޒުވާން ޖީލެއް ފައްކާވެ، ގައުމީ ހިދުމަތަށް ނުކުންނަ އިރު، ނަތީޖާ ނެރެވޭނެ މަގުތައް ކޮށައިދިނުމަކީ، ކުރަންޖެހޭ ކަމެއް ކަމަށާއި ތަރައްޤީ ލާމަރުކަޒުވެގެން ދާވަރަކަށް، ވަޒީފާއާއި ޒަރޫރީ ހިދުމަތްތައް ހޯދުމަށްޓަކައި، ހިޖުރަކުރަންޖެހޭ މިންވަރު ދަނީ ދަށްވަމުންކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

"މިއަދު ދަރިވަރުންވެސް ވިސްނަންވީ އެންމެ މުހިންމު އެއް ކަމަކީ، އެ ކުއްޖެއްގެ އަމިއްލަ ރަށުގައި މައިންބަފައިންނާއި އާއިލާއާ އެކުގައި ތިބެގެން، ގައުމަށް ހިދުމަތް ކުރެވޭނެ ގޮތްތައް ބެލުމަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒަމާން ބަދަލުވެ ވަސީލަތްތައް ތަފާތުވެއްޖެކަމަށާއި، ކަންކުރަމުން އައި އާދަކާދަ ވެސް ބަދަލުވެފައިވާ ކަމަށާއި ރައްޔިތުން ތަރައްޤީއަށް ކުރާ އުންމީދުތަކާ އެއް މިސްރާބަށް ސަރުކާރުގެ ތައުލީމީ ސިޔާސަތުވެސް މިވަނީ ދީލާލެވިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިނިމުނު ދިރާސީ އަހަރަކީ، ރާއްޖޭގައި މަތީ ޘާނަވީ އިމްތިހާންތަކާއި ޘާނަވީ އިމްތިހާންތަކުގެ އެންމެ ނަތީޖާ ރަނގަޅު އަހަރެވެ.

ޘާނަވީ ތައުލީމު ނިންމައި، މިއަހަރު ދިވެހިރާއްޖެއިން 5955 ދަރިވަރުން އެސް.އެސް.ސީ އަދި އޯލެވެލް އިމްތިޙާނުތަކުގައި ބައިވެރި ވިއިރު، މަތީ ޘާނަވީ ތަޢުލީމު ނިންމައި، ރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗް.އެސް.ސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ.

ޘާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، 757 ދަރިވަރުން ވަނީ ޤައުމީ ގަދަ 10 ގައި ހިމެނިފައެވެ. އަދި، 13ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާ އިރު، 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ހާސިލުކޮށްފައެވެ.

މީގެ އިތުރުން، މަތީ ޘާނަވީ އިމްތިހާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ޤައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު، 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން ތެރެއިން 52 ވަނައެއް ހާސިލުކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355