twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޖަލާލުއްދީން ސްކޫލުގެ ދަރިވަރަކު އެކައުންޓް މާއްދާއިން ދުނިޔޭން އެއްވަނަ

އަބްދުލް ވާހިދު ޙަސަން
Aug 27, 2022

އައިމިނަތު ލުޔޫނާ އަލީ، ބިޒްނަސް ސްޓްރީމް އިހްތިޔާރުކުރީވެސް ކުޑައިރުން ފެށިގެން ވިޔަފާރީގެ ދާއިރާއަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުންނެވެ. އެހެންވެ އެކައުންޓް ކިޔެވީ އޭނާ ވަރަށް ކިޔަވާ ހިތުންނެވެ.

ގަދަ ހިތްވަރާއި ބުރަ މަސައްކަތުގެ މޭވާ ފޮންޏެވެ. އެކަމަކު އެކައުންޓިންގ އިން ދުނިޔެއިން އެއްވަނަ ލިބިދާނެކަމަށް ލުޔޫނާ އެއްގޮތަކަށްވެސް ހިތަކަށް ނާރަ އެވެ.

ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލުން އޭލެވެލް ނިންމި އައިމިނަތު ލުޔޫނާ އެކައުންޓް މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދިއިރު ގައުމީ ފެންވަރުގައިވެސް އެކައުންޓުން އެއްވަނަ ހޯދި ދަރިވަރުން ތެރޭގައި އޭނާ ހިމެނުނެވެ. އަދި ގައުމީ ގަދަ ދިހައެއްގެ ފަސްވަނައިގައިވެސް ލުޔޫނާ ހިމެނުނެވެ.

ލުޔޫނާ ބުނިގޮތުގައި، އެކައުންޓް މާއްދާއަކީ އޭނާ ވަރަށް ކިޔަވާ ހިތުން ކިޔެވި މާއްދާއެއް ކަމަށެވެ. އެހެންވުމުން އެކަށީގެންވާ ރަނގަޅު ނަތީޖާއަކަށް އުންމީދުކުރިނަމަވެސް ދުނިޔެއިން އެއްވަނަ ލިބިދާނެކަމަށް އޭނާ އެއްގޮތަކަށްވެސް ހިޔެއް ނުކުރެ އެވެ.

"ތަން ކޮޅެއް ކުރިން ކުއްޖަކަށް އެކައުންޓުން ދުނިޔޭގެ ވަނައެއް ލިބުނުކަން އެނގުމުން އުންމީދު ކުރިން އެފަދަ ވަނައެއް ލިބޭތޯ. އެކަމަކު އެ ހުވަފެން ތެދަކަށް ވެދާނެއެކޭ ދުވަހަކުވެސް ހިތަކަށް ނާރަން." ލުޔޫނާ ބުންޏެވެ.

އެކައުންޓް ޓެސްޓަށް އޭނާ ތައްޔާރުވީ ހިތުން ދަސްކުރުމަށްވުރެ ބޮޑަށް ޕޭޕަރު ހަދައިގެންނެވެ. އޭނާ ބުނާގޮތުގައި ނަމަ އެގޮތަށް ކަންތައް ކުރީމަ އެކަމެއް ނަގައި ގަންނަ ފަސޭހަވެ އެވެ.

އޮޑިޓިންގގެ ދާއިރާއިން ކުރިއަށްދިޔުމުގެ ވިސްނުމުގައި ހުރި ލުޔޫނާ ބުނީ، އޭނާއަށް ލިބުނު ކާމިޔާބީގެ އަސްލަކީ މަންމަ އާއި ބައްޕަ ކަމަށެވެ. އަދި މި ކާމިޔާބީގެ ފަހަތުގައި އެ މާއްދާ ކިޔަވައިދެއްވި ޕުވީ ސަރ އާއި ނާއިލާ މިސް ކުރެއްވި ބުރަ މަސައްކަތް އޭނާ ފާހަގަކުރެ އެވެ.

"އެހެން މާއްދާތަށް ކިޔަވައިދިން ބައެއް ޓީޗަރުން ވެސް އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ދިން. އަދި އާއިލާއިން އަޅުގަނޑުގެ ކާމިޔާބީ ފާހަގަކޮށް ދޭ ހިއްވަރު ވަރަށްބޮޑަށް ފާހަގަކުރަން. ހާއްސަކޮށް ޒައިން އަޅުގަނޑުގެ ކާމިޔާބީއަށް ވަރަށް ބޮޑަށް ހިތްވަރުދޭ." ލުޔޫނާ ބުންޏެވެ.

އޭނާ އެހެން ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮންމެ ކުއްޖަކުވެސް ހިތްވަރާއެކު މާތް ﷲ އަށް ވަކީލްކޮށް އެކުއްޖަކު ބޭނުންވާކަމެއް ހާސިލް ކުރުމަށް ގަދައަޅާ މަސައްކަތްކޮށްފިނަމަ އެކަމެއް ހާސިލުވާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355