twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ "ގާލްސް އިން ޑޭޓާ" ނިންމާލައިފި

ނަބީލާ އިސްމާޢީލް
Aug 31, 2022

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ހިންގި ޑޭޓާ ލިޓްރަސީ ޕްރޮގްރާމް "ގާލްސް އިން ޑޭޓާ" ނިންމާލައިފި އެވެ.

މިޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިއްމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް ނިންމުމުގެ ހަފްލާގައި ޕްރޮގްރާމްގެ ބައިވެރިން ވަނީ އެކުދިން ޕްރޮގްރާމްގައި ދަސްކުރި ހުނަރުތައް ބޭނުންކޮށްގެން ތައްޔާރުކުރި ޕްރޮޖެކްޓްތައް ހުށަހަޅާފަ އެވެ. އުމުރުން 10 އަހަރާއި 13 އަހަރާއި ދެމެދުގެ 25 ކުދިން މިޕްރޮގްރާމް ފުރިހަމަ ކުރި އެވެ.

މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދޮޅު މަސް ދުވަހަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި ޑޭޓާ އެއްކުރުމާއި، އޭގެން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެކުދިންނަށް ދަސްކޮށްދީފައިވެ އެވެ. އެކި އެކި މައްސަލަތައް ހައްލުކުރުމަށް ޑޭޓާ ހޯދާނެ ގޮތާއި ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއްވެސް ދަސްކޮށްދިނެވެ. އެގޮތުން މޯލްޑިވްސް ނޭޝަނަލް ލައިބްރަރީއަށް ޒިޔާރަތްކޮށް ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތްތަކެއްވެސް ބައިވެރިން ފުރިހަމަކުރި އެވެ.

ނިންމުމުގެ ހަފްލާގައި ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ކުދިންގެ ޅައުމުރުގައިވެސް މިފަދަ ދާއިރާއަކަށް ލޯ ހުޅުވި، މިއީ ކުރެވިދާނެ ކަމެއްކަން އަމިއްލައަށް ގަބޫލުކުރެވި، އަމިއްލަ ނަފުސަށް އިތުބާރު ކުރެވުމަކީ މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް މަގުސަދު ކަމަށެވެ. އަދި މުސްތަގުބަލުގައި ކޮންމެ ދާއިރާއަކުން ކުރިއަށް ދިއުމަށް އަޒުމު ކަނޑައެޅިކަމުގައިވީ ނަމަވެސް ޑޭޓާ ސައިންސް އަދި ޑޭޓާ އެނެލެޓިކްސް އަކީ މިހާރު ވަރަށް މުހިއްމު ހުނަރެއް ކަމަށެވެ.

ޕްރޮގްރާމްގެ ޒަރީއާއިން ބައިވެރިންނަށް އާ ކަންތައްތަކެއް ދަސްކުރުމުގެ ފުރުސަތު ލިބެގެން ދިޔަ ކަމަށާއި ޑޭޓާ ސައިންސްގެ ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން ދިޔަ ކަމަށް އުއްމީދު ކުރާ ކަމަށް ވިމެން އިން ޓެކްގެ ނައިބް ރައީސާ މަރިޔަމް އަސްނާ ވިދާޅުވި އެވެ. އަދި ޕްރޮގްރާމްގައި ދަސްވި މައުލޫމާތާއި ދަސްވި ކަންތައްތަކުގެ އެހީގައި މިދާއިރާއިން ކުރިއަށް ދިޔުމަށް ގޮވާލި އެވެ.

މިޕްރޮގްރާމްގެ ސަބަބުން ޑޭޓާ ސައިންސްގެ ދާއިރާއަށް ލޯހުޅުވި މިދާއިރާއިން މުސްތަގްބަލުގައި ކާމިޔާބުކަމާއެކު ކުރިއަށް ދެވިދާނެ ކަމަށް ޕްރޮގްރާމްގެ ބައިވެރިން ހިޔާލުފާޅުކުރި އެވެ. ޕްރޮގްރާމްގައި ޑޭޓާ ޕްރޮސެސިންގެ މުހިއްމުކަން ދަސްވެގެން ދިޔަ ކަމަށާއި އެކަމަށް ބޭނުންކުރާ އެކިއެކި ޓޫލްތަކުގެ މައުލޫމާތު ލިބިގެން ދިޔަ ކަމަށްވެސް ބައިވެރިން ބުނެ އެވެ. އަދި ގާލްސް އިން ޑޭޓާ ޕްރޮގްރާމަކީ ޑޭޓާ ދާއިރާ މިއީ އަންހެން ކުދިންނަށް ވެސް ރަނގަޅު ދާއިރާއެއްކަން އަންގައިދިން ޕްލެޓްފޯމެއް ކަމަށްވެސް ބައިވެރިން ބުނެފައިވެ އެވެ.

މިއީ އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓަރެސީ ޕްރޮގްރާމެއް ރާއްޖޭގައި ކުރިއަށް ގެންދެވުނު ފުރަތަމަ ފަހަރެވެ. މިސީރީސްގެ އިތުރު ޕްރޮގްރާމްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖައްސާފަ އެވެ. ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާގައި ބާރުވެރިކުރުމަށް، ކޯޑިން ދަސްކޮށްދިނުމުގެ މަގްސަދުގައި ގާލްސް ޓު ކޯޑްގެ ނަމުގައި އަހަރީ ޕްރޮގްރާމެއް ފެށީ 2019 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355