twitterviber whatsapp telegramfacebookyoutube instagram
7th May 2024

ރަންވަނަތައް ހޯދި ދަރިވަރުންގެ ޝަރަފްގައި ހާއްސަ އެސެމްބްލީއެއް

އަބްދުލް ވާހިދު ޙަސަން
Sep 1, 2022

2020-2021 ވަނަ އަަހަރު އޭލެވެލް އަދި އޯލެވެލްގައި ޖަލާލުއްދީން ސްކޫލްގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކޮށް އެ ސްކޫލުގައި މިއަދު ހާއްސަ އެސެމްބުލީއެއް ބާއްވައިފި އެވެ.

2020-2021 ވަނަ އަހަރު އެ ސްކޫލްގެ ދަރިވަރުން ވަނީ ގައުމީ ފެންވަރުގައި އާއި ދުނިޔޭގެ ފެންވަރުގައި ރަންވަނަތަކެއް ހާސިލުކޮށްފަ އެވެ. އެގޮތުން ސްކޫލުގެ 13 ދަރިވަރަކު މިއަހަރު ގައުމީ ގަދަ ދިހައެއްގައި ހިމެނުނެ އެވެ.

މީގެ އެ ސްކޫލްގެ އައިމިނަތު އިބާ އާދަމް ވަނީ މަތީ ސާނަވީ އިމްތިހާނުން 5 މާއްދާއިން އޭ ސްޓާ ހޯދައި، ރައީސް ދެއްވާ ސްކޮލަރޝިޕް ލިބުނު 6 ދަރިވަރުންގެ ތެރޭގައި ހިމެނިފަ އެވެ. އަދި ބޮޔޮލޮގީ އާއި ޕިޒިކްސް މާއްދާއިން ދުނިޔޭން ހަތަރު ވަނަ ހޯދި އެވެ.

ފާހަގަކޮށްލެވޭ ފަހުރުވެރި ކާމިޔާބީއެއް ހޯދި އައިމިނަތު ލުޔޫނާ އަލީ ވަނީ ގައުމީ އަދި ދުނިޔޭން އެކައުންޓް މާއްދާއިން އެއްވަނަ ހާސިލްކޮށްފަ އެވެ.

މި ދަރިވަރުންގެ ޝަރަފްގައި މިއަދު އެ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފްވެރިކޮށްދެއްވީ މޭޔަރު މުހައްމަދު އާތިފެވެ. މޭޔަރުގެ ވާހަކައިގައި ސްކޫލަށާއި ރަށަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށް މަރުހަބާ ދެންނެވި އެވެ.

ކޮންމެ ދަރިވަރަކީވެސް މުހިންމު ދަރިވަރެއްކަން ފާހަގަކުރަމުން މޭޔަރު ވިދާޅުވީ، ކޮންމެ ދަރިވަރަކީވެސް ގައުމަށާއި ރަށަށް މުހިންމު ހިދުމަތްތަކެއް ކުރާނެ ދަރިންތަކަކަށްވުމަށް އެދިލައްވާފަ އެވެ.

ރަނގަޅު އަހްލާގެއްގެ ވެރި ބަޔަކަށްވުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްވަމުން މޭޔަރު ވިދާޅުވީ އެންމެ މުހިންމުކަމަކީ އަހްލާގު ކަމަށާއި ކޮންމެ ތަނެއްގައި އުޅޭއިރުވެސް ރިވެތި އަހްލާގުގެ މަތީގައި ދެމިތިބުމަށް ދަރިވަރުންނަށް މޭޔަރު ނަސޭހަތްތެރިވި އެވެ.

މިރަސްމިއްޔާތުގައި ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދާއި ޑެޕިއުޓީ ޕްރިންސިޕަލާއި ޓީޗަރުން އަދި ދަރިވަރުން ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355