ރައްޔިތުންގެ ޑިމާންޑަށް ކޭޓަރ ކުރެވޭނެ ކެޕޭސިޓީ މޯލްޑިއަންގައި ނެތްކަމަށް ކުޅުދުއްފުށީ މޭޔަރު ވިދާޅުވުމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނީފާ ހިތްހަމަނުޖެހިއްޖެ އެވެ.
ރާއްޖެޓީވީގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ، ކުޅުދުއްފުށީގައި އެއާޕޯޓެއް އޮތް ނަމަވެސް އެތަނުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ނުހިފޭ ކަަމަށާއި ކުޅުދުއްފުށީގެ އިތުރުން އެ ސަރަހައްދުގެ އެހެން ރަށްތަކުގެ ރައްޔިތުންވެސް ކުޅުދުއްފުށީ މަގުން ދަތުރުކުރަން ބޭނުންވާކަން މޭޔަރު ފާހަގަކުރެއްވި އެވެ.
އެއާޕޯޓުން ހަފުތާއަކު 5 ދަތުރުކުރާގޮތަށް ހަމަޖެހިފައި އޮތުމުން ގިނަ ބަޔަކަށް ދަތުރުކުރުމުގެ ފުރުސަތު ނުލިބޭކަމަށާއި އަދި ފްލައިޓް އިތުރުކުރެވޭނީ ރަންވޭ ލައިޓް ގާއިމުކޮށް ރޭގަނޑު ފްލައިޓުގެ ދަތުރުކުރަން ފެށިގެންކަން މޭޔަރު ފާހަގަކުރެއްވި އެވެ.
އަދި އެއާއެކު ލައިޓް ނުޖެހިގެން އުޅޭ ސަބަބު މޭޔަރު ވަނީ އެ ޕްރޮގުރާމުގައިވެސް ވިދާޅުވެދެއްވާފަ އެވެ.
"ރަންވޭ ލައިޓް ގާއިމްކުރުމުގައި ޗެލެންޖަކީ ރަންވޭގެ ހުޅަނގު ކޮޅުން ގިރާފައި އޮތް އޮތުން. އީއައިއޭގައި ބުނާ ވަރަށް ވުރެ މާ ކުދި ހިލަތަކެއް ޖަހައިގެން އެ ތަނުގެ ތޮށިގަނޑު ހަދާފައި އޮތީ. އެތަން ނުހަދާ ލައިޓް ޖަހައިފި ނަމަ އެ ލައިޓުތައް ހަލާކުވުމުގެ ފުރުސަތު ބޮޑު." ރާއްޖެ ޓީވި ފަލަ ސުރުހީ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވި އެވެ.
އެ ހަބަރު މޭޔަރުގެ ޝެއަރކުރެއްވުމުން އެއަށް ކޮމެންޓްކުރައްވައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޑީއެމްޑީ އައިޝަތު ޖެނީފާ ވިދާޅުވީ، ރަންވޭއެއް އެޅުމަކުން އެތަން އެއީ ފުރިހަމަ އެއާޕޯޓަކަށްނުވާ ކަމަށާއި 6 ގެ ފަހުން ދަތުރުތައް ނުކުރެވޭ ކަމަށެވެ.
"އެންމެ ފުރަތަމަ ރަށުގައި އެއާޕޯޓެއް އަޅާއިރުވެސް ފަރަށްދާ އުސޫލުން ކަންކުރީމަ ވާނެ ގޮތް އެއީ." ޖެނީފާ ވިދާޅުވި އެވެ.
އޭނާ އިތުރަށް އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ، މޯލްޑިވިއަން ދެން ގެންނަ ބޯޓްތައްވެސް ކުޅުދުއްފުއްޓަށް ޖެއްސޭވަރަށް ވުރެއް ރަންވޭގެ ދިގު މިން ނުލިބޭ ކަމަށާއި އެއީ މޯލްޑިވިއަންގެ މައްސަލައެއް ނޫން ކަމަށެވެ.
"[ރަންވޭ] ގައި ލައިޓް ނެތުމަކީ މޯލްޑިވިއަންގެ މައްސަލައެއް ނޫން. ރަންވޭގެ އުތުރު ކޮޅު ގިރާފަ އޮތުމަކީ މޯލްޑިވިއަންގެ ކެޕޭސިޓީގެ މައްސަލައެއް ނޫން. ކުޑަ ހިލަ ޖަހާފައި ހުރެގެން ލައިޓް ހަރުނުކުރެވުމަކީ މޯލްޑިވިއަންގެ ކެޕޭސިޓީ ނެތުމެއް ނޫން." ޖެނީފާ ލިޔުއްވާފައިވެ އެވެ.
ޖެނީފާ އެގޮތަށް ކޮމެންޓްކުރުމުން މޭޔަރުވެސް ވަނީ އިތުރު ކޮމެންޓްކުރައްވާފަ އެވެ. އެގޮތުން ޖެނީފާ ޓެގް ކުރައްވާ މޭޔަރު އާތިފް ވިދާޅުވީ، އޭނާ ދެއްކެވި ވާހަކަ ޖެނީފާއަށް ވަރަށް ބޮޑަށް އޮޅި ވަޑައިގެންފައިވާކަމަށް ބެލެވޭ ކަމަށެވެ.
" އަޅުގަނޑު ނުދަންނަވަން އެތަން އެއީ ފުރިހަމަ އެއާޕޯޓެކޭ. އަދި މޯލްޑިވިއަންގެ ކެޕޭސިޓީ ނެތިގެންނޭ އެއާޕޯޓްގެ މައްސަލަތައް ހައްލުނުވެ ހުރީކީވެސް ނުދަންނަވަން." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.
ހަބަރުގައި ހުރި މައުލޫމާތުތައް ސާފުކޮށްދެއްވަމުން މޭޔަރު ވިދާޅުވީ، މޯލްޑިވިއަނުން ފްލައިޓް ޖައްސައި އުސޫލުން ދުވާލަކު އެއް ފްލައިޓްވެސް ކުޅުދުއްފުއްޓަށް ނުޖެއްސެނީ މޯލްޑިވިއަންގައި ކެޕޭސިޓީ ނެތިގެން ކަމަށެވެ. އަދި ދުވާލުގެ އެހެން އެއްވެސް ވަގުތެއްގައިވެސް ފްލައިޓެއް ކުޅުދުއްފުއްޓަށް އިތުރު ނުކުރެވިގެން އުޅެނީ މޯލްޑިވިއަންގައި ކެޕޭސިޓީ ނެތިގެން ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި އެވެ.
" ރައްޔިތުންގެ ޑިމާންޑާ އެއްވަރަށް ފްލައިޓް ނެތޭ މޯލްޑިވިއަންގަ. އަޅުގަނޑަށް ހަމަ ޔަގީން އެ ކެޕޭސިޓީ ހުރިނަމަ އެކަން ކޮށްދެއްވާނެކަން." އާތިފް ލިޔުއްވާފައިވެ އެވެ.
ޖެނީފާގެ ވާހަކަތައް ހުރިގޮތުން ގިނަ އާންމު އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔާ ކޮމެންޓްކޮށްފަ ހުއްޓެވެ.
" ރަންވޭގައި ލައިޓް ނެތިގެންތައް ދުވާހަކު ފްލައިޓެއްވެސް އޮޕަރޭޓް ނުކުރެވިގެން ތިއުޅެނީ. ލައިޓް ނެތަސް ދުވާލު ދެއިރަށް ފްލައިޓް އޮޕަރޭޓްކުރެވޭ ކުރަން ބޭނުން ނަމަ. އެހެން މީހުން ބޮލަށް ޖަހާފަ މިގޮތަށް ބޯ ދަމައެއް ނުގަނެވޭނެ." ޖެނީފާއަށް ފާޑުވިދާޅުވެ މީހަކު ކުރި ކޮމެންޓެއްގައިވެ އެވެ.
ޖެނީފާއަށް ރައްދުދީ އެހެން މީހަކު ބުނެފައިވަނީ ލައިޓް ނެތީމަ ރޭގަނޑު އޮޕަރޭޓްނުކުރެވިދާނެ ކަމަށާއި އެކަމަކު ދުވާލުގެ ވަގުތުތަކުގައި ފްލައިޓް އެޅެންވާނެ ކަމަށެވެ. މޯލްޑިވިއަންގެ އިހުމާލުން އެތަކެއްކަމެއް ހިނގާފައިވާކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ ޖެނީފާއަށް ފާޑުކިޔާފަ އެވެ.
ރާއްޖޭގެ ގިނަ ޑޮމެސްޓިކް އެއާޕޯޓްގެ ރަންވޭތަކެކޭ އެއްގޮތަށް ކުޅުދުއްފުށީ އެއާޕޯޓްގެ ރަންވޭއަކީވެސް 1200 މީޓަރު ދިގު ރަންވޭ އެކެވެ.