ދިރާގު ޕޯސްޓްޕެއިޑާއި އަމިއްލަ މަންތުލީ ޕްލޭންތައް ބޭނުން ކުރާ ކަސްޓަމަރުންނަށް ކޮންމެ މަހަކަށް ކަނޑައަޅާފައިވާ ޑޭޓާގެ ތެރެއިން ބާކީވާ ޑޭޓާ ޖެހިގެން އަންނަ މަހު އެ ކަސްޓަމަރުންނަށް ބޭނުން ކުރެވޭ ގޮތަށް ހަދައިފިއެވެ.
ދިރާގުން ޑޭޓާ ރޯލްއޯވާ ތައާރަފު ކުރުމާއެކު، ދިރާގު ޕޯސްޓްޕެއިޑް އަދި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންގެ ޕެކޭޖުގައި މިދިޔަ މަހު ބޭނުން ނުކޮށް ހުރި ކޯ ޑޭޓާ އެލަވަންސް ވަނީ މި މަހުގެ އެލަވަންސްއާއެކު ހިމަނާފައެވެ. އަދި ދެން ކޮންމެ މަހަކު ވެސް ބޭނުން ނުކުރެވި ހުންނަ އެލަވަންސް އަނެއް މަހު ބޭނުން ކުރެވޭނެއެވެ.
އެ ރޯލް އޯވާ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސް ދުވަހުގެ މުއްދަތަށެވެ.
އެއީ ދިރާގު ޕޯސްޓްޕެއިޑާއި އަމިއްލަ މަންތުލީ ޕްލޭންތަކަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި އިތުރު ޑޭޓާ ބޭނުންކުރުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ޚިދުމަތް ތައާރަފު ކޮށްފައި ވަނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްސަ ޕްރޮމޯޝަނެއް ކުރިއަށްގެންދާ ދަނޑިވަޅެއްގައެވެ. އެ ޕްރޮމޯޝަންގެ ދަށުން، ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އަލަށް ސަބްސްކްރައިބް ކުރާ މީހުންނަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެ ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރިއަކަށް އަބޫ ދާބީ، ދުބާއީ އަދި އިސްތަންބޫލަށް އިތުރު މީހަކާއެކު ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އެ ދަތުރުގައި ހިލޭ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަންގެ އިތުރުން ދުބާއީ އަދި އިސްތަންބޫލްގެ ދެ ޓުއާއެއްވެސް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން 1000 ޑޮލަރުގެ ޝޮޕިން އެލަވަންސެއް ވެސް ނަސީބުވެރި ކަސްޓަމަރަށް ލިބޭނެއެވެ. ދިރާގުގެ އެ ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 30ގެ ނިޔަލަށެވެ. މި މުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެޕްލައިކުރާ މީހުންނަށް ޑިޕޮސިޓެއް ބަހައްޓާކަށް ނުޖެހޭނެއެވެ.
ދިރާގުގެ ޕޯސްޓްޕެއިޑް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު https://bit.ly/3oi8MuU އަދި https://bit.ly/3RPf5U8 މި ދެ ލިންކުން ލިބެން ހުންނާނެއެވެ.