މަސައްކަތެއް ނެތި ސިޔާސީ މަގާމަކަށް މީހަކު އައްޔަނު ނުކުރާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ, ހަރަދު ކުޑަކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހަރަދު ކުޑަކުރަން އަންގާފައި އޮތްވައި ބޮޑެތި މުސާރަތަކެއް ދޭ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންދާ ސަބަބު ސާފުކޮށްދިނުމަށް ނޫސްވެރިއަކު އެދުނެވެ.
އެ ސުވާލުގެ ޖަވާބުގައި މިއުވާން ވިދާޅުވީ ކުއްލިއަކަށް ހުރެފައި އެއްވެސް ސިޔާސީ މަގާމަކަށް މީހަކު އައްޔަން ނުކުރާނެ ކަމަށާއި، ބަޖެޓު އެކުލަވާލާއިރު އެ އެންމެންގެ މުސާރަ ވެސް ބަޖެޓުގައި އޮންނާނީ ހިމަނާފައި ކަމަށެވެ.
"މަސައްކަތެއް ނެތި ސިޔާސީ މަގާމަކަށް ބޭފުޅަކު އައްޔަނެއް ނުކުރާނެ. ސަރުކާރު ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ އެ ކަނޑައަޅުއްވާ ނިޒާމްގެ ތެރެއިން ވަކި ކަމެއް ކުރުމަށް ބޭފުޅަކު ކަނޑައަޅަން ޖެހިއްޖެ ހާލަތެއްގައި އެ ބޭފުޅަކު ކަނޑައަޅަނީ. މަސައްކަތެއް ނުކޮށް ހަމަ ހުންނާކަށް އެއްވެސް ބޭފުޅަކު އެއްވެސް ދިމާލެއްގައި ނުހުންނަވާނެ," މިއުވާން ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ވެސް ހަރަދު ކުޑަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
ދުނިޔާގެ އިގްތިސޯދަށް އަންނަ ބަދަލުގެ އަސަރު ރާއްޖެއަށް ވެސް ކުރަމުންދާތީ ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ސަރުކާރު އޮފީސްތަކަށް އަންގާފައިވަނީ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެގޮތުން ސަރުކާރުގެ އޮފީސްތަކުން އާ މަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގަވާފައެވެ.