twitterviber whatsapp telegramfacebookyoutube instagram
25th April 2024

އާސަންދަ ޑެސްކާއެކު ތަކުލީފަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ: ޑޭވިޑް

އަބްދުލް ވާހިދު ޙަސަން
Sep 9, 2022
1

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި އާސަންދަ ޑެސްކާއެކު ބަލި މީހުން އެހެން ހޮސްޕިޓަލްތަކަށް ގެންދަން ޖެހޭ ހާލަތުގައި އާސަންދަ ހޯދުމަށް މިހާރު އުފުލަމުން އަންނަ ތަކުލީފަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލްގެ ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވެއްޖެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމަށް އުތުރާއި ދެކުނުގެ މައި ދެ ހޮސްޕިޓަލުގައި އާސަންދަ ޑެސްކެއް ގާއިމުކޮށް އެކަން އިއުލާންކުރީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ރައީސްގެ ތަރުޖަމާނެވެ.

ޑޭވިޑް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާސަންދައިގެ ހިދުމަތްތަކުގެ ތެރެއިން އެ ހިދުމަތް ހޯދާއިރު އެންމެ ނާޒުކު ހާލަތެއްގައި މި ކުރިމަތިވަނީ އިމަޖެންސީ އިވެކުއޭޝަންއެއް ނުވަތަ ހޮސްޕިޓަލުން އެހެން ހޮސްޕިޓަލަކަށް ރެފަރަލްއެއް ހަދަން ޖެހޭ ވަގުތު ކަމަށެވެ.

"މި ހޮސްޕިޓަލުގައި މިފަދަ ޑެސްކެއް ގާއިމު ކުރެވި މި ވަގުތުތަކުގައި އާސަންދައިގެ ފަރާތުން ސީދާ ސީދަލަށް ޖަވާބެއް ލިބުމަކީ ހިދުމަތް ހޯދާ ފަރާތުން އެ ވަގުތު އުފުލަމުން އެ އަންނަ ތަކުލީފަށް ބޮޑު ތަސައްލީއެއް ލިބޭނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ." ޑޭވިޑް ލިޔުއްވާފައިވެ އެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްގެ އިސްނެންގެވުމުގެ މަތިން އަތޮޅުތެރޭގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިންނާއި އަދި ހޮސްޕިޓަލުގެ މުވައްޒަފުންގެ މަސައްކަތުން ހޮސްޕިޓަލުން ބަލި މީހުން ރެފަރ ކުރާ އަދަދު ބޮޑުތަނުން މަދު ކުރެވިފައިވާކަމަށް ޑޭވިޑް ވިދާޅުވި އެވެ.

އެގޮތުން އޭނާ ވިދާޅުވީ، 2018 ވަނަ އަހަރު ޖުމްލަ 259 މީހުން ނުވަތަ މަހެއްގެ މައްޗަށް 22 މީހުން ރެފަރ ކުރިއިރު، 2021 ވަނަ އަހަރު ރެފަރ ކޮށްފައިވަނީ 170 މީހުން ނުވަތަ މަހެއްގެ މައްޗަށް 14 މީހުން ކަމަށެވެ. އަދި މި އަހަރުގެ ޖުލައިމަހުގެ ނިޔަލަށް 91 މީހުން ރެފަރ ކުރެވުނުއިރު މިއީ އެވްރެޖްކޮށް މަހެއްގެ މައްޗަށް 13 މީހުންކަމަށެވެ.

ބޭސްފަރުވާއަށް ސަލާންޖެހުމުގެ ޒަމާންވީ އާދަ ނައްތާލައި އަބުރުވެރި ފަސޭހަ ދުޅަހެޔޮ ދިރިއުޅުމެއް ދިވެހީންނަށް ތަނަވަސްކޮށްދިނުމުގެ ގޮތުން އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ދިވެހިރާއްޖެއަށް ގެނައި އެންމެ ބޮޑު އިންގިލާބަކީ އާސަންދައިގެ ނަމުގައި އެންމެހައި ދިވެހިން ޝާމިލްވާ ވެލްފެއަރ ނިޒާމެއް ގާއިމްކުރުން ކަމަށެވެ. އަދި މި ނިޒާމް ގާއިމްކުރެވި އޭގެ މަންފާ އެންމެހައި ދިވެހިން ލިބޭތާ މިދިޔަ އަހަރު ދިހަ އަހަރު ފުރިފައިވާކަމަށް ޑޭވިޑް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން އެދޭ އެދުމަކީ ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެންގެ މި ސަރަހައްދުގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ހޮސްޕިޓަލު ފުރިހަމަ ހިދުމަތްތަކާ ވަސީލަތްތަކާއެކު ގާއިމުކުރެވި، މި ސަރަހައްދާ މުޅި ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ މަންފާ ލިބުން." ޑޭވިޑް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355