ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ އެންމެ ފަހު ދަތުރުފުޅުގައި ގުޔާނާ އަށް ވަޑައިގެންފިއެވެ.
އަބްދުﷲ ޝާހިދު ގުޔާނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެޤައުމުގެ ރައީސް ޑރ.މުހައްމަދު އިރުފާން އަލީއާ ވަނީ ބައްދަލުކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި އ.ދއިން ކުރަމުންދާ މަސައްކަތުގައި ގުޔާނާއިން އިސްކަންދޭ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މޫސުމީ ބަދަލުތަކާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކާބޯތަކެތީގެ ރައްކާތެރިކަމާއި ޒުވާނުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި ކުރިއަށްދާންހުރި ފުރުސަތުތަކާއި ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިދަތުރުފުޅުގައި އ.ދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުވަނީ ގުޔާނާގެ މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް ހިއުގް ޓޮޑްއާއިވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ލީޑަރޝިޕާއި އެފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކާއި ޒުވާނުންނާއި ގުޅޭދާއިރާތަކުގެ އިތުރުން އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އ.ދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ އެންމެ ފަހުގެ މިދަތުރުފުޅުގައި ޢަބްދުﷲ ޝާހިދު ވަނީ ގުޔާނާގައި ހަރަކާތްތެރިވާ އދ.ގެ އޮފީހުގެ ޓީމާއިވެސް ބައްދަލުކުރައްވާފައެވެ.
އަބްދުﷲ ޝާހިދު އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް ކަމަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. މި ހިނގާ ސެޕްޓެމްބަރު މަހުގައި ޝާހިދުގެ ދައުރު ހަމަވާނެ އެވެ.
އަދި މަޤާމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. މިވީ އަހަރެއްގެތެރޭގައި އ.ދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގިނަ ޤައުމުތަކަށް ދަތުރުފުޅުކުރައްވާ ޤައުމުތަކުގެ ޙާލަތު ގާތުން ބައްލަވާލައްވާ އެމަނިކުފާނުގެ "ޕްރެޒިޑެންސީ އޮފް ހޯޕް"ގެ ދަށުން ޤައުމުތަކުގެ ކުރިއެރުވުމަށް އ.ދގެ ޕްލެޓްފޯމް މެދުވެރިކުރައްވާ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.