twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރާއްޖޭގެ ފަޅުތައް ހިއްކުމުގެ ބަދަލުގައި ލ. އަތޮޅު ބޭނުން ހިފުމަށް އެދިއްޖެ

ނަބީލާ އިސްމާޢީލް
Sep 12, 2022

ރާއްޖޭގެ ފަޅުތައް ހިއްކުމުގެ ބަދަލުގައި ލ. އަތޮޅުގައި ހިމެނޭ ބިން ބޮޑެތި ރަށްތަކުގެ ބޭނުން ހިފުމަށް ލ. އަތޮޅު ކައުންސިލުން އެދިއްޖެއެވެ.

ލ. އަތޮޅު ގަމުގައި ކުރިއަށްދާ "ވިޔަވަތި" ކޮންފަރެސްގައި ވާހަކަ ދައްކަވަމުން އެއަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ވިދާޅުވީ އެކި ބޭނުންތަކުގައި ރާއްޖޭގެ ފަޅުތައް ހިއްކުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށާއި، އެކަމާއި ދެކޮޅު ހައްދަވާ ކަމަށެވެ.

އޭގެ ބަދަލުގައި ބިން ބޮޑު ލ. އަތޮޅުގެ ރަށްތަކުގައި އިމާރާތްތައް ހަދައި މަސައްކަތް ކުރެވެން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޅުތައް ހިއްކުމުގެ ބަދަލުގައި ލ. އަތޮޅުގެ ބިން ބޮޑެތި ރަށްރަށުގައި އިމާރާތްތައް ކޮށް އެރަށްރަށުގައި މަސައްކަތް ކުރެވޭނެ ޖާގަ އޮތް ކަމަށް އިސްމާއިލް ވަނީ ވިދާޅުވެފައެވެ. އިސްމާއިލް ވިދާޅުވީ މިފަދަ މަސައްކަތްތައް ކުރިއަށް ގެންގޮސް މީހުން އާބާދުކުރެވޭނެ ޖާގަވެސް ލ. އަތޮޅުގައި އޮތް ކަމަށެވެ.

އިސްމާއިލް ވަނީ އެކަންކަމުގެ އިތުރަށް ރައްޔިތުނަށް ބޭނުން ނުކުރެވޭނެ ގޮތަށް ބައެއް ރަށްތައް ކުއްޔަށް ދީފައިވާކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. ލ. އަތޮޅު ގަމާއި ނުހަނު ކައިރީގައި އޮންނަ ބަރެސްދޫ އަދި ގާދޫ އަކީ އެފަދަ ރަށްތަކެއް ކަމަށާއި، އެރަށްރައް ވަނީ އެގްރޯ ކުންފުންޏަށް ދޫކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެރަށްރަށުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުހިނގާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސިފައިންގެ ބޭނުމަށް ދޫކޮށްފައިވާ ކަޅައިދޫގެ މަސައްކަތް ވެސް ކުރިއަށް ދާ ގޮތް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ، ލ އަތޮޅުގައި ހުއްޓިފައިވާ މަޝްރުއޫތަކާއި ގުޅިގެން މަޝްވަރާކުރައްވާނެ ކަމަށެވެ. ނަމަވެސް ފަޅު ހިއްކުމާ ގުޅޭ މައްސަލައަށް ޖަވާބެއް ނުދެއްވައެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355