އިބްރާހިމް ހަމީދު
އުތުރުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުޅުދުއްފުށީގެ މަގުތަކުގައި ފެންބޮޑުވެ ގެއެއްގެ މަގުމަތީ ފާރު ވެއްޓިއްޖެއެވެ.
ރެއިން ފެށިގެން މެދުނުކެނޑި ކުޅުދުއްފުއްޓަށް ވެހުނު ވާރޭގައި ރަށުގެ ގިނަ މަގުތަކުގައި ފެން ބޮޑުވުމުގެ އިތުރުން ކުޅުދުއްފުށީގެ ގެއެއްގެ މަގުމަތީ ފާރުވަނީ ވެއްޓިފައެވެ. އިންފާރު ވެއްޓުނު “ބިނާ” އަކީ އަދި މީހުން ދިރިއުޅެން ނުފަށާ ހުރި ގޯއްޗެކެވެ. އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވާ އެގޯތީގެ އިންފާރު ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ކުޅުދުއްފުށީ ކައުންސިލުގެ ރައީސް ޖަމްޝީދު މުހައްމަދު ވިދާޅުވީ މިއަދު ހެނދުނު ރަށު ކައުންސިލުން ރަށުތެރެ ބަލާލުމަށް ނުކުތްވަގުތު އެގޭގެ ފާރު ވެއްޓިފައިވާތަން ފެނުމާއެކު އެކަން އެގޯތި ބަލަހައްޓާ ފަރާތަށް އެންގި ކަމަށެވެ. އަދި އެކަމާގުޅިގެން ކައުންސިލް އިދާރާއަށްވެސް ފޯންކޯލްތައް އައިސްފައިވާކަމަށް ޖަމްޝީދު ވިދާޅުވިއެވެ.
ޖަމްޝީދު ވިދާޅުވީ ކުޅުދުއްފުށީގައި ފެން ބޮޑުވެފައިވާ ސަރަހައްދުތައް ކައުންސިލް އިދާރާއިން ބަލަމުންގެންދާކަމަށާއި އަދި އެސަރަހައްދުތަކުން ފެން ހިއްކުމާބެހޭ ގޮތުން މިހާރު އެމްއެންޑީއެފްގެ ކުޅުދުއްފުށީ ޕޯސްޓާއެކު މަޝްވަރާކުރެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފް ކުޅުދުއްފުށީ ޕޯސްޓްގެ އިންޗާރޖް ހަސަން އިބްރާހިމް ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލުން އެފަދަ އިޝާރާތެއް އިއްޔެގެ ވަގުތެއްގައި ކޮށްފައިވާކަމަށެވެ.
“އަޅުގަނޑުމެން ފެންހިއްކުމުގެ މަސައްކަތް އަދި ކުރިއަކަށް ނުގެންދަން. އާއްމު ދިރިއުޅުމަށް އުދަގޫވެ އެއްޗެއްސަށް ގެއްލުން ލިބޭ ހިސާބަށް ދިއުމުން ޕަމްޕް ޖަހާނެ. އެކަން ބަލަމުން މިދަނީ” ހަސަން އިބްރާހިމް ވިދާޅުވިއެވެ.
ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން މައުލޫމާތު ދޭގޮތުގައި ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވިއްސާރަކުރާނެއެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އުތުރަށް ގުގުރުމާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވެއެވެ. އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 11 މޭލާ 20 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ އިދާރާއިން މައުލޫމާތުދެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކުރެވެއެވެ.
ކުޅުދުއްފުށީގެ މަގުތަކުގައި ފެންބޮޑުވެފައިވާތީ މަގު ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަނީ ދަތިތަކެއް ކުރިމަތިވަމުންނެވެ.