ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވެންސް ބޮޑުކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލ. ގަމުގައި ކުރިއަށްދިޔަ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމަވާލެއްވުމުގެ ގޮތުން އިއްޔެ ދެއްކެވި ވާހަކަފުޅުގައި ރައިސް ވިދާޅުވީ މިހާރު ކުރަމުން ދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތްކަމަށެވެ.
"އިރާދަކުރެއްިއްޔާ އެ ނިމުމާއެކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް ބޮޑުކުރާނެކަމަށް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިނާޔަތެއްގެ ގޮތުގައި މިހާރު ލިބެނީ 2000 ރުފިޔާއެވެ. މި އަދަދު ބޮޑު ކުރަނީ ކިހާ މިންވަރަކަށް ކަމެއް ރައީސް ވިދާޅެއްނުވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އިނާޔަތް ބޮޑުކުރަން ގާނޫނަށް އިސްލާހުގެނައުމަށް 2019ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްލާހު ހުށަހެޅުއްވިއެވެ. ނަމަވެސް އެކަމަށް އޭރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ ދެކޮޅުހަދާފައެވެ.
ރައީސްގެ ވާހަކަފުޅުގައި ރަށްރަށަށް ދަތި ނުވެ ބޭސް ފޯރުކޮށްދިނުމަކީ ކުރަންޖެހިފަ އޮތް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން އެސްޓީއޯގެ ފާމަސީތައް ރަށްރަށުގައި ހުރި ނަމަވެސް، މިހާރަށްވުރެ ރަނގަޅަށް އެ މަސައްކަތް ކުރަން އެބަޖެހޭ ކަމަށް ގަބޫލުކުރެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ މައްސަލައާ ގުޅެގޮތުން ރައީސް ވިދާޅުވީ ރަށްރަށުގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ކައުންސިލްތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
"މިކަމުން އަރައިގަނެވޭނެ، މިކަމުން އަރައިގަނެވޭނީ ސަރުކާރުގެ މުއައްސަސާތަކާއި ކައުންސިލްތަކާ އަމިއްލަ ފަރުދުންގެ ފެންވަރުގަ މިކަމުގަ އެއްބާރުލުން ދީ އެއްބައެއްގެ ގޮތުގައި މަސައްކަތް ކޮށްގެން،" ރައީސް ވިދާޅުވިއެވެ.
ވިއަވަތި ކޮންފަރެންސްގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރިއެވެ. އެ މަޝްވަރާތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އުވާލާފައި ކައުންސިލާ އެއްކުރަންޖެހޭ ކަމަށް ގަބޫލުނުކުރެވޭކަމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ގާއިމްކޮށްދީ އެމީހުންގެ ކަންބޮޑުވުންތައް ހައްލުކޮށްގެން ކޮމިޓީތަކުގެ ނަތީޖާ ނެރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"މާލީ ގޮތުންހުރި މައްސަލަތައް ހައްލުކޮށްދީ މީ ފުލް ޓައިމް ކޮށް ތިބި ބަޔަކު އިންތިޚާބު ކުރެވޭ ތަނަކަށް ހެދުމާ ދޭތެރޭގަ ވިސްނުން ގެންގުޅެން އަޅުގަނޑަށް ފެނޭ،" ރައީސް ވިދާޅުވިއެވެ.
މާލޭގެ މަގުހެދުމުގެ މަޝްރޫއާއި މިނީ ބަހުގެ ޚިދުމަތް ފަށާފައިވާތީ އެކަމުގެ މައްޗަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެދެ މަޝްރޫއަށް އެންމެ އެކަށީގެންވާ އެެއްބާރުލުން މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ފުރަތަމަ ނުލިބުނު ކަމަށެވެ. ނަމަވެސް އެއްމޭޒެއްގައި ތިބެ މަޝްވަރާކުރިފަހުން މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުން ފުރިހަމައަށް ލިބޭކަމަށް ރައީސް ވިދާޅުވިއެވެ.
"އެކިއެކި ޕާޓީ އަށް ނިސްބަތްވިޔަސް ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެއްބާރުލުން ދެއްވާ އެއީ ރައްޔިތުންގެ ރަށުގެ ކަމެއްގެ ގޮތުގައި ދެކެވަޑައިގެން މަސައްކަތް ކުރެއްވުމަކީ އަޅުގަނޑު ހުރިހާ ބޭފުޅުންކައިރިން އެދޭކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.