twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު ކުދިން ބެލެހެއްޓިޔަސް މައިންބަފައިންގެ ލޯބިން މަހުރޫމުވުމުން ލިބޭ އުނި ފޫބެއްދޭނެ ގޮތެއް ނޯންނާނެ

ނަބީލާ އިސްމާޢީލް
Sep 14, 2022

ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު، ކިތަންމެ ހޭހަންކޮށްގެން ކުދިން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަހުރޫމުވުމުން ކުޑަކުދިންނަށް އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިސިމްޕޯޒިއަމް ކުރިއަށްދަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، ކުޑަކުދިންނަށްދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫންކަމަށާއި ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި، އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް އެންމެ މުހިންމީ އާއިލީ ގުޅުމުގެ ބަދަހިކަން ކަމަށެވެ.

އާއިލާގެ ތެރެއިން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން އިހްސާސްވާނީ، ގެވެށި ގުޅުން ބަދަހިވި ވަރަކުންކަމަށާއި ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން، ސަރުކާރުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު، ކިތަންމެ ހޭހަންކޮށްގެން ކުދިން ބެލެހެއްޓިޔަސް، މައިންބަފައިންގެ ލޯބިން މަހްރޫމުވުމުން ކުޑަކުދިންނަށް އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެނައުމަކީ، މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫންކަމަށާއި، އެކުދިންގެ ކުރިމަގަށް ވެސް އެންމެ ރަނގަޅު ގޮތަކީ، ގާތްތިމާގެ މީހުންނާ އެކުގައި މުޖްތަމައާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމަށެވެ. މިގޮތުން ކުޑަކުދިންގެ ހިޔާ އަދި ހުޅުމާލެ ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖްތިމާއީ އާއިލީ ވެއްޓެއް ހޯދައިދިނުމަށް، 6 ރަށެއްގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ގާއިމުކޮށް، އެކުދިން މިހާރު ވާނީ އެ ތަންތަނަށް ބަދަލުކުރެވިފައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި، ތަފާތު އެތައް ދާއިރާއަކުން މިއަދު މަސައްކަތް ކުރަންޖެހިފައިވާ ކަމަށެވެ. މިގޮތުން ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ކުރުމަކީ، މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިސިމްޕޯޒިއަމް ބޭއްވީ އެކަމަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. މިގޮތުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެ ކަމުގައި ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސިމްޕޯޒިއަމް އާއި ގުޅޭ ގޮތުންތައްޔާރުކޮށްފައިވާ ފޮތެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަަށް އަރުވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355