ސްކޫލުތަކުގައި ބޭއްވި ހާއްސަ އެސެމްބުލީއާއެކު އަވައްޓެރި ފުލުހުންގެ ހަފްތާ ކުޅުދުއްފުށި ސިޓީގައި ފަށައިފި އެވެ. އަވައްޓެރި ފުލުހުންގެ ހަފްތާ ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގެ ސަރުކާރުގެ ހުރިހާ ސްކޫލްތަކެއްގައި ހާއްސަ އެސެމްބުލީ ކުރިއަށްގެންދިޔަ އެވެ.
މި އެސެމްބްލީގައި އަވައްޓެރި ފުލުހުން ބައިވެރިވެ ދަރިވަރުންނަށް ހާއްސަ މެސެޖެއް ދެއްވި އެވެ.
މުޅިރާއްޖޭގައި ކުރިއަށްގެންދާ އަވައްޓެރި ފުލުހުންގެ ހަރަކާތް ކުޅުދުއްފުށީގައި ފެށިގެންދާއިރު ގިނަ ހަރަކާތްތަކެއް މިހަފްތާ ކުރިއަށް ރާވާފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އެގޮތުން ޕާރކްތަކަށް ޒިޔާރާތްކުރުމާއި ސާފުކުރުމުގެ ހަރަކާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޒިޔާރާތްކުރުން ހިމެނެއެވެ މީގެ އިތުރުން ހާއްސަ ފުޓްބޯޅަ މެޗަކާއި ލޭހަދިޔާކުރުމުގެ ހަރަކާތްތަކާއި ގެތަކަށް ޒިޔާރާތްކުރުން ހިމެނެ އެވެ.
އަވައްޓެރި ފުލުހުންގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން ފުލުހުންނާ ގާތުން މަސައްކަތްކުރާ ފަރާތްތަކާއެކު ބައްދަލުކުރާނެ އެވެ. މި ބައްދަލުވުންތަކުގައި އެ މީހުންގެ ހިޔާލާއި މަޝްވަރާ ހޯދައި ގުޅިގެން ކުރެވެން ހުރި ކަންތައްތަކަކީ ކޮބާތޯ ބަލާނެ އެވެ.
ގޭބިސިތަކަށާއި ފާރކްތަކަށް އަދި މީހުން އެއްވެ އުޅޭ ސަރަހައްދުތަކަށް އަވައްޓެހި ފުލުހުން ޒިޔާރާތްކޮށް ރައްޔިތުންގެ ޝަކުވާ އާއޮ ކަންބޮޑުވުންތައް އަޑުއަހާނެ އެވެ.
ކުޅުދުއްފުށީގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު އެވެ.
އަވައްޓެރި ފުލުހުންގެ ހިދުމަތަކީ ރައްޔިތުންނާއި ގާތުން، ރައްޔިތުންގެ ބައިވެރިވުމާއެކު ކުށްމަދު އަމާން މުޖްތަމައެއް އުފެއްދުމަށް މަސައްކަތް ކުރުމަށް އެކުލަވާލެވިފައިވާ ފުލުހުންގެ ހިދުމަތް ދިނުމުގެ ނިޒާމެކެވެ.