twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސިޓީ ކައުންސިލުން ހެދި "ރަށްމަތިފަންނު" މައިޒާން ހުޅުވައިފި

އަބްދުލް ވާހިދު ޙަސަން
Sep 22, 2022
1

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތަރައްގީކުރި ފުރަތަމަ މައިޒާން "ރަށްމަތިފަންނު"ގެ ނަމުގައި މިއަދު ހުޅުވައިފި އެވެ. ރަށުގެ ހުޅަނގު ފަރާތުގައި އޮތް ހަމައެކަނި ބީޗު ސަރަހައްދުގައި ތަރައްގީކުރި މި މައިޒާން ހުޅުވައިދެއްވީ ހަވީރު އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޭޔަރު މުހައްމަދު އާތިފެވެ.

1.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި މި މައިޒާނުގައި މީހުންނަށް އިށީދެ އިނދެވޭނެހެން އުނދޯންޏާއި ބެޗުންތަކާއި ހަޓްތައް ތަރައްގީކޮށްފައިވެ އެވެ. މޫދު އެރުމަށްފަހު ފެންވެރޭނެހެން ގޮތާއި ފާހާނާ ކުރެވޭނެ ގޮތްވެސް މި މައިޒާނުގައި ގާއިމުކޮށްފައިވެ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، މިއީ ސިޓީ ކައުންސިލުން ތަރައްގީކުރި މިފަދަ ފުރަތަމަ މައިޒާން ކަމަށާއި ކައުންސިލްގެ ވިސްނުން ހުރީ ކުރިއަށްއޮތްތަނުގައި މިފަދަ މައިޒާންތައް ރަށުގެ އެކި ހިސާބުތަކުގައި ތަރައްގީކުރުން ކަމަށެވެ.

މިއީ ފެށުމެއްކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ހާއްސަ ގޮތެއްގައި މީހުން ގިނަ ސަރަހައްދުތަކުގައި މައިޒާންތައް ތަރައްގީކުރާނެ ކަމަށެވެ.

ރަށް ފުރި ބާރުވެގެންދާއިރު މިފަދަ މައިޒާންތަކަކީ ރަށުގެ ތަރައްގީއަށް މުހިންމު ތަންތަންކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، މިތަންތަން ސާފުތާހިރުކަން ބެހެއްޓުމަށް ރައްޔިތުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

ބޮޑުބެރުގެ ހަރަކާތްތަކާއެކު ކުރިއަށްދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުންވެސް ބައިވެރިވި އެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރާއި ސަރުކާރުގެ އިދާރާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355