twitterviber whatsapp telegramfacebookyoutube instagram
20th April 2024

ތަފާތު ކުރުމެއްނެތި ފެނާއި ނަރުދަމާ، ސިއްހަތާއި ތައުލީމު ފޯރުކޮށް ދިނުމަކީ އޮންނަ ސަރުކާރަކުން ކޮށްދޭންޖެހޭ ކަމެއް

ނަބީލާ އިސްމާޢީލް
Sep 26, 2022
1

ތަފާތު ކުރުމެއްނެތި ކުޑަރަށެއް، ބޮޑުރަށެއްނެތި ފެނާއި، ނަރުދަމާގެ ނިޒާމާއި، ސިއްހަތާއި ތައުލީމު ފޯރުކޮށް ދިނުމަކީ އޮންނަ ސަރުކާރަކުން ކޮށްދޭންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހދ.ނައިވާދޫ ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތްތަކަކީ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯތަކުގައި ލިޔެގެން ކުރަންޖެހޭ ކަންތައްތަކެއް ނޫންކަމަށެވެ.

ނައިވައިދޫއަކީ ކުޑަ އާބާދީއެއްގެ މައްޗަށް އެކުލެވޭ ރަށެކެވެ. ނަމަވެސް އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުނުވެ އޮތުމަކީ މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރުވެސް އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެވެ. ސާފު ބޯފެނާއި، ނަރުދަމާގެ ނިޒާމު ނެތުމުގެ ޝަކުވާ އެރަށުގެ ރައްޔިތުން ނުކުރާ ސަރުކާރެއްނެތެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިސަރުކާރުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިންވެސް ދެއްވި އެންމެބޮޑު ޔަގީންކަމަކީ ހަމަ ހަމަކަމާއެކު ކޮންމެ ރަށަކަށްވެސް، އަތޮޅަކަށްވެސް، ސިޓީއަކަށްވެސް ހިދުމަތްކޮށްދެއްވުންކަމަށެވެ. މިމަސައްކަތުގެ ތެރެއިން ނައިވާދޫގައި ފެނުގެ ނިޒާމު ގާއިމް ވެގެން ދިއުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ހައްގުތައް ކަށަވަރު ކޮށްދޭންޖެހޭނީ މެނިފެސްޓޯތަކުގައި ލިޔެގެން ނޫންކަމަށެވެ. ތަފާތު ކުރުމެއްނެތި ކުޑަރަށެއް، ބޮޑުރަށެއްނެތި ފެނާއި، ނަރުދަމާގެ ނިޒާމާއި، ސިއްހަތާއި ތައުލީމު ފޯރުކޮށް ދިނުމަކީ އޮންނަ ސަރުކާރަކުން ކޮށްދޭންޖެހޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ބުނަމުންދިޔައީ އެއްވެސް ރައްޔިތަކު ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު ކަންކަން ކޮށްދޭނަމޭ. އުޅޭ ރަށެއް އަތޮޅު ސިޓީއެއް ތަފާތު ނުކޮށް ކޮންމެހެން ދޭންޖެހޭ ޚިދުމަތް ހަމަހަމަ ކަމާއެކު ފޯރުކޮށް ދޭނަމޭ. އެއީ މެނިފެސްޓޯގައި ލިޔަންޖެހޭ ކަމެއްނޫން. ޤާނޫނު އަސާސީގައިވެސް އޮންނަނީ ހަމަހަމަ ކަމާއެކު ހިދުމަތް ފޯރުކޮށް ދިނުމަށް. އެކަން އަޅުގަނޑުމެން ޔަގީން ކޮށްދެމުން މިދަނީ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ކަންކަމަކީ ހުއްޓުމެއް އަންނާނެ ކަމެއްނޫން ކަމަށެވެ. ކޮންމެ ރަށަކަށް ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ދެމިތިބޭނެކަމަށާއި، ތަފާތެއްނެތި ހިދުމަތް ދިނުމަކީ މިސަރުކާރުގެ އަމާޒުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހދ.އަތޮޅަށް އެކަނި ބެލި ކަމުގައި ވީނަމަވެސް 199 މަޝްރޫއަށް 970 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާކަމަށެވެ. މިއީ އަދި ހަނިމާދޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ އަގު ނުލައި ކުރެވިފައިވާ ހޭދަކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ދަތުރު ފަތުރުގެ ނިޒާމުގެ ފަސޭހަކަން ލިބޭ އެއް ސަރަހައްދަކީ ބޮޑުތިލަދުން މަތިކަމަށް ރައީސް ވިދާޅުވިއެވެ.

ބޮޑު ތިލަދުންމަތި ހިމެނޭހެން އާރުޓީއެލްގެ ފެރީގެ ނިޒާމު މިހާރު 41 ރަށަކާއި ގުޅާލެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނައިވާދޫގައި އަދިވެސް ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަމަށެވެ. އެގޮތުން ރަށުގެ ރައްޔިތުން އެންމެ ބޮޑަށް މިހާރު ބޭނުންވާ ބަނދަރުގެ މަސައްކަތް މިދައުރުގެ ތެރޭގައި ފެށި ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355