twitterviber whatsapp telegramfacebookyoutube instagram
18th April 2024

ފިނޭ އާއި ދާދިގާތުގައި ހަނިމާދޫ އެއާޕޯޓް އޮތުމުން ދަނޑުވެރިމާއި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ފަހިވެގެންދާނެ: ރައީސް

ނަބީލާ އިސްމާޢީލް
Sep 28, 2022

ހދ.ފިނޭ އާއި ދާދިގާތުގައި ހދ.ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް އޮތުމާއި ދަތުރުފަތުރުގެ ނިޒާމާއި އެކު ފިނޭގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްވެސް ފުރުސަތުތައް ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު ހދ. ފިނޭއަށް ވަޑައިގެން އެ ރަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި، އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި، އަދި އެރަށުގެ އާ ކަރަންޓް ވިއުގައާއި، ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފިނޭގައި އަސާސީ ހިދުމަތްތައް ގާއިމްކުރެވުމާއެކު ފިނޭ މިއަދު ވެގެން މި ދިޔައީ އިންސާނުން ދިރިއުޅުމަށް ފައްކާކުރެވިފައިވާ ރަށެއްގެ ގޮތުގަކަމަށެވެ.

އަދި، ފިނޭ މިގޮތަށް ބަދަލުވެގެން ދިއުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށް ވިދާޅުވެ ފިނޭގައި އަސާސީ ހިދުމަތްތައް ގާއިމް ކުރެވުމާއި އެކު، ތަރައްޤީގެ އިތުރު ފުރުސަތުތައް ރަށުގެ ރައްޔިތުންނަށް ހުޅުވިގެން ދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތުން ފިނޭ އާއި ދާދިގާތުގައި ހަނިމާދޫ އިންޓާނޭޝަނަލް އެއާޕޯޓް އޮތުމާއި، ދަތުރުފަތުރުގެ ނިޒާމާއި އެކު، ފިނޭގެ ދަނޑުވެރިކަން ކުރިއެރުވުމަށާއި، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްވެސް ފުރުސަތުތައް ހުޅުވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވާހަކަފުޅުގައި މީގެ ކުރިން، ފިނޭގެ ރައްޔިތުން ތަހައްމަލް ކުރަން ޖެހުނު ދަތިތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފިނޭގެ ތަރައްގީއަށް ދެން ކުރަން އޮތް އެންމެ މުހިއްމު ކަމަކީ، ފިނޭގެ ބަނދަރުގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫއަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ފިނޭގައި ތަރައްގީކުރެވުނު އާ އިންޖީނުގެއާއި، އޮފީސް އިމާރާތް ހުޅުއްވައި ދެއްވައި، އަދި އާ ކަރަންޓްގެ ވިއުގަ އިފްތިތާހްކޮށްދެއްވުމަށްފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އިންޖީނުގެއާއި އޮފީސް އިމާރާތް ވެސް ބައްލަވާލައްވާފައެވެ.

ފިނޭގައި ކުރިން ހުރި އިންޖީނުގެ އަކީ 18 އަހަރުވީ އިންޖީނުގެ އެކެވެ. ރަށުގެ މީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައި، އިންޖީނުގެ ހުރުމުން އިންޖީނުގެ އަޑާއި، އަރާ ދުމާއި، ގެނދަބުޅީގެ ސަބަބުން އާއްމު ރައްޔިތުންނަށް އޮތީ އެކަން ވަރަށް ބޮޑު ތަކްލީފަކަށް ވެފައެވެ.

ފިނޭގައި އިމާރާތްކުރި އާ އިންޖީނުގެއިން، 570 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭއިރު، ރަށުގެ ކަރަންޓް ނެޓްވޯރކް ވެސް ވަނީ މުޅިން ބަދަލުކޮށްފައެވެ.

ފިނޭގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ފިނޭގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގައި ބަލަހައްޓާނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ފިނޭގައި މި އަހަރުގެ އޮގަސްޓް މަހު ފެނުގެ ހިދުމަތް ދޭން ފަށާފައިވާއިރު، މި ހިނގާ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވަނީ ނަރުދަމާގެ ހިދުމަތް ވެސް ދޭން ފަށާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355