ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީކުރާނީ ސީދާ ސަރުކާރުން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއުވާން މިހެން ވިދާޅުވީ، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ސިލްސިލާގޮތެއްގައި ބާއްވަވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
"މި އެނދުތައް ގާއިމުކުރާނީ ސީދާ ސަރުކާރަކުންނެއް ނޫން. އިންވެސްޓަރުން މީގެ ތެރެއަށް އަންނާނީ. އެކަމަށް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދޭނެ" މިއުވާން ވިދާޅުވި އެވެ.
ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބޮޑުތިލަދުންމައްޗަށް ފަތުރުވެރިކަމުގެ 8000 އެނދު ތަރައްގީކުރުމަކީ އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު ހއ. އުތީމު އާ އިންޖީނުގެ އާއި އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއުވާނު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާވެގެން ދިއުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މައި އެއާޕޯޓުގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އެކަނި އޮތުން ކަމަށެވެ.
ދިގު ދަތުރެއް ކޮށްފައި އަންނަ ފަތުރުވެރިން ވީއައިއޭ އަށް ފޭބުމަށްފަހު އަނެއްކާވެސް ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކުރުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭތީ އުތުރާއި ދެކުނަށް ފަތުރުވެރިން ގެންދިއުމަށް މިވަގުތަށް ދަތިތަކެއް އެބަހުރިކަމަށެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީވުމުން އިންވެސްޓަރުން އަންނާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމުގައިވެސް މިއުވާން ވިދާޅުވި އެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ރީތި ގޮނޑުދޮށްތައް ހުރި ރަށްރަށް ހުރިކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެގެން ދާނެ ކަމަށެެވެ.
އެހެންކަމުން ރިސޯޓް އަދި ގެސްޓްހައުސް ހިމެނޭ ގޮތަށް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 8000 އެނދުގެ އަމާޒަށް ވާސިލްވުމަކީ ސަރުކާރުގެ އުންމީދެއް ކަމުގައި ވިދާޅުވި އެވެ.