ބްރޯޑްކާސްޓިންގ އަކީ ޤައުމީ އަމާނާތެއް ކަމަށާއި، އެ ދާއިރާއަށް ޝައުޤުވެރި ޖީލެއް ބިނާކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މެޑަމް ސާޖިދާ މިހެން ވިދާޅުވީ ބްރޯޑްކާސްޓިންގ ދުވަހާ ގުޅިގެން ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރިއަށް ގެންދިޔަ "ވިޝަން އޮފް ދަ ފިއުޗަރ" މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ހަފްލާގައި އެކަމަނާ ވަނީ މުބާރާތުން އެކި ވަނަ ހާސިލުކުރި ކުދިންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ބްރޯޑްކާސްޓިންގ ހިދުމަތަކީ ރާއްޖޭގެ ތާރީހުގައި ވަރަށް ފުރިހަމަ ހިދުމަތެއް ކަމަށާއި، އެއީ ފޫހިކަމާއި މާޔޫސްކަން ދުރަށްލައި، ހިތްތަކަށް އުފާވެރިކަން ގެނެސްދިން ހިދުމަތެއް ކަމަށެވެ. އަދި ރައްޔިތުންނަށް ދީނުގެ މަތިވެރި އުސޫލުތަކާއި މަތިވެރި އަޚްލާޤު އުނގަންނައިދީ އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދޭ ޚިދުމަތެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ އިތުރަށް ފާހަގަކުރެއްވީ ބްރޯޑްކާސްޓިންގ ޚިދުމަތަކީ ރަށްރަށް ގުޅުވައިދިން އަގުހުރި ޚިދުމަތެއް ކަމަށެވެ. އަދި މީޑިއާގެ އެކި މަންސަތައް މިހާރު ހުރިއިރު، ރޭޑިއޯ އަދި ޓީވީގެ ދައުރު އަދިވެސް އަދާނުކުރެވޭ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން، މި ދާއިރާގެ މުހިންމުކަން އެނގޭ ޖީލެއް ބިނާކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"ބްރޯޑްކާސްޓިންގ އަކީ ވެސް އަމާނާތެއް. ވަރަށް ބޮޑު ޤައުމީ އަމާނާތެއް. ޤައުމުގެ މަޞްލަޙަތު ދިފާޢުކުރުމާއި، ދީނާއި އަޚްލާޤާއި މަސައްކަތްތެރިކަމަށް ހިތްވަރުދިނުމަކީ ޓީވީ އަދި ރޭޑިއޯގެ އެންމެ މުހިންމު ބޭނުން،" މެޑަމް ސާޖިދާ ވިދާޅުވިއެވެ.
ބްރޯޑްކޮމްގެ "ވިޝަން އޮފް ދަ ފިއުޗަރ" މުބާރާތަކީ 3 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ އުމުރުފުރައަކުން ތިން ވަނަ ވަނީ ހޮވާފައެވެ. މެޑަމް ސާޖިދާ ވިދާޅުވީ މި މުބާރާތަކީ އައު ޖީލެއް ބްރޯޑްކާސްޓިންގ ދާއިރާއަށް ޝައުޤުވެރި ކުރުވުމަށް ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެއް ކަމަށާއި، މި ދާއިރާ ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ފުޅާވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.