twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަތޮޅު ޤުރުއާން މުބާރާތުގައި ކުޅުދުއްފުށިން ބައިވެރިނުވި ސަބަބު މިއޮތީ

އަބްދުލް ވާހިދު ޙަސަން
Oct 4, 2022
1

ހދ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބައިވެރިނުވި ސަބަބު ހާމަކުރައްވައިފި އެވެ.

އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ކުޅުދުއްފުށި ފިޔަވާ އަތޮޅުގެ ހުރިހާ ރަށަކުން ބައިވެރިވި އެވެ.

އެކަމަކު ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ކޭއޯއަށް ވިދާޅުވީ، އަތޮޅު މުބާރާތުގައި ސިޓީ ކައުންސިލުން ބައިވެރިނުވީ އަތޮޅު މުބާރާތުގައި ވާދަނުކޮށް، ކުޅުދުއްފުށި ސްކޫލުތަކަށް ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަހަރު ލިބިފައިވާތީ ކަމަށެވެ.

އަތޮޅު ޤުރުއާން މުބާރާތް ބާއްވަނީ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެންނެވެ. އެ މުބާރާތުގައި ހޮވޭ އެންމެ މޮޅު 15 ދަރިވަރަކަށް، ގައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އޭނާ ވިދާޅުވީ، އަތޮޅު ކައުންސިލުން ޤުރުއާން މުބާރާތަށް ދައުވަތު ދެއްވިކަމަށާއި އެހެންނަމަވެސް އަތޮޅު މުބާރާތުގެ ގަވައިދު އޮންނަ ގޮތުން ސިޓީ ކައުންސިލަކަށް ބައިވެރިނުވެވޭނެ ކަމަށެވެ. އަތޮޅު މުބާރާތުގައި ބައިވެރިވެވޭނީ ރަށު ކައުންސިލުތަކަށެވެ.

އަތޮޅު ޤުރުއާން މުބާރާތުގައި ވާދަނުކޮށް ސީދާ ގައުމީ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ކުޅުދުއްފުށި ސުކޫލުތަކަށް މިއަހަރު ލިބިފައިވަނީ ސިޓީ ކައުންސިލުން ޤުރުއާނާ ބެހޭ މަރުކަޒާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު ގައުމީ މުބާރާތުގެ ގަވައިދަށް އިސްލާހެއް ގެނެސްގެން ކަމަށް އަލީ ވިދާޅުވި އެވެ.

ގިނަ ރަށްތަކެއްގައި އެންމެ ސްކޫލެއް ހުންނައިރު އެ ސްކޫލެއް ނިސްބަތްވާ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވުމަށް ލިބޭ އަދަދު ކުޅުދުއްފުށީގެ ސްކޫލުތަކަށް ނުލިބޭކަން ފާހަގަކުރައްވަމުން އަލީ ވިދާޅުވީ،

"އެހެން ރަށްރަށުން އެންމެ ސްކޫލަކުން ހޮވަން އިންނަ އަދަދަށް މިރަށުގައި ތިން ސްކޫލުގެ އެ އަދަދަށް ކުދިން ހޮވަން އިނުމުން އިންސާފެއް ނޫން. މާލޭގައިވެސް ކޮންމެ ސްކޫލެއް ވަކިން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު އެބަ ލިބޭ." ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.

އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިނުވާން ނިންމީ ކުޅުދުއްފުށީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލުގެ ވެރިންނާ އަދި އެތަންތަނުގައި އިސްކޮށް މަސައްކަތްކުރައްވާ ޤުރުއާން ޓީޗަރާ މަޝްވަރާކުރުމަށްފަހު ހުރިހާ ފަރާތްތަކުގެ އިއްތިފާގުން ކަމަށެވެ. އެހެންވުމުން މިއަހަރު ގައުމީ ޤުރުއާން މުބާރާތުގައި މާލޭގެ ސްކޫލުތައް ތަމްސީލުކުރުމަށް ފުރުސަތު އޮންނަ ގޮތަށް ކުޅުދުއްފުށީގެ ސްކޫލުތަކަށްވެސް އެ ފުރުސަތު ލިބިފައިވާކަމަށެވެ. މިބަދަލާއެކު ގިނަ ދަރިވަރުންތަކަށް ގައުމީ މުބާރާތުގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެކަން އަލީ ފާހަގަކުރެއްވި އެވެ.

އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިނުވީ، އެއް ސްކޫލެއްގެ ދަރިވަރުން އަތޮޅު މުބާރާާތުގައި ބައިވެރިވެ ގައުމީ މުބާރާތުގައި ހިމެނި، އަނެއްކާ ހަމަ އެ ސްކޫލުގެ ދަރިވަރުން ސްކޫލުގެ ނަމުގައި ގައުމީ މުބާރާތުގައި ބައިވެރިކުރުމަކީ ރަނގަޅު ހަމައެއްކަމަށް ގަބޫލުނުކުރެވޭތީ ކަމަށް އަލީ ވިދާޅުވި އެވެ.

ކޭއޯއަށް އެނގިފައިވާ ގޮތުގައި އެ މުބާރާތުގައި ބައިވެރިވުމަށް ސިޓީ ކައުންސިލުން ޝައުގުވެރިކަންފާޅުކުރީ މުއްދަތު ހަމަވިފަހުންނެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުން އެކަން ދޮގުކުރެ އެވެ.

އަތޮޅު ޤުރުއާން މުބާރާތް މިއަހަރު ނޮޅިވަރަމުގައި ބާއްވާއިރު އެ މުބާރާތުގައި ކުޅުދުއްފުށިން ބައިވެރިނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355