twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޓެކްނޮލޮޖީއާއި ޒަމާނީ އުކުޅުތަކަށް ޓީޗަރުން އަހުލުވެރިވުމަށް އެދިވަޑައިގެންފި

ނަބީލާ އިސްމާޢީލް
Oct 5, 2022

ޒަމާނީ ޓެކްނޮލޮޖީއަށާއި ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތަކަށް ޓީޗަރުން އަހުލުވެރިވުން މިއަދު ވަރަށް މުހިއްމުވެފައި ބޭނުންތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ހިތާބުގައި ރައީސް ވަނީ ޒަމާނާއިއެކު ތައުލީމީ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. މިގޮތުން ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާ ބަދަލުވެ ކުރިއަރަމުން އަންނަނީ ހީވެސް ނުކުރާހާ ހަލުވިމިނެއްގައި ކަމަށް ފާހަގަކުރައްވާފައިވެ އެވެ.

ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ އަމާޒަކަށް ހަދަންވީ ކުރިމަތިލާން ޖެހިފައިވާ ބޮޑު ބަދަލާ އެއްހަމައެއްގައި ގައުމު ތަރައްގީކޮށް ކުރިއެރުވޭ ވަރުގެ ތައުލީމީ ދަރިންތަކެއް އުފެއްދުން ކަމަށެވެ.

އިންސާނީ މުޖުތަމައަށް އަންނަ ކޮންމެ ރަނގަޅު ބަދަލަކާއި ނުރަނގަޅު ކޮންމެ ބަދަލެއް ވެސް، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެންމެ ބޮޑަށް ގުޅިފައި އޮންނަނީ އެ މުޖުތަމައެއްގެ ތައުލީމީ ދާއިރާއަށް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"މުޖުތަމައު އިސްލާހުކޮށް ރަނގަޅުކުރުމަށް އެދޭ ކޮންމެ ބަޔަކުވެސް، އެ މަސައްކަތް ފަށަނީ ތައުލީމީ ދާއިރާއިން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މުޖުތަމައަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ އެންމެ މުހިއްމު ދައުރު އަދާކުރަނީވެސް ތައުލީމީ ދާއިރާއިން ކަމަށެވެ.

ރައީސްގެ ހިތާބުގައި ވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުންނަށް ދުވަހުގެ ހެޔޮ އެދުންތަކާއި ތަހްނިޔާވެސް ފޮނުއްވާފަ އެވެ. އަދި މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވާފައިވެ އެވެ.

މިއަހަރުގެ މުދައްރިސުންގެ ދުވަހުގެ، ޝިއާރަކީ، "ތަޢުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން" މި ޝިޢާރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355