twitterviber whatsapp telegramfacebookyoutube instagram
18th May 2024

ވަށާ ޖެހޭ ނަފުސާނީ ސިއްހަތެއް ހޯދޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން: ފަޒުނާ

ނަބީލާ އިސްމާޢީލް
Oct 10, 2022

ވަށާޖެހޭ ނަފުސާނީ ސިއްހަތެއް ހޯދޭނީ އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ހުޅުމާލެ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރު ރަސްމީގޮތުން ހުޅުވައިދެއްވައި ދައްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގައި މެންޓަލް ހެލްތް ސެންޓަރެއް ހުޅުވިގެންދާއިރު، އެކަމަނާ ދެކެން ބޭނުންވާ އެންމެ މުހިންމު އެއްތަނަކީ ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި މެންޓަލް ހެލްތް ސެންޓަރުގެ ޒިންމާއެއްކަމުގައި ނުބަލައި، ހޮސްޕިޓަލްގެ އެހެން ހުރިހާ މުވައްޒަފުންވެސް ނަފްސާނީ ސިއްހަތުގެ މުހިންމުކަން ދެނެގަނެ، އެކަމަށްޓަކައި ގުޅިގެން މަސައްކަތްކުރާތަން ދުށުން ކަމުގައެވެ.

އެގޮތުން މުޅި ހޮސްޕިޓަލް ޝާމިލްވާހެން އެމްބިއުލާންސް ޑްރައިވަރުން ފެށިގެން އެންމެ މަތީ ފަންތީގެ މުވައްޒަފުން ވެސް ނަފްސާނީ ސިއްހަތުގެ މުހިންމުކަން ދެނެގަނެ އެކަމަށް މަސައްކަތްކޮށްދެއްވުމާއި، ވަކިން ހާއްސަކޮށް ހޮސްޕިޓަލަކީ އެކަކު އަނެކަކަށް އޯގާތެރިކަމާއެކު އަޅާލާ ނަމޫނާ ދައްކުވައިދޭ ތަނަކަށް ހެދުމަށް ހުރިހާ މުވައްޒަފުންވެސް މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގޮވާލެއްވިއެވެ.

އިތުރަށް އެކަމަނާ ވިދާޅުވީ މި ފަހުން އެކަމަނާ ބަހްރައިންއަށް ކުރެއްވި ދަތުރުފުޅުގައި ބަހްރައިންގެ ކިންގް ހަމަދް ޔުނިވާސީޓީ ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގެ ތަޖުރިބާ ޙިއްޞާކުރައްވާފައެވެ. އެގޮތުން އެކަމަނާ ވަނީ އެ ހޮސްޕިޓަލުގައިވެސް ތަފާތު އެކި ޑިޕާޓްމަންޓްތައް ގުޅިގެން ޝާމިލުކަމާއެކު ނަފްސާނީ ސިއްހަތުގެ ކަންކަން ކުރަމުން އަންނަކަން ފާހަގަކުރައްވައި އެފަދަ ކަންކަމުން ހުޅުމާލޭ ހޮސްޕިޓަލް ވެސް ނަމޫނާ ނެގޭނެކަމުގައި ވިދާޅުވެފައެވެ.

ހުޅުމާލޭގައި ހުޅުވުނު އެ ހޮސްޕިޓަލުގެ މެންޓަލް ހެލްތު ސެންޓަރަކީ މި ސަރުކާރުން ނަފްސާނީ ސިއްހަތަށް ހާއްސަ އިސްކަމެއް ދެއްވައި ސަރުކާރުގެ ގައުމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިގެން ކުރެވޭ މަސައްކަތްތަކުގެ ދަށުން ހުޅުވުނު ތަނެކެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ މެންޓަލް ހެލްތް ސެންޓަރުން ދޭ ހިދުމަތްތަކުގެ ތެރޭގައި ނަފްސާނީ ބަލިތަކުގެ ފަންނީ މާހިރުން މެދެވެރިކޮށް ހެދޭ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ އެސެސްމަންޓުތައް ހެދުމާއި، ކައުންސިލިންގ ދިނުމާއި، ކޮގްނިޓިވް ބިހޭވިރަލް ތެރަޕީ އަދި ޑައިލެކްޓަރަލް ބިހޭވިރަލް ތެރެޕީ ފަދަ މުހިންމު ހިދުމަތްތައް ހިމެނެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ފަރުވާދޭ މާހިރުން ކަމުގައިވާ އިންޑިއާގެ ކެޑަބަމްސް ހޮސްޕިޓަލްގެ ޗައިލްޑް ސައިކޮލޮޖިސްޓުންނާއެކު އޮންލައިންކޮށް މަޝަވަރާކުރުމާއެކީ، ތެރެޕީ ސެޝަންތައް ކުރިޔަށްގެންދިއުމުގެ ހިދުމަތްވެސް މިސެންޓަރުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ސެންޓަރު ހުޅުވުމުގެ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މި ރަސްމިއްޔާތުގައި ކެޑަބަމްސް ގްރޫޕްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް ހަދިޔާކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހެއްގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ " މޭކް މެންޓަލް ހެލްތު އެންޑް ވެލްބީން ފޮރ އޯލް އަ ގްލޯބަލް ޕްރައޯރިޓީ" މިއެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355