ނަފްސާނީ ބަލީގެ މީހުންނަށް ފަސޭހަކަމާ އެކު އަވަސް ހިދުމަތްތަކެއް ހެޔޮ އަގެއްގައި ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގޮވާލައްވައިފި އެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މިއަދު ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަސް ފާހަގަކުރާއިރު ނަފްސާނީ ދުޅަހެޔޮކަމަށްދޭ ސަމާލުކަން އިތުރުކޮށް، އެކަމާ ގުޅޭ ގޮތުން ހޭލުންތެރިކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެއީ މުޅީ ދުނިޔެއިންވެސް އިސްކަން ދޭން ޖެހޭކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަވަހަށް ލިބޭ، އަގުހެޔޮ ނަފްސާނީ ދުޅަހެޔޮކަމުގެ ފަރުވާއެއް ކަށަވަރުވެފައި ވުމަކީ އެންމެންގެވެސް ހައްޤެއް" ރައީސް ސޯލިހް ވިދާޅުވިއެވެ.
As we mark #WorldMentalHealthDay today, I call for a whole-of-society approach to bolster our commitment to raise awareness and make mental health and wellbeing for all a global priority. Timely and affordable access to mental health services must be a guaranteed right for all.
— Ibrahim Mohamed Solih (@ibusolih) October 10, 2022
އައިޖީއެމްއެޗްގައި ނަފްސާނީ މީހުންނަށް ހާއްސަ ސެންޓަރު ގާއިމުކޮށް ހިދުމަތް ދޭން ފެށި ފަހުން މިހާތަނަށް ޖުމުލަ 55،608 މީހުން ވަނީ ފަރުވާ ހޯދާފަ އެވެ.
މި އަހަރު އެކަނިވެސް މި ސެންޓަރުން 13،718 މީހުން ވަނީ ފަރުވާ ހޯދާފަ އެވެ. މި ސެންޓަރުގައި 71 މުވައްޒަފުން މިވަގުތު މަސައްކަތް ކުރަމުންދާއިރު ސަރުކާރުން އަންނަނީ މި އަދަދު އިތުރު ކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންނެވެ. ހުޅުމާލެ ހޮސްޕިޓަލްގެ ސެންޓަރު ރަސްމީކޮށް ހުޅުވީ މިއަދު އެވެ.
ސަރުކާރުން އަންނަނީ ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ މީހުންނަށް ވަރަށް ބޮޑު އިސްކަމެއް ދެމުންނެވެ. އެގޮތުން މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ހިނގާ ހަރަދުތައް އާސަންދައިގެ ދަށުން ކުރެވޭ ގޮތަށް މިސަރުކާރުގައި ވަނީ ހަމަޖައްސާފަ އެވެ.
ވޯލްޑް މެންޓަލް ހެލްތު ޑޭގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހުއެވެ.