މިއީ އިސްލާމްދީން ކުރިއަރުވައި މިދީނުގެ ޢިލްމު ފެތުރުއްވުމުގައި ނުހަނު ގިނަގުނަ މަސައްކަތް ކުރެއްވި ޢިލްމުވެރިއެއް ކަމަށްވާ ޢަބްދުﷲ ބިން މުބާރަކް ރަޙިމަހުﷲ ގެ ބައްޕައާއި މަންމާފުޅުގެ ކައިވެނި ކުރެވިގެންދިޔަ ގޮތުގެ ވާހަކައެކެވެ.
ނޫޙު އިބުން މަރްޔަމް ކިޔާ ވަރަށް މުއްސަނދި މީހެއް ވިއެވެ. އޭނާއަށް ދުނިޔެވީ ވަރަށްގިނަ ނިޢުމަތްތައް މާތްﷲ ދެއްވާފައިވެއެވެ. ތަނަވަސްކަމާއި އިއްޒަތް ލިބިފައިވެއެވެ. ނޫޙުގެ ވަރަށް ރީތި އަންހެން ދަރިކަނބަލެއް ވެއެވެ. އެކަމަނާއަކީ އަޚުލާގު ރަނގަޅު ދީންވެރި ކުއްޖެކެވެ. އެ އަންހެން ކުއްޖާގެ ކައިވެންޏަށް އެދި ރަށުގެ އިއްޒަތްތެރިންނާ މުއްސަނދިން ހުށަހަޅައެވެ.
ނޫޙުގެ އަޅުންގެ ތެރޭގައި މުބާރަކް ކިޔައި މީހެއް ހުރެއެވެ. ނޫޙުގެ ބަގީޗާތައް ބެލެހެއްޓުމުގެ ޒިންމާއާ މުބާރަކް އާއި ހަވާލުކުރެއްވިއެވެ. ތަފާތު މޭވާ އަޅާ ގަސްތަކާ އެކުގައިވާ ބަގީޗާތަކެކެވެ. ދުވަސްތަކަކަށްފަހު، ނޫޙު އޭނާގެ ބަގީޗާތަކަށް ޒިޔާރަތް ކުރިއެވެ. އަދި މުބާރަކް އާއި ބައްދަލުކޮށް ބަގީޗާގެ މޭބިސްކަދުރު ގަސްތަކުން މޭބިސްކަދުރު ކޯންޏެއް ގެނެސް ދިނުމަށް އެދުނެވެ. މޭބިސްކަދުރު ކޯންޏެއް މުބާރަކް އޭނާގެ ވެރިމީހާއަށް ގެނެސްދެއްވިއެވެ.
ނަމަވެސް އެކަދުރު ހުރީ ހިތިވެފައެވެ. އެހެން ކޯންޏެއް ގެނެސްދިނުމަށް ނޫޙު އެދުނެވެ. ދެވަނައަށް ގެނައި ކޯނީގައި ހުރި މޭބިސްކަދުރުވެސް ހުރީ ހިތިވެފައެވެ. މިގޮތަށް 3 ފަހަރު މަތިން ގެނައި މޭބިސްކަދުރުތައްވެސް ހުރީ ހިތިވެފައެވެ.
ނޫޙު އޭނާގެ އަޅުވެރި މުބާރަކްއަށް ކަންބޮޑުވެ ހުރެ ސުވާލު ކުރިއެވެ. ތިބާއަށް ހިތި އެއްޗެއްސާ ފޮނި އެއްޗެހި ވަކިކުރަން ނޭނގެނީ ހެއްޔެވެ؟
މުބާރަކް ޖަވާބު ދިނެވެ. މާތް ﷲ ގަންދީ ބުނަމެވެ. ތިބާ އަހަރެންނާ މިތަން ހަވާލުކުރީ މިތަން ބަލަހައްޓާށެވެ. އެހެންކަމުން މިތަނުން އެއްވެސް އެއްޗެއް އަހަރެން ނުކަމެވެ. އޭގެ ރަހައެއް އަހަރެންނަކަށް ނޭނގެއެވެ.
މުބާރަކްގެ މިވާހަކަތައް އަޑު އިވުމުން ނޫޙު ވަރަށް ބޮޑަށް ހައިރާންވިއެވެ. އަދި މުބާރަކުގެ ތެދުވެރިކަމާ އަމާނާތްތެރިކަމާ މެދު ތަޢުރީފުކުރި އެވެ. ނޫޙުގެ ހިތުން މުބާރަކަށް ޚާއްސަ ގަދަރެއް ދެވުނެވެ. އެއާއެކު، ނޫޙުގެ ދަރިކަނބަލުންނާއި ކައިވެނިކުރުމަށް ހުށަހެޅިއެވެ. ޢަބްދުﷲ ބިން މުބާރަކް ރަޙިމަހުﷲ އަކީ، މުބާރަކް އާއި ނޫޙުގެ އަންހެން ދަރިކަނބަލުންނަށް ލިބިވަޑައިގަތް ދަރިންގެ ތެރޭގައި ހިމެނޭ އިސްލާމީ ބޮޑު ޢިލްމުވެރިއެކެވެ.