ޓޫރިޒަމް މިނިސްޓަރު ޑރ އަބުދުﷲ މައުސޫމު، ކުޅުދުއްފުށި ރައްޔިތުންނާ ބައްދަލުކުރަން ބޭއްވި ޖަލްސާގައި ބައިވެރިވީ ވަރަށް މަދު އަދަދެއްގެ ރައްޔިތުންނެވެ. ރޭ އަފީދުއްދީން ސްކޫލުގައި ބޭއްވި އެ ބައްދަލުވުމުގައި އާންމުގެ ތެރެއިން ބައިވެރިވީ އެންމެ 9 މީހުންނެވެ.
ތިލަދުންމަތީގެ ބައެއް ރަށްތަކަށް މިނިސްޓަރު މައުސޫމް އާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާތިފުގެ އިތުރުން މިނިސްޓްރީގެ އިސް ވަފުދެއް ހިމެނޭ ގޮތަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިނިސްޓްރީގެ ޓީމު ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ އިއްޔެ ވަރަށް ހަވީރުވި ފަހުންނެވެ.
ކުޅުދުއްފުށީގައި ފަތުރުވެރިކަމާ ގުޅުން ހުރި ހިދުމަތްދޭ ފަރާތްތަކާއި ވިޔަފާރިވެރިން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިއަށް ޝައުގުވެރިކަން ހުރި އާއްމުރައްޔިތުންނާ އެކު ބައްދަލުވުން ބާއްވާ އާންމުންނަށް ހުޅުވާލި އެވެ.
އެކަމަކު ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމަށް އާންމުގެ ތެރެއިން ދިޔައީ އެންމެ ނުވަ މީހުންނެވެ. ދެން ތިބީ މިނިސްޓްރީގެ ޓީމާއި ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލަރުންނާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ނޫސްވެރިންނެވެ.
ކުޅުދުއްފުށީ މޭޔަރާއި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފުވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި މުހިންމު މައުލޫމާތުތަކެއް މިނިސްޓަރު ދެއްވި އެވެ. އަތޮޅުގެ ރިސޯޓްތަކާއި ރަށު ފަތުރުވެރިކަން ކުރިއެރުވުމާ ބެހޭ ގޮތުންވެސް މަޝްވަރާކޮށް ހިޔާލު ބަދަލުކުރި އެވެ. އަދި އަތޮޅުގެ ފަތުރުވެރިކަމުގެ ހާލަތު އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް އެ ކަންތައްތައް ރާވާ ހިންގުމާ ގުޅޭ ގޮތުންވެސް ބައްދަލުވުމުގައި ވާހަކަދެއްކެވި އެވެ.
މިއީ މިނިސްޓަރު މައުސޫމު، މިނިސްޓްރީއާ ހަވާލުވެވަޑައިގެންނެވި ފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.