twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ވަޒީރުގެ ކުރިމައްޗަށް ނެއްލައިދޫން ބަންޑުންކޮށްލީ އަތޮޅުގެ ކަންބޮޑުވުން

ނަބީލާ އިސްމާޢީލް
Oct 22, 2022

ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ހދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ނެއްލައިދުއަށް ވަޑައިގަތުމުން އެރަށު ރައްޔިތުން މިނިސްޓަރުގެ ކުރިމައްޗަށް ބަންޑުންކޮށްލީ އަތޮޅު ރައްޔިތުންގެ ކަންބޮޑުވުންތަކެވެ.

މިނިސްޓަރ މައުސޫމާއިއެކު ޑެޕިއުޓީ މިނިސްޓަރ އަހްމަދު އާތިފާއި އެ މިނިސްޓްރީގެ އިސްބޭފުޅުންނާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ރޭ ނެއްލައިދުއަށް ވަޑައިގެންނެވިއިރު ރަށުގެ ބަނދަރުމަތި އޮތީ އަތޮޅުގެ ރައްޔިތުންގެ ޝަކުވާއާއި ކަންބޮޑުވުންތަކުން މިނިސްޓްރީގެ ވަފުދަށް މަރުހަބާ ކިޔަން ތައްޔާރުކޮށްފައެވެ.

"ޓޫރިޒަމް ނެތް ހދ.އަށް މަރުހަބާ!!" ކިޔުމުގެ ގޮތުން ރަށުގައި ވަނީ ބެނާތަކާއި ޕޯސްޓަރުތައް ހަރުކޮށްފައެވެ. އޭގެތެރެއިން އެއްބެނާގައި ވަނީ "ޓޫރިޒަމަށް 50 އަހަރު ހދ އަށް އަންނަ އަހަރު!!" ކަމަށެވެ. މިއީ ހދ.އަށް ހައްޤު މިންވަރު؟"ތޯ ވެސް ބެނާގައި ލިޔެފައިވެއެވެ.

ނެއްލައިދޫގެ ރައްޔިތުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން 'ރިސޯޓް ނައިޓް ފެރީ' ކަމަށް ބުނެ ކެނޯއެއް ބާއްވާފައި އޮންނަ މަންޒަރު ފެނެއެވެ. އަދި ރިސޯޓު ތަރައްގީ ކުރަން އެތައް އަހަރެއް ވަންދެން ދޫކޮށްފައިވާ އެ އަތޮޅުގެ ރަށެއް ކަމަށްވާ ނާގޯށީގެ 'ވޯޓާ ސްޕޯޓްސް' ކަމަށް ބުނެ ސާފް ބޯޑެއް ވެސް ބާއްވާފައި އޮތެވެ.

ރިސޯޓު މުވައްޒަފުންނަށް ރިސޯޓުގައި ވަޒީފާ އަދާ ކުރުމަށް ފަހު ޑިއުޓީ ގަޑި ނިމުމުން ރަށަށް ދެވޭ ގޮތް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

މިނިސްޓަރަށް މަރުހަބާ ކިޔުމަށް ރަށުގެ ރައްޔިތުން ލަވައެއް ވެސް ކިޔާފައިވެއެވެ. އެލަވައިގެ މައުލޫއަކީ "ޓޫރިޒަމް ނެތް ހދ" އެވެ. އެއީ މީގެ ކުރިން އެއަތޮޅު ރައްޔިތުން ފަތުރުވެރިކަން ތަރައްގީ ނުވެ އޮތުމުން ހަދާފައިވާ ލަވައެކެވެ.

ރަށުގެ ބަނދަރުމަތިން އިތުރަށް ފެނިގެން ދިޔައީ ސަރުކާރަށް ނުފުއްދި ހުރި ވައުދުތަކެވެ. އޭގެތެރޭގައި ރިސޯޓްތައް ހަދަން ސަރުކާރުން އިއުލާންކޮށްފައިވާ ހދ.ގެ ބައެއް ރަށްތަކުގެ "ރިސެޕްޝަން" ވެސް ރަށުގެ ބަނދަރުމަތީގައި ހުއްޓެވެ.

އެރަށްތަކުގެ ނަންތައް ލިޔުމަށްފަހު ބުނެފައި ވަނީ އެއީ ރަށްތަކުގެ ރިސެޕްޝަން ކަމަށެވެ. އެރަށްތަކުގެ ތެރޭގައި ނާގޮށި، ކުޑަމުރައިދޫ އަދި ވައިކަރަމުރައިދޫ ހިމެނެއެވެ.

ހދ.އަތޮޅުގައި އޮންނަ ހަމައެކަނި ރިސޯޓް ކަމަށްވާ ހޮނޑައިދޫ އައިލެންޑް ރިސޯޓް ހިންގާ ތްރީއޭ ކުންފުންޏަށް ފާޑުކިޔާފައިވެ އެވެ. ޕޯސްޓަރެއްގައި ބުނެފައި ވަނީ "ތްރީއޭ ކުންފުންޏަށް ބަލަދު ނާރާނެ ވެރިކަމެއް ބޭނުން." ކަމަށެވެ.

ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީ ކުރަން ރައީސް ސޯލިހް ވަނީ ދާދިފަހުން ވެސް ވައުދުވެފައެވެ. އެކަން ދިފާއުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާނު ވިދާޅުވެފައިވަނީ ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީކުރާނީ ސީދާ ސަރުކާރުން ނޫން ކަމަށާއި އިންވެސްޓަރުން މީގެ ތެރެއަށް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355