twitterviber whatsapp telegramfacebookyoutube instagram
9th May 2024

ރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ޗައިނާއަކީ މުހިއްމު ބައިވެރިއެއް: ރައީސް

Oct 23, 2022

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށާއި އަދި ރާއްޖެ ތަރައްޤީއަށްކުރާ ދަތުރުގައި ދެޤައުމުގެ ދެމެދު އޮތް ގާތްގުޅުން މުހިންމު ދައުރެއް އަދާކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާސާބާ ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ޗައިނާގެ ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދު އޮންނަ ގާތްގުޅުމަކީ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިންމު ގުޅުމެއްކަން ފާހަގަކުރެއްވިއެވެ.

ދެޤައުމުގެ ދެމެދު އޮންނަ އަހަރުތަކަށް ދެމިގެންދާ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ރައީސް ވަނީ ރާއްޖެއާ ޗައިނާއަކީ ތަރައްޤީގެ ދަތުރުގައި އެކުއެކީގައި ގުޅިގެން ކުރިއަށްދާ ދެ ޤައުމުކަން ފާހަގަކުރައްވާފައެވެ.

ދެ ޤައުމުގެ ގުޅުން ބިނާވެފައިވަނީ، ވަން ޗައިނާ ޕްރިންސިޕަލްއާއި ދެޤައުމުން އިސްކަންދޭ މުހިންމުކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށްކަމަށާއި ހަމައެހެންމެ، އެހެން ޤައުމުތަކުގެ އިސްތިޤްލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް ރާއްޖެއިން އަބަދުވެސް އިހްތިރާމްކުރާކަމުގައި ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންގޮސްފައިވާ ބައެއް އުމްރާނީ ތަރައްޤީގެ މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫއުކަމުގައިވާ ސިނަމާލެ ފްލެޓްތަކުގެ މަޝްރޫއާއި ހިޔާ ފްލެޓް މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއާއި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ކުރިއަށްދާ މައިކްރޯ ގްރިޑް ސީވޯޓާ ޑީސެލިނޭޝަން މަޝްރޫޢުތަކުގެ ސަބަބުން ސާފު ބޯފެން ލިބުމުގައި ކުރިމަތިވާ ދަތިކަމަށް ދާއިމީ ހައްލު ހޯދުމަށް މަގުފަހިވެގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު އިޤްތިސޯދީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ވެސް ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންގޮސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާސަބާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، އެޤައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް ރައީސް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް ތަރައްޤީގެ ރޮނގުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރުމާއި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ޗައިނާސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލިޒިންއާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ކެބިނެޓްގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355