ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި އެޓޯލް ފެސްޓިވަލް -- ވާވޮށި ޓާޓަލް ފެސްޓިވަލް 2022ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.
ބައިންލައަގްވާމީ އެންޖީއޯއެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަަ ދުވަހު އެވެ.
ފެސްޓިވަލް ކުރިއަށްދާނީ ނ. ޅޮހި، ރ. ފައިނު، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ހުރާ، ކ. މާފުށި، ވ. ކެޔޮދޫ އަދި ސ. ފޭދޫގައި އެއްފަހަރާ އެވެ.
މިފެސްޓިވަލް ކުރިއަށް ދާނީ މި ރަށްރަށުގެ ސްކޫލްތަކާ ގުޅިގެންނެވެ. މިގޮތުން ގުރޭޑް 12އާ ހަމައަށް ކިޔަވާ ކުދިންނަށް ފެސްޓިވަލްގައި ބައިވެރިވެވޭނެ އެވެ.
ފެސްޓިވަލްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ވެލާ އާބާދީ ފާހަގަކުރުމެވެ. އަދި ރާއްޖޭގައި އުޅޭ ވެލާ އަދި އެހެނިހެން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރުކުރުމެވެ.
ފެސްޓިވަލްގެ ހަރަކާތްތަކުގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ތިމާވެށީގެ އެކި ޖަމިއްޔާތަކުން "ކޮންޒަވޭޝަން ކޮންވާސެޝަންސް" ނަމުގައި ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިއުން ހިމެނެ އެވެ.
ވާވޮށި ފެސްޓިވަލް ރެލީގެ ނަމުގައި ބައްވާ ޕެރޭޑެއްގައި ވެލާ ހިމާޔާތްކުރުމަށް ދަރިވަރުން ވައުދެއް ވުމަށްވެސް ހަމަޖެހިފައިވެ އެވެ. މީގެ އިތުރުން މިފެސްޓިވަލްއާއި ގުޅުވައިގެން ވަނީ މި މަހުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ބައިވެރިވެވޭ ޕޯސްޓާ ޑިޒައިން ކުރުމުގެ މުބާރާތެއްވެސް ހުޅުވާލާފަ އެވެ.
ދިރާގުން މަސައްކަތަކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މިއީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަމަށްވެސް ބުނެފައިވެ އެވެ.