twitterviber whatsapp telegramfacebookyoutube instagram
8th May 2024

ދައުލަތުގެ ތިންބާރާއި، ސިވިލް ސޮސައިޓީގެ ތެރޭގައިވެސް ކޮރަޕްޝަން: ރައީސް

ނަބީލާ އިސްމާޢީލް
Oct 30, 2022

ދައުލަތުގެ ތިންބާރާއި، ސިވިލް ސޮސައިޓީގެ ތެރޭގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިނގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި "އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022" ފަށްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ހޯދުނު ގޮތަކުން ފައިސާ ހޯދުމަކީ، ޖާއިޒް ކަމެއްގެ ގޮތުގައި ޤަބޫލުކޮށް، އެކަމަށް ހިތްވަރު ދިނުމަށްވުރެ، ބޮޑު ނުބައެއް ނޯންނާނެ ކަމަށާއި އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުން ކަމުގަ އެވެ.

މިޖަލްސާގައި، ދުނިޔެ އާއި ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ތިންބާރާއި، ސިވިލް ސޮސައިޓީގެ ތެރޭގައިވެސް ކޮރަޕްޝަންގެ އަމަލުތައް ހިނގާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދައުރެއް ބަދަލުވެ ވެރިކަން ފުރޮޅުނަސް، އެއަންނަ ކުއްލި ބަދަލާއިއެކު ހުރިހާކަމެއް ވަގުތުން ރަނގަޅުވެ އިސްލާހުވެގެން ނުދާނެ ކަމަށާއި، ކަންކަމަށް ހުޅުވިފައި ހުންނަ ދޮރުތަކާއި، ވެފައި އޮންނަ ޒަމާންވީ އާދަ، ހަމަ އެވަގުތު ބަދަލުވެސް ނުވާކަމަށެވެ.

އަދި ވަކިން ހާއްސަކޮށް ކަމެއް މާގިނަ ދުވަހު ދެމި އާދައަކަށް ވުމުން، ނުރަނގަޅު އޮންނަނީ ރަނގަޅެއްގެ ގޮތުގައި ބެލެވިފައިކަމަށާއި ގޯސް އޮންނަނީ އެއްގޯސްވެފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ކޮރަޕްޝަނާއި ފަސާދަޔާއި ނާޖާއިޒް ފައިދާ ނެގުމަކީ، ދައުލަތުގެ ތެރޭގައި އިންތިޒާމްވެފައި އޮންނަ ރީތިކަމެއްގެ ގޮތުގައި ވެރިންދެކި އެ ނަމޫނާ ދެއްކުމަށްވުރެ ބޮޑު ގޯހެއް އެއްވެސް ގައުމަކަށް ނޯންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަނާއި ދެކޮޅަށް މިސަރުކާރުން ކުރެއްވި މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމުގެ މިނިވަން މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރާ އެއްވެސް ކަމަކަށް، އަދި ކުރާ ތަހުގީގަކަށްވެސް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިސަރުކާރަށް 4 އަހަރު ފުރެންދާއިރު، ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްތަކެއް ކުރެވިފައިވާ ކަން ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށްވެސް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.

ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް، ބައިނަލްއަޤުވާމީ މުޖްތަމައުން މިއަދު ބަލައިގަންނަކަމަށާއި ކޮރަޕްޝަނަކީ މުޅި ދުނިޔެއަށް ފެތުރިފައި އޮތް، ފަރުވާ ބޭނުންވެފައިވާ އެންމެބޮޑު ބަލިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެބައްޔަށް އޮތް ޝިފާއަކީ، ހާމަކުރުމާއި، ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަތުން ކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން މިއަދު ފެށި މި މަހާސިންތާ އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުމުގައި ހުރި ކޮރަޕްޝަނުގެ ހިރާސްތައް ދެނެގަނެ، ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ނިޒާމް ބައްޓަން ކުރުމުގެ މައްޗަށް މިފަހަރުގެ މަހާސިންތާ އަމާޒުކޮށްފައިވުމީ، މި މަހާސިންތާގެ މުހިންމުކަން އިތުރުވެގެންދާ ކަމެއް ކަމަށެވެ. މީގެ އިތުރުން މި މަހާސިންތާއިން ފުރޭނިގެން އަންނަ ހިޔާލުތަކާއި ހުށަހެޅުންތަކަށް ސަރުކާރުން މަރުހަބާ ކިޔާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ،

"އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2022"، އަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި-ކޮރަޕްޝަން ކޮމިޝަން ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ދައުލަތުގެ ކަމާއި ގުޅުންހުރި އިދާރާތަކުންނާއި، ސަަރުކާރުގެ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355