twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އަންނަ އަހަރު ކޭއާރުއެޗުގައި ކީމޯތެރަޕީގެ ހިދުމަތް ފަށަން ބަޖެޓްގައި ހިމަނައިފި

އަންނަ އަހަރުގެ ލަފާކޮށް ހުށަހެޅި ބަޖެޓްގައި ކޭއާރުއެޗުގައި ކީމޯ ތެރަޕީ ވާރޑެއް ގާއިމުކުރުމަށް 1،500،000 މިލިއަން ރުފިޔާ ވަނީ ހިމަނާފައި.

އަބްދުލް ވާހިދު ޙަސަން
Oct 31, 2022

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، އުތުރުގެ ސަރަހައްދީ ހޮސްޕިޓަލުގައި ކެންސަރު ބަލީގެ މީހުންނަށް ދޭ ކީމޯތެރަޕީގެ ހިދުމަތް ދޭނެ ވޯރޑެއް ގާއިމުކުރުމަށް 1،500،000 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނައިފި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފޮނުވައިފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ތަރައްގީއަށް ހުރި މަޝްރޫއުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ، ކީމޯ ތެރަޕީގެ ވޯރޑެއް ގާއިމުކުރުމެވެ. އެކަމަށް ލަފާކޮށް 1،500،000 މިލިއަން ރުފިޔާގެ ބަޖެޓް ވަނީ ކަނޑައަޅަފަ އެވެ.

އެ ހޮސްޕިޓަލުގައި އަލަށް ފަށަން ބަޖެޓްކުރި މަޝްރޫއުތަކުގެ ތެރޭގައި މެންޓަލް ހެލްތް ވޯޑެއް ގާއިމުކުރުމާއި ކުޑަކުދިންނަށް ހާއްސަ އޯޕީޑީއެއް ގާއިމުކުރުން ހިމަނާފައިވެ އެވެ. އެގޮތުން މެންޓަލް ހެލްތް ވޯޑެއް ގާއިމުކުރުމަށް 1،700،000 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ކުޑަކުދިންގެ އޯޕީޑީ ގާއިމުކުރުމަށް 200،000 ރުފިޔާ ހިމަނާފައިވެ އެވެ.

ހިނގަމުންދާ މަޝްރޫއެއްގެ ގޮތުގައި ކުޅުދުއްފުށީގައި ތަރައްގީކުރާ ޓާޝިއަރީ ހޮސްޕިޓަލް ތަރައްގީކުރުމަށް 11،731،972 ރުފިޔާ ހިމަނާފައިވެ އެވެ. އަދި ކުވެއިތު ލޯނު އެހީގެ ދަށުން ގާއިމުކުރާ ޓާޝިއަރީ ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތަށް 6،800،000 ރުފިޔާ ހިމަނާފައިވާއިރު އެ މަސައްކަތް މިހާރު އޮތީ ޕްރީ ޓެންޑަރިންގގެ މަރުހަލާގަ އެެވެ.

އޮޕަރޭޝަން ތިއޭޓަރުގައި ލެޑް ޖެހުމަށް 4،992،828 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ސްޕީޗް ތެރެޕީ ޔުނިޓް ގާއިމުކުރުމަށް 3،100،000 މިލިއަން ހިމަނާފައިވެ އެވެ. މީގެ އިތުރުން ފިޒިއޯތެރެޕީ އިމާރާތް ބޮޑުކުރުމުގެ މަސައްކަތް ހިނގަމުންދާއިރު އެކަމަށް 610،000 ރުފިޔާ ހިމަނާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355