twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދިއްޕަރުފުއްޓާއި ނާގޮށީގެ ފޭސް އެކެއް ހުޅުވޭނެ: މައުސޫމް

ނަބީލާ އިސްމާޢީލް
Nov 1, 2022

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހދ. ދިއްޕަރުފުއްޓާއި ހދ. ނާގޮށީގެ ފޭސް އެކެއް ހުޅުވޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބްދުއްލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެ މުހިންމީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުންކަން ފާހަގަކުރައްވައި މެމްބަރު ޔާސިރުވަނީ އެއާޕޯޓު ދެކޮޅު ޖެއްސުމަށް އުތުރުގެ ފަތުރުވެރިކަމުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ހއ. ހދ. އަދި ށ. އަތޮޅުގައި ރިސޯޓް، ހޮޓާ އަދި ގެސްޓްހައުސް ހިމެނޭ ގޮތަށް 1،724 އެނދު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށާއި 1،524 އެނދު މިހާރުވެސް އޮޕަރޭޓް ކުރަމުންދާ ކަމަށެވެ.

އަދި މީގެ އިތުރުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހދ ދިއްޕަރުފުއްޓާއި ހދ ނާގޮށީގެ ފޭސް އެކެއް ހުޅުވޭނެ ކަމަށެވެ. ދިއްޕަރަފުއްޓަކީ މަކުނުދޫ ފަޅުތެރޭގައި އޮންނަ ރަށެކެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ އެއާޕޯޓެއް ކާމިޔާބުކަމާއެކު ކުރިއެރުވުމަށް އުތުރަށް 8،000 އެނދު ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހއ. ބެރިންމަދޫ، ށ. ހުރަސްފަރު، ނާއިންފަރުގެ އިތުރުން ކަނބާލިފަޅު ހުޅުވޭނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.

ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީ ކުރަން ރައީސް ސޯލިހް ވަނީ ދާދިފަހުން ވެސް ވައުދުވެފައެވެ. އެކަން ދިފާއުކުރައްވާ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާނު ވިދާޅުވެފައިވަނީ ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަމަށް 8000 އެނދު ތަރައްގީކުރާނީ ސީދާ ސަރުކާރުން ނޫން ކަމަށާއި އިންވެސްޓަރުން މީގެ ތެރެއަށް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ މަހު މިނިސްޓަރު މައުސޫމް ހދ ގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުގައި ހދ ގައި ޓޫރިޒަމް ނެތުމުން އެކަމުގެ ކަންބޮޑުވުން އެ އަތޮޅު ނެއްލައިދޫ އާއި ނަވައިދޫގެ ރައްޔިތުންވެސް ވަނީ ތަމްސީލެއްގެ ސިފައިގައި މައުސޫމަށާއި އޭނާގެ ޓީމަށް ދައްކާލާފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. މިއީ 2.1 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ އެއާޕޯޓާއެކު އުތުރުގެ ދަތުރުފަތުރުގެ ނިޒާމެއް އޮތުންވެސް ބޭނުންތެރި ކަމަށާއި، އެގޮތުން މިހާރު ހއ ހދ އަދި ށ އަތޮޅަށް އާރްޓީއެލް ފެރީން ގުޅާލާފައިވާކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ފުލް ކެޕޭސިޓީގައި ދުވާލަކު 1،780 ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ކަމަށާއި، ފުރަތަމަ އަހަރު ދުވާލެއްގެ މައްޗަށް 300 ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކުރެވޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355