ރާއްޖޭގެ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް ކަމަށްވާ މަޝްހޫރު ކުލަބް މޯލްޑިވްސް ކަޕުގެ އަންހެން ޑިވިޝަން (18/30 ފުޓްސަލް ފިއެސްޓާ)ގެ ފައިނަލުގައި ދިވެހި ސިފައިންގެ ކުލަބުގެ އެންމެފަހުގެ ޗެމްޕިއަން އެމްޕީއެލާ ދެކޮޅަށް ނުކުންނަން ޖެހިއްޖެ އެވެ.
18/30 ފުޓްސަލް ފިއެސްޓާގެ ފޯރިގަދަ ފައިނަލުގައި މާދަމާ ރޭ އެމްޕީއެލާ ދިވެހި ސިފައިންގެ ކުލަބް ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މުބާރާތް މި ހިސާބަށް އައިސްފާ މިވަނީ ފޯރިގަދަ އަދި އެހާމެ ވާދަވެރު މެޗުތަކަކަށް ފަހުގަ އެވެ.
އެންމެފަހުގެ ޗެމްޕިއަން އެމްޕީއެލުން މިއަހަރުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީގައި ފެނަކަ ބަލިކޮށްގެންނެވެ. މިދެޓީމު ގްރޫޕް ސްޓޭޖްގައި ވެސް ވާދަކުރިއިރު އެމެޗުން ފެނަކަ މޮޅުވި ނަމަވެސް ސެމީގައި އެމްޕީއެލުން ވަނީ ވާދަވެރި ކުޅުމަކަށް ފަހު 3 - 2 ގެ ހަނި ތަފާތަކުން ފެނަކަ ބަލިކޮށްފަ އެވެ.
މިފަހަރުގެ ފައިނަލަށް ސިފައިން ދަތުރުކުރީ ވެމްކޯ ބަލިކޮށެވެ. މިދިޔަ ފަހަރުގެ ސެމީގައި ވެސް މިދެޓީމު ބައްދަލުކުރަން ޖެހުނުއިރު އެފަހަރު ވެމްކޯއިން ސިފައިން ބަލިކުރި އެވެ. ނަމަވެސް މިފަހަރު ސިފައިންގެ ޓީމުން ވަނީ ފަސޭހަކަމާއެކު ވެމްކޯ ބަލިކޮށް ފައިނަލުން ޖާގަ ހޯދާފަ އެވެ. މިމެޗުން ސިފައިން މޮޅުވެފައިވަނީ 6 - 2 ގެ ނަތީޖާއަކުންނެވެ.
މާދަމާ ރޭ (ބުރާސްފަތި ދުވަހުގެ ރޭ) ކުޅެވޭ ފައިނަލު މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައި ހުޅުމާލޭ ރެހެންދި ފުޓްސަލް ގްރައުންޑްގަ އެވެ.