ހިކިފަސް ޕްރޯ މަކުނުދޫ 2022 ގެ ނަމުގައި ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހދ. މަކުނުދޫގައި ކުރިއަށް ގެންދިޔަ ރާއްޖޭގެ އެންމެ ފުރަތަމަ ވަލުތެރޭގެ ސައިކަލު ރޭހުގެ ޗެމްޕިއަންކަން ކުޅުދުއްފުއްޓަށް ނިސްބަތްވާ ރައިޑަރު އަހްމަދު އަމީޒް އަބްދުﷲ ހޯދައިފި އެވެ.
5 ޓީމަކުން ޖުމްލަ 13 ރައިޑަރުން ބައިވެރިވި އެއް ދުވަހުގެ ރޭސް ރޭސިންގ އެސޯސިއޭޝަނުން މިއަދު ވަނީ ކާމިޔާބުކަމާއެކު މަކުނުދޫގައި ކުރިއަށް ގެންގޮސް ނިންމާލާފަ އެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މީޓް ދަ މަންކީސް ޓީމުގެ ފަރާތުން ބައިވެރިވި ކުޅުދުއްފުށީގެ ރައިޑަރު އަހްމަދު އަމީޒް އަބްދުﷲ އެވެ. އޭނާ ރޭސް ނިންމާފައިވަނީ 3:30:46 ންނެވެ. އޭނާ ރޭސް ޖެހީ ވައި 15 ޒެޑްއާރެއްގަ އެވެ. ދެވަނައަށް ދިޔައީ ދޮން އިބްރާހިމް ރޭސިންގ ޓީމުގެ ޖެފެރީ ލަފުއަންޓޭ އެވެ 3:34:35 ންނެވެ. އޭނާ ރޭސް ޖެހީ ވޭވް 125 އެއްގަ އެވެ.
ތިންވަނައަށް ގޮސްފައިވަނީ މީޓް ދަ މަންކީސް ޓީމުގެ އަހްމަދު ޝިފާޒް އެވެ. އޭނާ ރޭސް ނިންމާފައިވަނީ 3:38:12 ންނެވެ. އޭނާ ރޭސް ޖެހީ ވޭވް 125 އެއްގަ އެވެ.
ކޭއޯއަށް ދިން އިންޓަވިއުއެއްގައި ހިކިފަސް ޕްރޯ 2022 ގެ ޗެމްޕިއަންކަން ހޯދި އަހްމަދު އަމީޒް އަބްދުﷲ ބުނީ މިގޮތަށް ރާއްޖޭގެ ބޭއްވި ފުރަތަމަ އިވެންޓްގެ ފަހުރުވެރި ޗެމްޕިއަންކަން ލިބުމުން ވަރަށް އުފާވާ ކަމަށެވެ.
"އަލްހަމްދުލިﷲ. ވަރަށް އުފާވެއްޖެ އަސްލު މިގޮތަށް ބޭއްވި މިކަހަލަ އިވެންޓަކުން ޗެމްޕިއަންކަން ލިބުމުން." އަމީޒް ބުންޏެވެ.
މުބާރާތުގައި ވާދަކުރި ރައިޑަރުންނަކީ މާޖިދު މުހައްމަދު (ވަން ބްލަޑް ރޭސިންގ ޓީމު)، މުހައްމަދު ނިޝާން (ވަން ބްލަޑް ރޭސިންގ ޓީމު)، އަލީ ސަމީރު މުހައްމަދު (ވަން ބްލަޑް ރޭސިންގ ޓީމު)، އަހްމަދު އަދުހަމް (މީޓް ދަ މަންކީސް)، އަހްމަދު ޝިފާޒް (މީޓް ދަ މަންކީސް)، ނަޖީދް އިބްރާހިމް (މީޓް ދަ މަންކީސް)، ޝަމްވީލް އަހްމަދު (މީޓް ދަ މަންކީސް)، އަހްމަދު އަމީޒް އަބްދުﷲ (މީޓް ދަ މަންކީސް)، އަނޫފް ޒުބައިރު (މީޓް ދަ މަންކީސް)ގެ އިތުރުން ދޮން އިބްރާހިމް ރޭސިންގެ ޖެފެރީއާއި އަލީ ސުއައިދު އަހްމަދު އަދި އެކްސްޓްރީމް އަން ލީޝްޑްގެ އަލީ ޔަމީންއާއި އަން ސޯލްޓެޑް ރޭސިންގެ މުހައްމަދު މަހްރޫސް އަހްމަދެވެ.
ހިކިފަސް ޕްރޯގެ ނަމުގައި ކުރިއަށް ދިޔަ މި ރޭހަކީ އޮފްރޯޑް ޓައިމް އެޓޭކް ރޭހެކެވެ. މަކުނުދޫގައި ބޭއްވި މިރޭހަކީ މިގޮތަށް ވަލުތެރޭގައި ބޭއްވުނު ފުރަތަމަ ރޭސިންގ އިވެންޓެވެ. މިރޭހަކީ ރޭސިންގ އެސޯސިއޭޝަނުން މޮޓޯ ސްޕޯޓްސް ރާއްޖޭގައި ކުރިއަރުވާ ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޮންމެ އަހަރަކު އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ރޭހެކެވެ.
މިރޭހުގައި މާލޭގެ 5 ރައިޑަރަކާ މަކުނުދޫގެ 4 ރައިޑަރުން އަދި އެހެން ރަށްރަށުން ޖުމްލަ 4 ރައިޑަރުން ބައިވެރިވި އެވެ. މިރޭހުގައި ސަލާމަތާ ރައްކާތެރިކަމަށް ރާސްއިން ބޮޑު އަހައްމިޔަތުކަމެއް ދީފައިވާކަން ފާހަގަކޮށްލެވެ އެވެ.
އެގޮތުން ރޭމްއިން ކަޑައެޅި މިނިމަމް ސޭފްޓީ ސްޓޭންޑާޑްސްގެ ތެރޭގައި މޮޓޯސައިކަލް ސޭފްޓީ ގާޑް ކިޓާ ބޫޓު އަދި ހެލްމެޓާއި ގްލޯވްސް އަކީ މަޖުބޫރު ކަންތައްތަކެވެ. އަދި ބޭނުންވެއްޖެ ކޮންމެ ހާލަތަކަށް ސްޓޭންޑް ބައިގައި ސީ އެމްބިއުލާންސް އޮތްއިރު ފަސްޓް އެއިޑަށް ރެޑް ކްރެސެންޓް ވަނީ ރޭމްއާއި ގުޅިގެން މިއިވެންޓްގައި ބައިވެރިވެފަ އެވެ.
ރޭމްއިން ފާހަގަކުރެއްވި ގޮތުގައި ވަރަށް ހޫނު ތަރުހީބެއް ލިބިގެންދިޔަ މިއިވެންޓަށް ބޮޑެތި އެހީތަކެއް ވެސް ލިބިފައިވާކަން ރޭމްއިން ކޭއޯއަށް ބުނެފައިވެ އެވެ. އެގޮތުން ރޭމް ވަނީ މަކުނުދޫ ކައުންސިލާއި މަކުނުދޫގެ ޒުވާނުންގެ ދެ ޖަމިއްޔާއެއް ކަމަށްވާ ފިނިމެންމާ ޖަމިއްޔާއާއި މަކުނުދޫ ޔޫތް މޫވްމެންޓްގެ ނަން ފާހަގަކޮށްލާފަ އެވެ. އަދި މަކުނުދޫ ޕޮލިހުގެ ފަރާތުން ލިބުނު އެއްބާރުލުން ވެސް ފާހަގަކޮށްލާފައިވެ އެވެ.
ހިކިފަސް ޕްރޯގެ އިތުރުން ރޭމްއިން މިއަހަރު އެންމެ ފޯރިގަދަކޮށް ކުރިއަށް ގެންދާ އިވެންޓަކީ ރާސް ޗެމްޕިއަންޝިޕް 2022 ގެ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ޑްރެގް ރޭސް އިވެންޓެވެ. ރާސް ޗެމްޕިއަންޝިޕަކީ އެޑިޝަން ތަކަކަށް ބަހާލައިގެން ކޮންމެ އެޑިޝަން އެއްގެ އެއްވަނައަށް ދާ ރައިޑަރުން ނޮވެމްބަރު 25ގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރާސް ޗެމްޕިއަންޝިޕް ގްރޭންޑް ފައިނަލްގައި މުޅި ރާއްޖޭގެ ރޯޑް ކިންގް ހޮވޭ މުބާރާތެކެވެ. މިއަހަރު ރާސް ޗެމްޕިއަންޝިޕްގައި ހިމެނެނީ ތިން އެޑިޝަނެކެވެ
އެއީ ކުޅުދުއްފުށި، އައްޑޫ އަދި ގްރޭޓާ މާލޭ އެޑިޝަން އެވެ. ޖުމްލަ 108 ރައިޑަރުން ކާރު އަދި ސައިކަލުގައި މި ތިން އެޑިޝަންގައި ބައިވެރިވެ ޖުމްލަ 23 ކެޓަގަރީއަކުން ރޭސް ޖަހާފައިވެ އެވެ. އަދި ނޮވެމްބަރު 25ގައި މި 23 ކެޓަގަރީގެ ތެރެއިން ކޮންމެ ކެޓަގަރީއެއްގެ ރޯޑް ކިންގް ހޮވޭނެ އެވެ.
ރޭމްއަކީ ރާއްޖޭގެ މޮޓޯ ސްޕޯޓްސްގެ ގަވާނިން ބޮޑީ އަދި ރެގިއުލޭޓަރި ބޯޑެއްގެ ގޮތުގައި ރާއްޖޭގެ އިފްތިތާހުކުރެވިފައިވާ އެންޖީއޯ އެކެވެ. ރޭމްގެ މަގްސަދަކީ ގައުމުގެ ޒުވާނުންނަށް އާންމު ދިރިއުޅުމުގައި ބޮޑަށް ހަރަކާތްތެރިވާން އެހީވެދީ އޭގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެއްޗާއި ހަމަނުޖެހުމާއި މާރާމާރީން ސަލާމަތްވެފައިވާ ހިންގުތެރި ހަރަކާތްތެރި ޒުވާނުން އުޅޭ މާހައުލެއް ބިނާކުރުމެވެ.
ރޭމްގެ ރޫހަކީ އަދި މޮޓޯ އަކީ "ޓު ޕްރޮމޯޓް އިންޓަގްރޭޝަން، އިންޓްރެކްޝަން އެންޑް ބްރިންގިން ޕީޕަލް ޓްގެދަރ ތްރޫ މޮޓޯ ސްޕޯޓްސް" އެވެ. ރޭމްގެ އަމާޒަކަށް ވެފައިވަނީ ގާނޫނާ ހިލާފަށް ރޭސް ޖެހުމާއި ނުރައްކާތެރި އަދި ބަލައިނުލާ އާންމު މަގުތަކުގައި ސައިކަލާއި ކާރު ދުއްވުން މަދުކުރުމަށް އެކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރުމެވެ.