twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޑްރޯން ޓެކްނޮލޮޖީގެ ޕްރޮގްރާމް ނިންމާލައިފި

Nov 5, 2022

ކާރިސާތަކުގައި ލިބޭ ގެއްލުންތައް ދެނެގަތުމުގައި ޑްރޯން ޓެކްނޮލޮޖީގެ ދައުރު އިތުރު ކުރުމުގެ ގޮތުން "ޑްރޯންސް ފޯ ރިޒެލިއެންސް"ގެ ނަމުގައި ދިރާގާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމް ނިންމާލައިފި އެވެ.

އެ ޕްރޮގްރާމްގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލްޖީ އައިމިނަތު ޝައުނާ ވިދާޅުވީ ޑްރޯނާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޓެކްނޮލޮޖީ އަކީ އެކި ދާއިރާތަކަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ޓެކްނޮލޮޖީތަކެއް ކަމަށެވެ. އަދި ސިޓީތަކާއި ރަށްރަށަށް ދިމާވެފައި ހުރި ގައުމީ ގޮންޖެހުންތަކުގައި އެފަދަ ޓެކްނޮލޮޖީގެ ބޭނުންތައް އިތުރުކުރުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ދިރާގުގެ އެމްޑީ އަދި ސީއީއޯ އިސްމާއިލް ރަޝީދު ވަނީ އެ ފަދަ ޕްރޮގްރާމެއް ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ. އެގޮތުން މޫސުމީ ބަދަލާ ގުޅިގެން ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދިމާވެދާނެ ކަރިސާއަކަށް ތައްޔާރުވުމުގައި އެ ފަދަ ޓެކުނޮލަޖީގެ ސަބަބުން ގިނަ މައުލޫމާތުތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ. އަދި ތިމާވެއްޓަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުނިން ނުހަނު އިސްކަންދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ ކައުންސިލްގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމާ ގުޅޭ ގޮތުން މޭޔަރު އަލީ ނިޒާރު ވަނީ ޑްރޯން ޓެކްނޮލޮޖީ އަކީ ކާރިސާތަކުން އަރައިގަތުމަށް މުހިންމު ވަސީލަތެއްކަން ފާހަގަ ކުރައްވައި އެ ވަސީލަތުގެ ސަބަބުން އެ ފަދަ ކާރިސާތަކަށް އެ ސިޓީ އިތުރަށް ތައްޔަރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންިދޔަ ޕްރޮގުރާމަކީ އެ ސިޓީގައި މަސައްކަތްކުރާ ރެޑް ކްރެސެންޓުގެ ވޮލެންޓިއަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. އެ ޕްރޮގުރާމުގައި ޑްރޯން ޓެކުނޮލޮޖީ ބޭނުންކޮށްގެން ގުދުރަތީ ކަރިސާތަކުން ރައްކާތެރިވުމާއި ކާރިސާތަކުން ލިބޭ ގެއްލުންތައް ދެނެގަންނާނެ ގޮތާއި، އެ ފަދަ ހާލަތެއްގައި ޑްރޯން ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ ގޮތްތަކުގެ ތަމްރީނު ވަނީ ދީފަ އެވެ. އެގޮތުން އައްޑޫ ސިޓީގައި ހިމެނޭ ހުރިހާ ރަށްރަށެއްގައި ޑްރޯނު ޓެކްނޮލޮޖީން ނަގާފައިވާ ފޮޓޯތަކުން ތައްޔާރު ކޮށްފައިވާ އޯތޮމޮޒައިކު މެޕު ވަނީ ބައިވެރިންނާ ހިއްސާކޮށްފަ އެވެ.

ދިރާގުން ބުނި ގޮތުގައި އެފަދަ ޕްރޮގްރާމެއް ހިންގުމުގެ މަގުސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާތަކަށް ޑްރޯން ޓެކުނޮލޮޖީގެ އެހީގައި ތައްޔާރުވުމެވެ. އަދި ކާރިސާތަކުން ލިބިދާނެ ގެއްލުން ދެނެގަތުމާއި ކަރިސާތަކަށް ތައްޔާރުވުމުގައި އެންމެ ފަހުގެ ޓެކުނޮލޮޖީގެ އެހީގައި، އެންމެ ރަނގަޅު މައުލޫމާތުތައް ލިބި އެ ފަދަ ކަންތައްތަކަށް ތައްޔާރީތައް އިތުރުކުރުން ކަމަށް ވެސް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355