އިދިކޮޅު ޕްރޮގެރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިއްޔެ ބޭއްވި އެތެރޭގެ އިންތިހާބުން ދައްކުވައިދެނީ މިހާރު އޮތް ސިޔާސީ މިނިވަންކަން ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަށް މަރުހަބާ ކިޔަން.
— Fayyaz Ismail (@faya_i) November 5, 2022
ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސް @ibusolih ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއް. މީގެ 5 އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތު. ވޯޓުފޮށި ބަލާ އޭރު އައީ ފުލުހުން pic.twitter.com/Pby970cyog
ޕީޕީއެމްގެ އެތެރޭގެ އިންތިހާބާއި ގުޅޭގޮތުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ހަރަކާތަށް މަރުހަބާ ކިޔާފާއެވެ. އަދި އިދިކޮޅު ފަރާތްތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ފުލުހުން ފޮނުވައިގެން ނުހުއްޓުވާކަމީ މިހާރުއޮތް ސިޔާސީ މިނިވަންކަމުގެ ހެއްކެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ޕީޕީއެމްގެ ބައެއް ދާއިރާތަކުގެ ރައީސް، ދާއިރާތަކުގެ ނައިބު ރައީސް، ދާއިރާތަކުގެ ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމު އަދި އަންހެނުންގެ ގޮފީގެ ރައީސް ހޮވުމަށް އިއްޔެ ވަނީ އިންތިހާބު ބާއްވާފަ އެވެ.
އެ ޓްވީޓްގައި ފައްޔާޒް ފާހަގަ ކުރެއްވީ މީގެ ފަސް އަހަރު ކުރިން، 2018 ވަނަ އަހަރު އޭރުގެ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކުރިއަށް ދަނިކޮށް އެކަމަށް ފުލުހުން ހުރަސް އަޅައި، ވޯޓު ފޮށިތައް ގެންދިޔަ ހާދިސާ އެވެ.
"މީގެ ފަސް އަހަރު ކުރިން މަންޒަރު ކިތަންމެހާ ވެސް ތަފާތު. ވޯޓު ފޮށި ބަލާ އޭރު އައީ ފުލުހުން." ފައްޔާޒްގެ ޓްވީޓްގައިވެ އެވެ.
ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ 87 ދާއިރާއެއްގެ އިންތިހާބު ކުރިއަށް ގެންދިޔައިރު، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ އިތުރުން ރަށްރަށުގައި ވެސް ވޯޓު ފޮށިތައް ވަނީ ބަހައްޓައިފަ އެވެ.