twitterviber whatsapp telegramfacebookyoutube instagram
4th May 2024

ކޭއާރުއެޗުގައި ކީހޯލް ސާޖަރީތައް ފަށައިފި، ފުރަތަމަ އޮޕަރޭޝަން ކާމިޔާބު

ކުރިން އަޅުގަނޑުމެން ކައިވަތެއްހާ ބޮޑަށް ކަފާލައިގެން ކުރަމުންދާ ގެންދާ އޮޕަރޭޝަންތައް ކުޑަ ތިން ވިދަކުން ނިންމާލުމަށް ފެށިގެންދިޔަ ދުވަސް މިއީ.

އަބްދުލް ވާހިދު ޙަސަން
Nov 7, 2022

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ކުރެވުނު ފުރަތަމަ ލެޕަރޯސްކޯޕިކް ސާޖަރީ (ކީހޯލް އޮޕަރޭޝަން) ކާމިޔާބުކަމާއެކު ފުރިހަމަކޮށްފި އެވެ. ބަލި މީހާއަށް ވޭން ކުޑަވާގޮތަށް ކަފާލުމުގެ ބަދަލުގައި ލޯވަޅު އަޅައިގެން ކުރާ އޮޕަރޭޝަންތައް ކޭއާރުއެޗުގައި ފެށުމުގެ ގޮތުން ކުރި މި އޮޕަރޭޝަން ލީޑްކުރެއްވީ އައިޖީއެމްއެޗުގެ ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑރ އަބުދުﷲ އުބައިދެވެ.

ލޯވަޅު އަޅައިގެން ކުރާ އޮޕަރޭޝަންތަކަށް ބޭނުންވާ އާލާތްތައް ހަމަކޮށް އަޖުމަ ބެލުމުގެ ގޮތުން ކުރި މި އޮޕަރޭޝަނަށް ހޭދަވީ 50 މިނެޓެވެ. 09:39 ގައި އޮޕަރޭޝަން ފެށި 10:29 ގައި އޮޕަރޭޝަން ކާމިޔާބުކަމާއެކު ފުރިހަމަކޮށް ނިންމާލާފައިވެ އެވެ.

މި އޮޕަރޭޝަންތައް ފެށުމުގެ ގޮތުން ޑރ އުބައިދުގެ އިތުރުން އައިޖީއެމްއެޗުގެ ޕްލާސްޓިކް ސާޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ މުހައްމަދު ވަހީދު އަދި އައިޖީއެމްއެޗްގެ އެނެސްތިއޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް، ކޮންސަލްޓަންޓް އިން އެނެސްތިއޮލޮޖީ ޑރ އިސްމާއިލް ލަތީފް އިތުރުން އެ ހޮސްޕިޓަލްގެ ލެޕަރޮސްކޯޕިކް ނާރސިން ޓީމްގެ އިންޗާޖް، ރެޖިސްޓާރޑް ނާރސް ފާތިމަތު ޝިއުނާ އަމަލީގޮތުން މި އޮޕަރޭޝަނުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މި އޮޕަރޭޝަނަށްފަހު ކޭއާރުއެޗުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ އުބައިދު ވިދާޅުވީ، އޮޕަރޭޝަން ކުރި 48 އަހަރުގެ މީހާގެ ހާލު ރަނގަޅު ކަމަށާއި އިރާދަކުރެއްވިއްޔާ އެ މީހާ މާދަމާ ގެޔަށް ދޫކޮށްލެވޭނެ ކަމަށެވެ.

"މިއަދު އޮޕަރޭޝަން މިކުރީ 48 އަހަރުގެ މީހެއް. އެ މީހާގެ ބަނޑުތެރޭގައި ހުރި މައްސަލައަކާ ހުރެ އޮޕަރޭޝަން ކުރަން މިޖެހުނީ. އޮޕަރޭޝަން ދިޔައީ ވަރަށް ކާމިޔާބުކަމާއެކީގަ. އިރާދަކުރެއްވިއްޔާ މާދަމާ އެމީހާ ގެޔަށް ދޫކޮށްލެވޭނެ. އެއީ ވަރަށް ބޮޑު ކުރިއެރުމެއް." ޑރ އުބައިދު ވިދާޅުވި އެވެ.

ޑރ އުބައިދު ވިދާޅުވީ، މި އޮޕަރޭޝަން ކަފާލައިގެން ކުރިނަމަ އިތުރަށް ދެ ތިން ދުވަހު އެ މީހާ ހޮސްޕިޓަލުގައި އޮންނަ ޖެހޭނެ ކަމަށާއި އަދި ރޮދިކޮށުން ފަދަ ކަންތައްވެސް ކުރަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް މި ޕްރޮސީޖަރގެ އޭނާ އަވަހަށް ގެޔަށް ދޫކޮށްލެވި، ދެ ތިން ދުވަހުގެ ތެރޭގައި އާންމު ހާލަތަށް އެ މީހާ އަންނާނެ ކަމަށެވެ. ޑރ ވިދާޅުވީ އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި އޮޕަރޭޝަންގައި ބައިވެރިވެލެއްވި ކޭއާރުއެޗުގެ އޮޕަރޭޝަން ތިއޭޓަރުގެ ނާސިން އިންޗާޖް، ސީނިއަރ ރެޖިސްޓާރޑް ނާރސް، ހުރުމާ އަބްދުއްރަހްމާން، ވިދާޅުވީ މިއީ ވަރަށް ތާރީހީ މުހިންމު ދުވަހެއް ކަމަށާއި މިއީ ރަން އަކުރުން ފާހަގަކުރެވޭނެ ދުވަހެއް ކަމަށެވެ.

"ކުރިން އަޅުގަނޑުމެން ކައިވަތެއްހާ ބޮޑަށް ކަފާލައިގެން ކުރަމުންދާ ގެންދާ އޮޕަރޭޝަންތައް ކުޑަ ތިން ވިދަކުން ނިންމާލުމަށް ފެށިގެންދާ ދުވަސް." ހުރުމާ ވިދާޅުވި އެވެ.

ލޯވަޅު އަޅައިގެން ޖެނެރަލް އޮޕަރޭޝަންތަކާއި އަންހެނުންގެ ހާއްސަ ބަލިތަކުގެ އޮޕަރޭޝަންތައް މިހާރު ކުރެވޭނެ ކަމަށާއި އެގޮތުން އެޕެންޑިސް އޮޕަރޭޝަނާއި ހާނިޔާ އޮޕަރޭޝަން ފަދަ ސާޖަރީތައް ހެދޭނެކަމަށް ޑރ އުބައިދު ވިދާޅުވި އެވެ.

އައިޖީއެމްއެޗުގެ ޕްލާސްޓިކް ސާޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ މުހައްމަދު ވަހީދު ވިދާޅުވީ، މި އޮޕަރޭޝަންތަކުގެ ސަބަބުން މި ސަރަހައްދުގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ.

ޑރ ގެ ޓީމުން ވިދާޅުވީ، އޮޕަރޭޝަންތައް މެދުކެނޑުމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ދިނުމުގެ ގޮތުން އައިޖީއެމްއެޗާއި ކޭއާރުއެޗުގެ ގުޅިގެން ކުރިއަށްގެންދެވޭނެކަމަށެވެ. ކޭއާރުއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނަށް އިތުރު ތަމްރީނު ދިނުމާކަމާ ގުޅުން ހުރި ކަންކަން ހަރުދަނާކުރުމުގައި އައިޖީއެމްއެޗުގެ އެހީތެރިކަން ލިބިގެންދާނެކަން ޑޮކްޓަރުންގެ ޓީމުން ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355