ރާއްޖޭގެ ޒުވާނުންގެ ކުއްލި މަރުތަކާ ނުރަނގަޅު އާދަތަކާ ގުޅުމެއް އޮވެދާނެ ކަމަށާއި އެކަން ދިރާސާ ކުރަން ޖެހޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާހް ކުރުމުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް 2020 އިން 2021 އަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީން ކުރިއަށް ގެންގޮސްފައިވާ "ސްޓެޕްސް ސަރވޭ" ގެ ނަތީޖާގައި ފާހަގަކުރި ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅުދައްކަވާފައެވެ.
މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގައިން ގަޔަށް ނާރާ ބަލިތައް ޖެހުމަށް މެދުވެރިވާ ނުރަނގަޅު އާދަތައް ދިވެހިންގެ މެދުގައި ފެތުރިފައިވާ މިންވަރު އެދިރާސާއިން ހާމަވެފައިވާ ކަމަށާއި، އަދި މިކަން ބަލަން ތިބެވެން ނެތްކަމަށެވެ.
"އެ ދިރާސާގެ ކުރު ޚުލާސާއަކީ މިހެން ބަލަން ތިބެވޭކަށް ނެތޭ. ތެދުވާށޭ، ތެދުވެ ހަރަކާތްތެރިވާން ފަށާށޭ. ދުވެ، ކުޅެ، ކަސްރަތު ކުރަން ފަށާށޭ،" ރައީސް ވިދާޅުވިއެވެ.
އެންމެ ގިނަ މީހުން ރާއްޖޭގައި މިހާރު މަރުވަނީ، ގައިން ގަޔަށް ނާރާ ބަލިތަކުގައި ކަމަށާއި، އޭގެ ތެރޭގައި ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތައް ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 84 އިންސައްތަ މީހުން މަރުވަނީ، އެފަދަ ބަލިތަކުގައިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށާއި ފައިދާހުރިކާނާ ބޭނުން ކުރުމާއި، ހެލިފެލިވެ އުޅުން މުހިންމުކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ޒުވާނުންގެ ކުއްލި މަރުތައްވެސް ގިނަވެއްޖެ. އެއީ ވެސް އަޅުގަނޑުމެންގެ ތެރޭގައި ހުރި މިފަދަ ނުރަނގަޅު އާދަތަކާ ގުޅިފައި އޮތް ކަމަކަށް ވެސް ވެދާނެ. އެކަމުގެ ވެސް ހަގީގަތް ބެލުމަށްޓަކައި ދިރާސާކޮށް ހޯދާ ބަލަން އެބަ ޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ހިރާސް ކުޑަ ކުރުމަށް މި ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ދުންފަތުގެ ބާވަތްތަކުގައި އިންޒާރުގެ މެސެޖާއެކު ފޮޓޯ ޖަހަން ފެށުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމާ ގުޅުން ހުރި ބޭސްތަކާއި ހިދުމަތްތައް އާސަންދައިގެ ދަށުން ލިބޭނެ ގޮތް ހަމަޖައްސާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދިވެހިންނަކީ މީގެ ކުރިން ވެސް އަދި މިހާރު ވެސް ސިއްހީ ދުޅަހެޔޮ ކަމަށް ވަރަށް ބޮޑު އިސްކަމެއްދޭ ބަޔެއް ކަމަށެވެ. ނަމަވެސް އެކަމަށް ހުރަސް އަޅަނީ ނުރަނގަޅު އާދަތައް ކަމަށް ރައީސް ވިދާޅުވިއެވެ.
"މި ބަލިތަކަށް އޮތް ފަރުވާއަކީ އަޅުގަނޑުމެންގެ އަޒުމާއި ހިތްވަރު. ބޭނުން ވަނީ ބަދަލެއް. ބޭނުން ވަނީ ފެށުމެއް. އެ ބަދަލުގެ ފެށުމަކީ މިރޭ ކަމުގައި އަޅުގަނޑުމެން ހަދަންވީ،" ރައީސް ވިދާޅުވިއެވެ.
އެފަދަ ބަދަލުތަކުގެ ތެރޭގައި ހަރަކާތްތެރި ދިރިއުޅުމެއް އުޅެން ފެށުމާއި އެގޮތުން ކުޅިވަރަށާއި ކަސްރަތައް ވަގުތު ހޯދައި، އިންޖީނުލީ އުޅަނދު ބޭނުން ކުރުން ވީވަރަކުން މަދު ކުރުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުވެސް ސިއްހީ ހީދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުން ކަމަށާއި އެގޮތުން ބަޖެޓުގެ އެންމެ ބޮޑު ބައެއް ހާއްސަކޮށްފައިވާ އެއް ދާއިރާއަކީ ސިއްހީ ދާއިރާކަން ރައީސް ފާހަގަކުރެއްވިއެވެ.
އަންނަ އަހަރު ޕްރައިމަރީ ހެލްތު ކެއާ އަލުން ފެށޭނެ ކަމަށާއި އެ ހިދުމަތުގެ އެންމެ ބޮޑު ބޭނުމަކީ ގައިން ގަޔަށް ނާރާ ބަލިތަކަށް ރައްޔިތުން ހޭލުންތެރިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާއިން ކުރާ ހަރަދުތަކުގެ ތެރެއިން އަދިވެސް އެންމެ ބޮޑު ހަރަދަކީ ބަލިވުމުން ކުރާ ހޭދަ ކަމަށާއި އެކަން ބަދަލު ކުރަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ދެންމެ ދިރާސާއިން ފެނުނު ފަދައިން ޕްރިވެންޝަންއަށް ކުރާ އެންމެ ރުފިޔާއަކުން 16 ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ވާނަމަ މިނިސްޓަރު ބަޖެޓު ހައްދަވާއިރުގަ އެންމެ މުހިންމުކަން ދޭންވީ އެއް ދާއިރާ އެ އޮތީ ފެންނަން،" ރައީސް ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް "30އަށް 25" ކެމްޕެއިން އިފުތިތާހުކޮށްދެއްވާފައެވެ.