ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ނާމް)އިން ކުރިއަށް ގެންދާ ފަސްޓް ޒޯން އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި ފޯރިގަދަ މެޗުތަކަކަށް ފަހު ދެވަނަ ދުވަހުގެ ކުޅުން ނިންމާލައިފި އެވެ.
އިއްޔެ ހެނދުނާއި ހަވީރު ދެމެޗު ކުޅެވުނުއިރު ރޭ ވެސް ވަނީ މިމުބާރާތުގެ ދެމެޗެއް ކުޅެފަ އެވެ. 15 އަހަރުން ދަށުގެ އުމުރުފުރާއިން އިއްޔެގެ ފުރަތަމަ މެޗުގައި ޖަލާލުއްދީން ސްކޫލާއި ހދ އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރިއިރު މިމެޗު 18 ޕޮޓް 8 ޕޮޓުން ކާމިޔާބުކުރީ ހދ އަތޮޅު ތައުލީމީ މަރުކަޒުންނެވެ. އޭއީސީން މޮޅު ކުޅުމެއް ދެއްކި މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ އޭއީސީގެ ގޯލް އެޓޭކް ރިޒްވާނާ އިބްރާހިމް އެވެ.
ދެވަނަ މެޗުގައި ނެއްލައިދޫ ސްކޫލާއި ވާދަކޮށް ބޮޑު ތަފާތަކުން ކުމުންދޫ ސްކޫލް ވަނީ މެޗު ކާމިޔާބުކޮށްފަ އެވެ. މިމެޗު ކުމުންދޫއިން ކާމިޔާބުކުރީ 22 ޕޮޓް 7 ޕޮޓުގެ ބޮޑު ތަފާތަކުންނެވެ. މިމެޗުގެ ކުއީންއަކަށް ހޮވުނީ ކުމުންދޫގެ ގޯލް އެޓޭކް މަރިޔަމް މިޝްގާ އަހްމަދެވެ.
13 އަހަރުން ދަށުގެ އުމުރުފުރާގެ ފުރަތަމަ މެޗު 12 ޕޮޓް 3 ޕޮޓުން ހދ. އޭއީސީ ބަލިކޮށް ފުނަދޫ ސްކޫލުން ކާމިޔާބުކުރިއިރު މިމެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންގޮސްފައިވެ އެވެ. މިމެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ފުނަދޫ ސްކޫލުގެ ގޯލް އެޓޭކް އަލައިކާ އަބްދުލް އަލީމް އެވެ.
13 އަހަރުން ދަށުގެ ދެވަނަ މެޗުގައި ނެއްލައިދޫ ސްކޫލާ ވާދަކޮށް ޖަލާލުއްދީނުން ވަނީ ހަނިތަފާތަކުން މެޗު ކާމިޔާބުކޮށްފަ އެވެ. ވާދަވެރި އަދި އެއްވަރު ކުޅުމެއް ފެނިގެންދިޔަ މިމެޗު ޖަލާލުއްދީނުން ކާމިޔާބުކުރީ 5 - 4 ންނެވެ. މިމެޗުގެ ކުއީންއަކަށް ހޮވުނީ ޖަލާލުއްދީނު ސްކޫލުގެ ސެންޓަރ އައިޝަތު ނަބާހަތު އަހްމަދެވެ.
ރޭ ކުޅެވުނު 17 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތަކުގައި ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އަފީފުއްދީނާ ޖަލާލުއްދީނުން ވަނީ އެޓީމުތައް ކުޅުނު މެޗުތައް ފަސޭހަކަމާއެކު ކާމިޔާބުކޮށްފަ އެވެ. 29 ޕޮޓް 6 ޕޮޓުގެ ބޮޑު ތަފާތަކުން އަފީފުއްދީނުން ނޮޅިވަރަމް ސްކޫލް ބަލިކުރިއިރު ހދ އޭއީސީގެ މައްޗަށް ޖަލާލުއްދީން ކުރިހޯދީ 10 - 7 ންނެވެ.
އަފީފުއްދީނާ ނޮޅިވަރަމް ސްކޫލް ބައްދަލުކުރި މެޗުގެ ކުއީންއަކަށް އަފީފުއްދީނުގެ ގޯލް ސްކޯރާ ފާތިމަތު ޝައިހާ އަސްލަމް ހޮވުނުއިރު އަނެއް މެޗުގެ ކުއީންއަކަށް ހޮވުނީ ޖަލާލުއްދީނުގެ ވިންގް އެޓޭކް މަރިޔަމް ސައުޝަން ބަޝީރެވެ.
15 އަހަރުން ދަށުގެ ބައިން މިއަދު ހެނދުނު ޖަލާލުއްދީނާ ނޮޅިވަރަމް ސްކޫލް ކުޅޭއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ އަފީފުއްދީނާއި ކުމުންދޫ ސްކޫލެވެ. 13 އަހަރުން ދަށުގެ ބައިން މިއަދު ހަވީރު އަފީފުއްދީނުން ހދ އޭއީސީއާއި ދެކޮޅަށް ނުކުންނައިރު ޖަލާލުއްދީން ނުކުންނާނީ ފުނަދޫ ސްކޫލާ ދެކޮޅަށެވެ. މިރޭ ކުޅެވޭ 17 އަހަރުން ދަށުގެ ބައިގެ ފުރަތަމަ މެޗުގައި ނެއްލައިދޫއާއި ހދ އޭއީސީ ބައްދަލުކުރާއިރު މިރޭގެ ފަހު މެޗުގައި އަފީފުއްދީނުން ނުކުންނާނީ ޖަލާލުއްދީނާ ދެކޮޅަށެވެ.