ދުވަސްވަރަކީ، އުންމަތުގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރެވެ. އެކަލޭގެފާނު އިންނެވި ތަނަށް މައްޔިތަކު ގެންދެވުނެވެ. އެ ހިނދު އެ މައްޔިތާއަށް އެތަނުގައި ތިއްބެވި މީސްތަކުންގެ ހެޔޮ ސަނާ ކިޔުއްވިއެވެ. ޢުމަރުގެފާނު ދެންނެވިއެވެ. ވާޖިބު ވެއްޖެއެވެ. ދެން އެހެން މައްޔިތަކު އުފުލައިގެން ގެންދެވުނެވެ. އަދި އެ މައްޔިތާއަށްވެސް ހެޔޮ ރިވެތި ބަސްތަކުން މީސްތަކުން ތަޢުރީފު ކުރިއެވެ. ކުރިޔެކޭ އެއްފަދައިން ޢުމަރުގެފާނު ދެންނެވިއެވެ. ވާޖިބު ވެއްޖެއެވެ.
ދެން އޭގެ ފަހުން ތިންވަނަ މައްޔިތަކު ގެންދެވުނެވެ. ނަމަވެސް، ކުރީގައި މި ދެންނެވުނު ދެމައްޔިތާއާއި ޚިލާފަށް، ތިންވަނަ މައްޔިތާއާ މެދު އެތާ ތިއްބެވި މީސްތަކުންގެ ފަރާތުން ނުބައި ތަޢުރީފު އައެވެ. މި ފަހަރުވެސް ޢުމަރުގެފާނު ވިދާޅުވީ ވާޖިބު ވެއްޖެއެވެ.
އެހިނދު އެކަލޭގެފާނާ އެކުގައިވީ ބޭކަލުން އެކަލޭގެފާނަށް ސުވާލު ކުރެއްވިއެވެ. އޭނާގެ މައްޗަށް ވާޖިބުވެގެން އުޅެނީ ކޮން އެއްޗެއްތޯއެވެ؟
ވިދާޅުވިއެވެ. ތިމަން ބުނާހުށީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސް ކުރެއްވި އެއްޗެކެވެ. އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. "އެއްވެސް މުސްލިމެއްގެ މައްޗަށް ހަތަރު މީހުން ރަނގަޅު ހެކިދީފިނަމަ، މާތް ﷲ އެމީހަކު ސުވަރުގެ ވައްދަވާ ހުއްޓެވެ. އެ ހިނދު ތިމަންމެން ދެންނެވީމެވެ.
ތިން މީހުންނަމަ ކިހިނެއްތޯއެވެ؟ ހަދީސް ކުރެއްވިއެވެ. ތިން މީހުން ވިޔަސްމެއެވެ. އަދި ދެމީހުން ކިހިނެއްތޯ އެއްސެވީމެވެ؟ ހަދީސް ކުރެއްވިއެވެ. ދެމީހުން ވިޔަސްމެއެވެ. ދެން އިތުރަށް އަހުރެމެން ސުވާލެއް ނުދަންނަވަމެވެ."
އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. ނުބައި ތަޢުރީފު ކުރެވޭ މައްޔިތާއަށް ނަރަކަ ވާޖިބުވެގެންވެއެވެ. ވީމާ، މިހާދިސާއިން އަޅުގަނޑުމެންނާއި ބައްދަލުވާ މައްޔިތުންނާ މެދު ހެޔޮ ރަނގަޅު ބަސްތަކުން ތަޢުރީފު ކުރުމުގެ މުހިންމުކަން އެނގެއެވެ. މަޖަލަކަށް ހަދައިގެންވެސް މަރުވެފައިވާ މައްޔިތާއަށް ކުރެވިފައިވާ ނުބައި ކަންތައްތަކުގެ ވާހަކަތައް ކިޔުން ރަނގަޅެއް ނޫނެވެ.