twitterviber whatsapp telegramfacebookyoutube instagram
4th May 2024

މީގެ 4 އަހަރު ކުރިން ރާއްޖެ އޮތީ ބައިނަލްއަޤްވާމީ ދުނިޔެއާއި އެކަހެރިވެފަ: ރައީސް

ނަބީލާ އިސްމާޢީލް
Nov 12, 2022

މީގެ 4 އަހަރު ކުރިން ރާއްޖެ އޮތީ ބައިނަލްއަޤްވާމީ ދުނިޔެއާއި އެކަހެރިވެފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ 4 އަހަރު ކުރީގައި އެމަނިކުފާނު ގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ޤައުމު އޮތް ހާލަތަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އެދުވަހު ގައުމުގައި އޮތީ ހާސްކަމާއި ކަންބޮޑުވުމާއި، ބިރުވެރިކަން ކަމަށާއި، އެ ދުވަހު ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ހައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި، ކަށަވަރުކަމެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ސިޔާސީ ލީޑަރުން ތިއްބެވީ ބިރުވެރިކަމުގެ ތެރޭގައި ކަމަށާއި، ރާއްޖެ އޮތީ ބައިނަލްއަޤްވާމީ ދުނިޔެއާއި އެކަހެރިވެފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެއްވެސް ރައްޔިތަކު ތަފާތުކުރެއްވުމެއް ނެތި ވައުދުވެވަޑައިގެންނެވި ގޮތަށް ކަސިޔާރު ކަމެއް ނެތި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރެއްވުމުގައި 4 އަހަރު ހޭދަކުރައްވައިފިކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ބަދަލަކީ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫއަކުރުން ކަމަށާއި، ދެފުށްފެންނަ، ޖަވާބުދާރީ ކުރުވެނިވި، ޤާނޫނު އަސާސީގެ ތަރަޙައިގެ މައްޗަށް، ދައުލަތް ބިނާވުން އޭގެތެރޭގައި ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުވެ، މިނިވަންކަމާއެކު ހެލިފެލިވެ ދިރިއުޅުން އާރާސްތު ކުރެވޭނެ މާހައުލެއް ގާއިމުވުމަށްވެސް އެދުވަހު ރައްޔިތުން ބޭނުންވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ވެސް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި އެއީ ފަހުގެ ތާރީހެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލި ދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާކަމަށާއި، އެ ހާދިސާއާ ގުޅޭ ހުރިހާ ކަމެއް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުން ގެންދާކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މާލޭގައި މިފަދަ ހާދިސާތައް ކުރިމަތިވަމުން އަންނަނީ އެތައް އަހަރަކުން އުފެދިފައިވާ، ތޮއްޖެހުމާއި މާލޭގެ ދިރިއުޅުމުގެ ދަތިކަމުންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ވަޑާންގެއަކަސް، ގުދަނަކަސް، ގަރާޖެއް ކަމުގައިވިޔަސް މީހުންނާ އެކީ އެއްތާކު ތޮއްޖެހުމަކީ ރައްކާތެރި ދިރިއުޅުމަކަށް ނުވާނެއެވެ. އަދި މިގޮތުން ކެމިކަލް ގުދަންތައް މާލެއިން ބޭރަށް ބަދަލުކުރެވިއްޖެކަމަށާއި، ވޯކްޝޮޕްތަކާއި، ގަރާޖްތަކާއި، ވަޑާންގެތައް ވެސް މީހުން ދިރިއުޅޭ ސަރަޙައްދުތަކުން އެކަހެރި ކުރަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355