twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުމުންދޫ ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ޒީރުއަށް، ފުޓްސަލް ކިންގަކަށް ހާއްޕެއާއި ފަހުމާން

މުޙައްމަދު އަހުމަދު
Nov 13, 2022

ރޭ ނިމިގެންދިޔަ ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ބީޗް ސިޓީ ބަލިކޮށް ޒީރު ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

ފޯރިގަދަ ފައިނަލަކަށް ފަހު ރޭ ޒީރު ސްޕޯޓްސް ކުލަބުން މުބާރާތުގެ ތަށި ހިއްލާލިއިރު މިމެޗު ޒީރުން ކާމިޔާބުކޮށްފައިވަނީ 4 - 2 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރާއްޖޭގެ އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ ކަމަށްވާ ޒީރު ސްޕޯޓްސް ކުލަބްގެ އަލީ ހާފިޒް (ހާއްޕެ) އެވެ. ހާއްޕެ އަކީ ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިއެކެވެ.

ޒީރު ސްޕޯޓްސް ކުލަބުން ފައިނަލަށް ދަތުރުކުރީ ސެމީގައި 1 - 0 ގެ ހަނި ތަފާތަކުން އައްޓޯ އެފްސީ ބަލިކޮށްގެންނެވެ. އަދި ބީޗް ސިޓީ ސްޕޯޓްސް ކުލަބުން ފައިނަލަށް ދަތުރުކުރީ ސެމީގައި 2 - 1 ން ލަޔަން ބަލިކޮށްގެންނެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީ ލަޔަންގެ މުހައްމަދު އާދަމް، ބީޗް ސިޓީގެ ފަހުމާން އަބްދުލް ހަމީދު އަދި އައްޓޯ އެފްސީގެ އަހްމަދު ސިޒާންގެ އިތުރުން ޒީރު ސްޕޯޓްސް ކުލަބުގެ އަލީ ހާފިޒް (ހާއްޕެ)އާއި އެޓީމުގެ ރާޝިދު މޫސާ އެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި އައްޓޯ އެފްސީގެ ޖޯޒީ ނަމްބަރު 12 މުޝްރިފް މުހައްމަދު އެވެ. މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމު ހާއްޕެ ހޯދިއިރު ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ލެންޓަން އެފްސީ އެވެ.

މުޅި މުބާރާތުގެ އައިލެންޑް ބެސްޓް ޕްލޭޔަރ އަކަށް ފަހުމާން އަބްދުލް ހަމީދު ހޮވުނުއިރު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަލީ ހާފިޒް (ހާއްޕެ) އެވެ. އައިލެންޑް ބެސްޓް ޕްލޭޔަރ އަކީ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދައްކާ ކުމުންދޫއަށް ނިސްބަތްވާ ކުޅުންތެރިއަކަށް ދޭ އިނާމެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން ޒީރު ސްޕޯޓްސް ކުލަބުން ހޯދިއިރު އެޓީމަށް ވަނީ ޓްރޮފީގެ އިތުރުން ފައިސާގެ އިނާމުގެ ގޮތުގައި 10000 ރުފިޔާ ދީފަ އެވެ. ރަނަރއަޕްކަން ހޯދި ބީޗް ސިޓީއަށް ލިބުނީ ޓްރޮފީގެ އިތުރުން 5000 ރުފިޔާގެ ފައިސާ އިނާމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355