twitterviber whatsapp telegramfacebookyoutube instagram
19th April 2024

13 އަހަރާއި 15 އަހަރުން ދަށުގެ ޗެމްޕިއަންކަން އަފީފުއްދީން ސްކޫލުން ހޯދައިފި

މުޙައްމަދު އަހުމަދު
Nov 13, 2022

މިހާރު ކުރިއަށްދާ ފަސްޓް އިންޓަރ ސްކޫލް ޒޯން ނެޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރާ އަދި 15 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުން ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅެވުނު 13 އަހަރުން ދަށުގެ ފައިނަލް މެޗުގައި ޖަލާލުއްދީން ސްކޫލް ބަލިކޮށް އަފީފުއްދީނުން މުބާރާތުގެ ތަށި ހިއްލާލާފައިވާއިރު މިމެޗު އަފީފުއްދީން ސްކޫލުން ކާމިޔާބުކުރީ 20 ޕޮޓް 2 ޕޮޓުގެ ބޮޑު ތަފާތަކުންނެވެ. ފަސޭހަކަމާއެކު މިއަދުގެ ފައިނަލުގައި އަފީފުއްދީން ސްކޫލުން ޖަލާލުއްދީން ބަލިކޮށްފައިވާއިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަފީފުއްދީން ސްކޫލުގެ ހުނަރުވެރި ގޯލް އެޓޭކް މަރިޔަމް ނާޔާ އެވެ.

15 އަހަރުން ދަށުގެ ފައިނަލުގައި މިރޭ އަފީފުއްދީން ސްކޫލާއި ކުމުންދޫ ސްކޫލް ބައްދަލުކުރިއިރު މިރޭގެ ފައިނަލް މެޗަކީ މިހާތަނަށް މިމުބާރާތުގައި އެންމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗެވެ. 15 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލަށް މިދެޓީމު ދަތުރުކުރީ ވެސް މޮޅު ކުޅުމަކާ އެކު އެވެ.

މިރޭގެ ވާދަވެރި ފައިނަލުގެ ކުރިން ވެސް ގްރޫޕް ސްޓޭޖުގައި މިދެޓީމު ބައްދަލުކޮށްފައިވާއިރު އެމެޗު ކާމިޔާބުކުރީ 21 - 19 އަފީފުއްދީން ސްކޫލުންނެވެ. މިރޭގެ މެޗުގައި ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަ ހަމަ ކުޅުމެކެވެ.

އެހެންނަމަވެސް މިރޭގެ މެޗު 20 - 19 ގެ ހަނި ތަފާތަކުން ކާމިޔާބުކޮށް މުބާރާތުގެ ތަށި ހިއްލާލީ އަފީފުއްދީން ސްކޫލުންނެވެ. މެޗުގައި ކުމުންދޫ ސްކޫލުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ އެންމެފަހު ވަގުތާ ޖެހެންދެން ވެސް ދެޓީމުން މެޗުގައި ހިތްވަރު ދައްކާ ކުމުންދޫ ސްކޫލުން ވަނީ މެޗުގެ ނަތީޖާ އަނބުރާލެވޭ ތޯ މަސައްކަތްކޮށްފަ އެވެ. ނަމަވެސް ކާމިޔާބުވާ ގޮތް ނުވީ އެވެ.

15 އަހަރުން ދަށުގެ ފައިނަލް މެޗުގެ ކުއީން އޮފް ދަ މެޗުގެ މަގާމު ހާސިލްކުރީ އަފީފުއްދީން ސްކޫލުގެ ކުޅަދާނަ ގޯލް ޑިފެންސް އައިޝަތު ހަނާން ހަސަން އެވެ. ހަނާންގެ ފަރާތުން މިމެޗުގައި ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުން މޮޅުވުމުގައި ހަނާން ވަރަށް ބޮޑު ރޯލެއް އަދާކޮށްފައިވެ އެވެ. ހަނާންގެ ފަރާތުން ގިނަ ބްލޮކްތަކެއް ފެނިގެންދިޔައިރު އޭނާ ވަނީ ކުމުންދޫގެ ގިނަ ޝޮޓްތަކެއް ބްލޮކްކޮށްފަ އެވެ.

މުބާރާތުގައި ބާކީ އަދި އެއް މެޗު ކުޅެވޭނެ އެވެ. މާދަމާ ހަވީރު ކުޅެވޭ 17 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލުގައި ބައްދަލުކުރާނީ އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލެވެ. މިމެޗު ކުޅެވޭނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355