ވޯލްޑް ކަޕް ފެށެން އެންމެ ދުވަހަކަށްވެފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން ފުރާންސަށް މިފަހަރުގެ ވޯލްޑް ކަޕުގެ ތަށި ދިފާއުކުރެވޭނެކަމުގެ ސުވާލު އަންނަނީ އުފެދެމުންނެވެ. ފޭވަރިއްޓެއްގެ ގޮތުގައި ވޯލްޑްކަޕަށް ފްރާންސް އައި ނަމަވެސް އެންމެފަހުން ކުޅުނު މެޗުތަކުން ނުކުތް ނަތީޖާތަކުން އެޓީމަށް ތަށި ދިފާއުކުރެވޭނެކަމުގެ ސުވާލު އަންނަނީ އުފެދެމުންނެވެ.
މިހާތަނަށް ފްރާންސުން 15 ފަހަރަށް ވޯލްޑް ކަޕުގައި ވާދަކޮށްފައިވާއިރު އެޓީމު ވަނީ ދެފަހަރެއްގެ މަތިން މުބާރާތުގެ ތަށި ހިއްލާލާފަ އެވެ. އެއީ 1998 އަދި 2018 ވަނަ އަހަރު އެވެ. ޖުމްލަ 120 ގޯލު ފްރާންސުން ވޯލްޑްކަޕުގައި ކާމިޔާބުކޮށްފައިވާއިރު އެޓީމުން އެއް ވޯލްޑް ކަޕެއްގައި ހެދި އެންމެ ބޮޑު ރެކޯޑަކީ 34 މޮޅު، 13 އެއްވަރު، 19 ބައްޔެވެ.
ވޯލްޑް ކަޕުގެ މެޗެއްގައި ފްރާންސުން މިހާތަނަށް ހޯދި އެންމެ ބޮޑު މޮޅަކީ 7 - 3 ން 1958 ގެ ވޯލްޑް ކަޕުގައި ޕެރެގުއޭގެ މައްޗަށް ހޯދި މޮޅެވެ. މިވަގުތު ދުނިޔޭގެ ރޭންކިން 4 ވަނައިގައި އޮތް ފްރާންސް ސްކޮޑުން އެންމެ ގިނަ ޓީމުތައް ޖެހިލުންވާނެ އެއް ކުޅުންތެރިޔަކީ ޕީއެސްޖީއަށް ކުޅޭ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭކަން ޔަގީނެވެ.
22 ނޮވެމްބަރުގައި ފްރާންސުގެ ފުރަތަމަ މެޗަށް އެޓީމު ނުކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ. ނޮވެމްބަރު 26 ގައި ޑެންމާކާ ދެކޮޅަށް ނުކުންނައިރު 30 ގައި ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ.
ކުޑަ ތަފާތަކުން ޔޫއެފާ ނޭޝަންސް ލީގުގެ ރެލިގޭޝަނުން ސަލާމަތްވި ފްރާންސް އެންމެފަހުން ކުޅުނު މެޗުތަކުގައި އެންމެ އެދެވޭ ނަތީޖާއެއް ނެރެވިފައިނުވި ނަމަވެސް އެޓީމުން ވޯލްޑްކަޕް ފަށާނީ ބޮޑެތި އުއްމީދުތަކަކާއެކު އެވެ.
ލެސް ބްލޫސްއިން އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނަމަވެސް އެޓީމު ފާހަގަކުރެވެނީ މުބާރާތުގެ ފޭވަރިއްޓެއްގެ ގޮތުގަ އެވެ. ފްރާންސްގެ މެނޭޛަރު ޑިޑިއޭ ޑިޝޯމްޕްސްއަށް މިފަހަރުގެ ޓީމަށް ބޭނުންވާ ގިނަ ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ.
އާންމުކޮށް ފްރާންސްގެ ފުރަތަމަ 11 ގައި ހިމެނޭ އެންގޯލޯ ކާންޓޭއާއި ޕައުލް ޕޮގްބާ މިފަހަރުގެ ވޯލްޑް ކަޕުން އަނިޔާގެ ސަބަބުން ނުފެންނާނެ އެވެ. ނަމަވެސް އެކުޅުންތެރިންގެ ބަދަލުގައި ކުޅެން އެރުވޭނެ ގިނަ ކުޅުންތެރިންތަކެއް ފްރާންސް ސްކޮޑްގައި ހިމެނެ އެވެ. ހާއްސަކޮށް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މިސީޒަނުގައި ރެއާލް މެޑްރިޑްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ 22 އަހަރުގެ އައުރެލިން ޓޫކަމެނީ އެވެ.
ލަފާކުރެވޭ ގޮތުގައި ފްރާންސް ގްރޫޕް ސްޓޭޖްގައި ފަހަނައަޅާ ދެވަނަ ބުރަށް ދަތުރުކުރާނެ އެވެ. ގްރޫޕް ޑީގައި ފްރާންސް ހިމެނުނުއިރު އެންމެފަހުން ބޭއްވި ވޯލްޑް ކަޕުގައި ފްރާންސް ހިމެނުނު ގްރޫޕާ މިފަހަރުގެ ގްރޫޕާ މާ ބޮޑު ތަފާތެއް ވެސް ނެތެވެ. މިފަހަރު ގްރޫޕް ޑީގައި ފްރާންސާއެކު އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިއާ ހިމެނޭއިރު އެންމެފަހުން ވޯލްޑް ކަޕުގައި ފްރާންސް ހިމެނުނީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޕެރޫއާ އެއް ގްރޫޕެއްގަ އެވެ. އެފަހަރު ފްރާންސުން ވަނީ 7 ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދާފަ އެވެ.
ވޯލްޑް ކަޕުގައި ލެސް ބްލޫސް:
ލެސް ބްލޫސް (ފްރާންސް)ގެ ފުރަތަމަ ކާމިޔާބު މުބާރާތަކީ 1958 ގެ ވޯލްޑް ކަޕެވެ. އެފަހަރު ސްވިޑަންގައި އޮތް މުބާރާތުގައި ފްރާންސްގެ ސްޓަރައިކަރު ޖަސްޓް ފޮންޓެއިން ވަނީ 6 މެޗުން 13 ގޯލު ކާމިޔާބުކޮށްފަ އެވެ.
ފްރާންސްގެ ނަން ފުޓްބޯޅައިގެ އެންމެ ބޮޑު ސްޓޭޖްގައި އެންމެ ބޮޑަށް ފާހަގަވެގެން އައީ 1980ގެ އަހަރުތަކުގަ އެވެ. 1982 ގައި 3 ވަނަ އަދި 1986 ގައި ވޯލްޑް ކަޕުގެ 4 ވަނަ ފްރާންސުން ހޯދިއިރު 1984 ގެ ޔޫރޯ ފްރާންސުން ކާމިޔާބުކުރި އެވެ.
އޭރުގެ ފްރާންސް ޓީމުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު މިޝޭލް ޕްލެޓިނީއާއި ޑިފެންޑަރު މާރިއަސް ޓްރެސާ ކަހަލަ ކުޅުންތެރިން ހިމެނުނު އިރު ވާދަވެރި އަދި ވޯލްޑް ކަޕްގެ އެންމެ ޑްރާމާ ބޮޑު މެޗުތައް ފެނިގެންދިޔަ އެވެ. ހާއްސަކޮށް 3 - 3 ވެސްޓް ޖަރުމަނާ ފްރާންސް 1982 ގެ ވޯލްޑް ކަޕުގެ ސެމީގައި އެއްވަރުވި މެޗު ހިމެނެ އެވެ.
މިފަހަރުގެ ގޯލްޑަން ޖެނެރޭޝަނުން ފްރާންސުން އެފަހަރުގެ ވޯލްޑްކަޕަށް ފަހު ކޮލިފައިނުވެ 2 ވޯލްޑްކަޕް ދިޔަ ދިޔުން ބަދަލުކުރަން ޖެހޭނެ އެވެ. އެފަހަރަށް ފަހު ދެފަހަރު ކޮލިފައިނުވި ފްރާންސް ވޯލްޑް ކަޕުގެ ތަށީގައި އަތް ޖައްސާލުމަށް 1998 ވަނަ އަހަރާ ހަމައަށް އިންތިޒާރު ކުރަން ޖެހުނެވެ.
އެފަހަރު އަމިއްލަ ގައުމުގައި އޮތް ވޯލްޑް ކަޕުގެ ތަށި ފުރާންސުން ހިއްލާލިއިރު އެއީ އެގައުމުން ވޯލްޑް ކަޕު ބޭއްވި ދެވަނަ ފަހަރެވެ. އަދި އެތަށި އެޓީމުން ހިއްލާލި ފުރަތަމަ ފަހަރެވެ.
1998ގެ ޓީމުގައި ތިއެރީ އޮންރީއާއި ޑޭވިޑް ޓްރެޒެގުއެޓް އަދި ޒިނެދިން ޒިދާން ހިމެނުނުއިރު ފައިނަލުގައި 3 - 0 ން ފަސޭހަކަމާއެކު ގަދަފަދަ ބްރެޒިލް ބަލިކޮށް ޖެހިގެން އައި 2000 ވަނަ އަހަރުގެ ޔޫރޯ ވެސް ފްރާންސުން ހިއްލާލި އެވެ.
ނަމަވެސް 1998 އަށް ފަހު 2002 ގައި ސައުތް ކޮރެއާއާއި ޖަޕާނުގައި ބޭއްވުނު ވޯލްޑް ކަޕް 2002 ގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ނުދެވި ފްރާންސް ކެޓިއިރު 2002 ވަނަ އަހަރުގެ ޔޫރޯގައި އެފަހަރުގެ ޗެމްޕިއަން ގްރީސް އަތުން ކުއާޓާ ބަލިވެ ފްރާންސް ކެޓި އެވެ.
1998 އަށް ފަހު ދެވަނަ ފަހަރަށް ވޯލްޑް ކަޕެއްގެ ފައިނަލަށް ފްރާންސް ދަތުރުކޮށްފައިވަނީ 2004 ގަ އެވެ. އެފަހަރުގެ ފައިނަލުގައި އިޓަލީއާ 1 - 1 ން އެއްވަރުވިއިރު ޕެނަލްޓީގައި 5 - 3 ން ފްރާންސް ބަލިވި އެވެ.
އެހެންނަމަވެސް އެފަހަރުގެ ފައިނަލް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ޒިދާންގެ ސަބަބުންނެވެ. އެފައިނަލް އެންމެ ބޮޑަށް ހަނދާން ވެގެން ދަނީ މާކޯ މަޓެރާޒީގެ މޭގައި ޒިދާން ބޮލުން ޖެހުމުން ޒިދާންއަށް ރަތް ކާޑު ދެއްކި ހާދިސާގެ ސަބަބުންނެވެ.
2010 ގައި ސައުތް އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ފްރާންސް ވަނީ ކަޓާފަ އެވެ. 2016 ވަނަ އަހަރު ޔޫރޯ ފައިނަލުގައި ޕޯޗުގަލް އަތުން ފްރާންސް ބަލިވި ނަމަވެސް ޖެހިގެން އައި ވޯލްޑް ކަޕުގެ ފައިނަލުގައި 4 - 2 ން ކްރޮއޭޝިއާ ބަލިކޮށް އެގައުމުގެ ދެވަނަ ވޯލްޑް ކަޕް ތަށި ހިއްލާލި އެވެ.
މިފަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ފްރާންސުން ނުކުންނާނީ ގިނަ އުއްމީދުތަކަކާ ބޮޑު ޕްރެޝަރެއްގައި އެންމެފަހުގެ ޗެމްޕިއަނުންގެ ގޮތުގައި މުބާރާތުގެ ތަށި ދިފާއުކުރުމަށެވެ.
ކުރެވޭ އުއްމީދުތައް/ލަފާތައް:
މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ފްރާންސުން ފައިނަލަށް ނުދެވުނަސް އެންމެ ދަށް މިނުން ސެމީއަށް ދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެ އެވެ. އަދި ގްރޫޕް ސްޓޭޖްގައި ފަސޭހަކަމާއެކު މޮޅުވެ އެޓީމުން ދެވަނަ ބުރަށް ދަތުރުކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ދެވަނަ ބުރުގައި ހީކުރެވޭ ލަފާތަކާ އެއްގޮތަށް ދާ ނަމަ ބައްދަލުކުރަން ޖެހޭނީ ޕޮލެންޑް ނުވަތަ މެކްސިކޯއާ އެވެ.
އެއާ ޖެހިގެން އިންގްލެންޑް، ނެދަލެންޑްސް ނުވަތަ ސެނެގާލްއާ އެވެ. އަދި ސެމީގައި ބްރެޒިލް، ބެލްޖިއަމް ނުވަތަ ޖަރުމަނު ކަހަލަ ގަދަބާރަކާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑެވެ.