ޓޫރިޒަމް މިނިސްޓްރީއާއި އޯޝަން ޖިއޮގްރަފިކް ސޮސައިޓީ އާއި މޯލްޑިވްސް އެލައަންސް އޮފް ޑައިވް އޮޕަރޭޓާސް (މަޑޯ) ގުޅިގެން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ފަރުތަކުގެ ދިރުން ބެލުމަށް ބާއްވާ ފޮޓޯ މުބާރާތް ދިރާގުން ފަށައިފިއެވެ. އެ މުބާރާތް ކުރިއަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށެވެ.
ދިރާގުން ބުނީ އެ މުބާރާތުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލައި، ކޮންމެ އަހަރަކު މިފަދަ ޗެކްއަޕެއް ކުރިއަށް ގެންދިޔުން ކަމަށެވެ.
މީގެ އިތުރުން އެ މުބާރާތަކީ ރާއްޖޭގެ ގުދުރަތީ މާހައުލު ހިމާޔާތް ކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މުބާރާތެއް ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑި ބޭރު މީހުންނަށް ދައްކާލުމަށް ވެސް މަގުފަހިވާ ކަމަށް ދިރާގުން ބުންޏެވެ.
އެ މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 މަޝްހޫރު ޑައިވް ސައިޓެއް ކުރިއާލާ ވަނީ ކަނޑައަޅާފައެވެ. މިއިން އެއް ސައިޓަށް ނުވަތަ އެއަށް ވުރެ ގިނަ ސައިޓުގެ ފޮޓޯ ނަގައިގެން ވެސް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެއެވެ. ނަމަވެސް ނަގާ ކޮންމެ ސައިޓަކުން ފަސް ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހޭނެއެވެ.
ދިރާގުން ބުނީ އެ މުބާރާތުގެ ފޮޓޯތައް ބައިނަލްއަގްވާމީ ޖަޖިން ޕެނަލަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ތިން އޮނަރަބަލް މެންޝަން ހޮވާނެ ކަމަށެވެ.
މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށް ވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވިކަމުގެ ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް ސެޓްފިކެޓެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެެވެ.
ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތަކުރަމުން ދަނީ ދިވެހިރާއްޖޭގެ ތިމާވެށީ ހިމާޔަތްކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެއީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އެއް އަމާޒު ކަން ވެސް ދިރާގުން ފާހަގަކުރެއެވެ.